ނަރުހުންނަށް ދިމާވެފައިވާ ތަފާތު ދަތިތައް ދެނެގަނެ، އެ ކަންކަން ރޭވުންތެރިކަމާއެކު ހައްލުކުރުމަކީ ކޮންމެހެންކުރަންޖެހޭ ކަމެއްކަމަށް، ދިވެހި ނަރުހުންގެ ޖަމްޢިއްޔާއިން ސަރުކާރުގެ ސަމާލުކަމަށް ގެނެސްފިއެވެ.
އެ ޖަމްޢިއްޔާއިން މިރޭ ނެރުނު ބަޔާނެއްގައި، ނަރުހުންގެ ދުވަސް މިއަދު ފާހަގަކުރެވެމުންދާއިރު، ދިވެހިރާއްޖޭގެ ނަރސިންގ ދާއިރާ ހަރުދަނާކުރުމަށް ކުރަންޖެހޭ މުހިންމު ކަންތައްތަކެއް ހުރިކަމަށް ފާހަގަކުރާކަމަށެވެ.
މި ގޮތުން، ދިވެހިރާއްޖޭގެ ނަރުހުންނަށް ދިމާވެފައިވާ ތަފާތު ދަތިތައް ދެނެގަނެ، އެ ކަންކަން ރޭވުންތެރިކަމާއެކު ހައްލުކުރުމާއި، ނާރސިން ދާއިރާއަށް ބޭނުންވާ މީހުން ބިނާކުރުމަކީ، ކޮންމެހެން ވެސް ކުރަންޖެހޭކަމެއް ކަމަށް ނަރުހުންގެ ޖަމްޢިއްޔާއިން ބުނެފައިވެއެވެ.
މީގެ އިތުރުން، އެ ޖަމްޢިއްޔާއިން ބުނީ، ނާރސިން ދާއިރާއަށް މީހުން ބިނާކޮށް، އެ މީހުންނަށް ވަޒީފާދިނުމުގައި ހަމަހަމަކަން ޤާއިމުކުރުމުގެ އުސޫލުތައް މުރާޖަޢާކުރުމަކީ ވެސް މުހިންމުކަމެއްކަމަށް ދެކޭކަމަށެވެ.
އަދި ސިއްހީދާއިރާގެ ކަންކަން ނިންމުމުގައި، ނަރުހުންގެ ބައިވެރިވުން އިތުރުކުރުމަކީ ވެސް ކޮންމެހެން ކުރަންޖެހޭކަމެއްކަމަށް ދެކޭކަމަށާއި، މި ކަންކަން ސަރުކާރާއި، ނަރުހުން މަސައްކަތްކުރާ ތަފާތު މުއައްސަސާތަކުގެ ސަމާލުކަމަށް ގެންނަކަމަށް ވެސް އެ ޖަމްޢިއްޔާއިން ބުނެފައިވެއެވެ.
https://twitter.com/ADKNURSING/status/1260245884962365442?s=19
ނަރުހުންނޭ ބުނުމުން ގިނަ މީހުންނަށް ތަސައްވަރުކުރެވެނީ، ބަލިމީހުންނަށް ޑޮކްޓަރު ލިޔެދެއްވާ ބޭސްދީ އިންޖެކްޝަން ޖަހާ މީހާކަމުގައްޔާއި، ބަލި މީހުންނަށް ބޭނުންވާ ކަންކަން އޯގާތެރިކަމާއި ލޯތްބާއެކު ކޮށްދޭ މީހެއްގެ ގޮތުގައެވެ.
ނަމަވެސް މިއީ، ނަރުހެއްގެ މަސައްކަތުގެތެރެއިން ބޮޑުބައެއްކަމުގައި ވީނަމަވެސް، ހަޤީޤަތުގައި ނަރުހުން ކުރާ މަސައްކަތުގެ ދާއިރާ މާފުޅާވެފައި، ބަލިމީހާއަށް ފަރުވާދިނުމުގައި، ވަރަށް މުހިންމު މަސައްކަތްތަކެއް ނަރުހުންކުރާކަމަށް ނަރުހުންގެ ޖަމްޢިއްޔާއިން ފާހަަގަކޮށްފައިވެއެވެ.
މި ގޮތުން ބަލިމީހާއަށް ލިބެމުންދާ ފަރުވާއަށް ގަޑިންގަޑިއަށް ގެންނަންޖެހޭ ބަދަލުގެނައުމާއި، ބަލިމީހާއަށް ލިބެންވާ ފަރުވާ ކުރިއަށް ރޭވުމަށް ބޭނުންވާ މަޢުލޫމާތު ހޯދައި އެއްކުރުމަކީ ކުރެވޭ އެންމެ މުހިންމު އެއް މަސައްކަތްކަމަށް ނަރުހުންގެ ޖަމްޢިއްޔާއިން ބުނެފައިވެއެވެ.
މީގެ އިތުރުން ބައްޔާއި، ބޭހުގެ ސަބަބުން ބަލިމީހާއަށް ޖިސްމާނީ އަދި ނަފްސާނީގޮތުން އަންނަ ބަދަލުތައް ފާހަގަކޮށް ދެނެގަނެ، އެ މަޢުލޫމާތުތައް ރެކޯރޑްކޮށް ބަލިމީހާގެ ފަރުވާގައި ބައިވެރިވާ އެހެން ސިއްހީ މާހިރުންނާއި، ހިއްސާކުރުން ވެސް ހިމެނޭކަމަށް ނަރުހުންގެ ޖަމްޢިއްޔާއިން ބުނެއެވެ.
މި ގޮތުން ބަލިމީހާއަށް ލިބެމުންދާ ފަރުވާ މުރާޖަޢާކޮށް ކުރިއަށްދެވޭނެ ފަރުވާ ރޭވިގެންދަނީ އެ މަޢުލޫމާތުތަކުގެ އަލީގައިކަމަށް ވެސް ނަރުހުންގެ ޖަމްޢިއްޔާއިން ބުނެއެވެ.
މީގެ އިތުރުން އެ ޖަމްޢިއްޔާއިން ބުނީ، މި ގޮތަށް މަސައްކަތްކުރުމަށް ބޭނުންވާ ތަޢުލީމާއި ތަމްރީނު ނަރުހުންނަށް ދިނުމަކީ، ޤައުމެއްގެ ސިއްހީ ދާއިރާ ހަރުދަނާކޮށް ރައްޔިތުންނަށް އިތުބާރުހިފޭ ރަނގަޅު ޚިދުމަތްތަކެއް ކަށަވަރުކޮށްދިނުމުގައި މުހިންމުކަމެއްކަން ފާހަގަކުރާކަމަށެވެ.

