ކިތަންމެ މޮޅު ގާނޫނެއް ގެނެއި ނަމަވެސް އެއް ހަމައަކުން ގާނޫނު އެންމެންގެ މައްޗަށް ނުހިނގާނަމަ އަބަދުވެސް ބަންދުގައި ހުންނާނީ ”ރިހާކުރު ފުޅި“ ނެގި މީހާ ކަމަށް ހުޅުމާލެ ދެކުނު ދާއިރާ ޑރ. އަހުމަދު ޝަމްހީދު ވިދާޅުވެއްޖެއެވެ.
ސަރުކާރުގެ ފަރާތުން ފުވައްމުލަކު މެދު ދާއިރާގެ މެމްބަރު އަލީ ފަޒާދު ހުށަހަޅުއްވާފައިވާ ކުށް ކޮށްގެން ހޯދާ މުދަލާ ބެހޭ ބިލުގެ އިބްތިދާއީ ބަހުސްގައި ޝަމްހީދު ވިދާޅުވީ ކުށް ކޮށްގެން ހޯދާ މުދަލާއި، ނުހައްގު މުއްސަނދިކަން މަނާކުރުމަކީ މިއީ މި ގާނޫނުގެ އެންމެ ބޮޑު ބޭނުން ކަމަށް ގަބޫލުކުރައްވާ ކަމަށެވެ. ޝަމްހީދު ވިދާޅުވީ ރާއްޖޭގައި ގާނޫނެއް އެއް ހަމައަކުން އެންމެންގެ މައްޗަށް ނުހިނގާ ކަމަށާއި އަބަދުވެސް ބަންދުކޮށް ޖަލަށް ލަނީ ”ރިހާކުރު ފުޅި“ ނަގާ މީހާ އެކަނި ކަމަށެވެ.
ޝަމްހީދު ވިދާޅުވީ ގާނޫނުތައް އެއް ހަމައަކުން އެންމެންގެ މައްޗަށް ނުހިނގާއިރު، ކިތަންމެ ގިނަ ގާނޫނެއް ގެނެސް މަޖިލީހަށް ވެއްދި ނަމަވެސް އެއިން ކުރާނެ ފައިދާއެއް ނެތް ކަމަށެވެ. މެމްބަރު ވިދާޅުވީ ރައްޔިތުންގެ ފައިސާއިން ވައްކަންކުރުން ހުއްޓުވޭނީ އެއްހަމައަކުން ގާނޫނު ތަންފީޒުކުރަން ފެށުމުން ކަމަށެވެ.
”ވޭތުވެވެދިޔަ ދުވަސްތަކުގައި އަޅުގަނޑުމެންނަށް ފެނުނީ ދެ ހަފްތާއެއްގެ ތެރޭގައި އެންމެ މީހެއްގެ މައްޗަށް ދައުލަތުގެ މުދަލަށް ދައުލަތަށް ލިބިދާނެ ގެއްލުމަށް، މަންފާއެއް އޮއްވައި އެނޫން ގޮތަކަށް އަމަލުކޮށްގެން ފެނަކަ ސައީދު މައްޗަށް ހުކުމެއް ކުރިތަން ދެ ހަފްތާއެއްގެ ތެރޭގައި. އަވަސް އަރުވާލާފައި. އެއާ އެކީގައި އެހެން މީހެއްގެ މައްޗަށް ވެސް ދައުވާކުރި، އެކަމަކު އެ ކުއްޖާއަށް ދައުވާކުރާށެކޭ ނޫން އަޅުގަނޑު މި ބުނަނީ. އެކަމަކު އަޅުގަނޑުމެންނަށް އެނގޭ އޮކްޓޫބަރު މަހު 3 ގެ ކުރިން މީހަކަށް ހުކުމް ޖަހާލަން ކުރި ކަމެއް ކަމަށް މިއީ،“
ޝަމްހީދު ވިދާޅުވީ އޭގެފަހުން ޝަރީއަތް ނުހިނގާ ކަމަށާއި އެކަން ހުއްޓިއްޖެ ކަމަށެވެ. ވޭތުވެދިޔަ 18 އަހަރުގެ ތެރޭގައި މުއްސަނދިންނަށް ވީ ދިވެހިރާއްޖޭގެ ކިތައް ސިޔާސީ މީހުންތޯ ޝަމްހީދު ސުވާލު ކުރިއެވެ. އެއަށް ކުރީ ކިތައް ދައުވާތޯ ބަލާއިރު، އެއްވެސް ދައުވާއެއް ކޮށްފައި ނެތްކަމަށް ޝަމްހީދު ވިދާޅުވިއެވެ.
ކިތަންމެ ”ކޮމްޕްލިކޭޓެޑް“ ގާނޫނުތަކެއް ގެނެއި ނަމަވެސް އެކަން ބޭނުންކުރާނީ ސިޔާސީ ބޭނުމަށް ކަމަށް ޝަމްހީދު ވިދާޅުވިއެވެ. ބޭނުންވާހާ ހިނދަކު ގާނޫނު ނަގައިފައި ބިރު ދެއްކިދާނެ ކަމަށާއި ކަން އޮންނަނީ އެ އުސޫލުން ކަމަށް ޝަމްހީދު ވިދާޅުވިއެވެ.

