ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

އުރަމަތީގެ ކެންސަރ އެވެއަރނެސް ސިންޕޯސިއަމް ފަށައިފި

ބްރެސްޓް ކެންސަރ އެވެއަރނެސް ސިންޕޯސިއަމް/ ފޮޓޯ: ރައީސް އޮފީސް
ޝެއާރކޮށްލާ ކަހަލަދޯ؟

އުރަމަތީގެ ކެންސަރު ކުރީކޮޅު ދެނެގަތުމާއި، ބައްޔަށް ފަރުވާދިނުމުގެ ނިޒާމު އިތުރަށް ހަރުދަނާކުރުމާ ގުޅޭގޮތުން މަޝްވަރާކުރުމަށް ބާއްވާ އަހަރީ ބައްދަލުވުން ރާއްޖޭގައި މިއަދު ފަށައިފިއެވެ.

ބްރެސްޓް ކެންސަރ އެވެއާނަސް ސިމްޕޯޒިއަމްގެ 7 ވަނަ ބައްދަލުވުން ފެށުމުގެ ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒުގެ އަނބިކަނބަލުން، މެޑަމް ސާޖިދާ މުހައްމަދެވެ.

މި އަހަރުގެ ބައްދަލުވުން ކުރިއަށް ގެންދަނީ ”ފްރޮމް ޑިޓެކްޝަން ޓު ރިކަވަރީ: އޮޕްޓިމައިޒިންގ ބްރެސްޓް ކެންސަރ ކެއަރ“ އެ ޝިއާރުގެ ދަށުންނެވެ. މި ބައްދަލުވުމުގެ މައިގަނޑު މަގްސަދަކީ ސިއްހީ ދާއިރާގެ މާހިރުންނާއި ހާއްސަ ޑޮކްޓަރުން އެއް ތަނަކަށް އެއްވެ، އުރަމަތީގެ ކެންސަރާ ގުޅޭގޮތުން މައުލޫމާތާއި ތަޖުރިބާ ހިއްސާކޮށް، ބަލިމީހުންނަށް ދެވޭ ހިދުމަތްތައް އިތުރަށް ރަނގަޅުކުރެވޭނެ ގޮތްތައް ހޯދުމެވެ. މި އަހަރުގެ ސިންޕޯސިއަމްގައި ރާއްޖެއާއި ރާއްޖެއިން ބޭރުން 16 ސްޕީކަރުން ބައިވެރިވެއެވެ.

މި ބައްދަލުވުމުގެ ތެރެއިން މައިގަނޑު ގޮތެއްގައި އަލިއަޅުވާލާނީ ބަލި ކުރީކޮޅު ދެނެގަތުމާއި، ސައްހަ ތަހުލީލުތައް ކުރުމާއި، އެކަށީގެންވާ ފަރުވާ ދިނުމުގެ އިތުރުން، ފަރުވާއަށްފަހު ބަލި މީހާ ރަނގަޅުވަމުން އަންނަ މަރުހަލާގައި ބޭނުންވާ އެހީތެރިކަން ފޯރުކޮށްދިނުމާ ގުޅޭގޮތުންނެވެ. މީގެ އިތުރުން، ޒަމާނީ މެޑިކަލް ޓެކްނޮލޮޖީއާއި ކުރިއަރާފައިވާ ސިއްހީ ވަސީލަތްތައް ބޭނުންކޮށްގެން، ޓެސްޓުތައް ހެދުމާއި ފަރުވާގެ ނިޒާމު އިތުރަށް ވަރުގަދަކުރުމުގެ މުހިންމުކަމުގެ މައްޗަށްވެސް އެ ބައްދަލުވުމުގައި މަޝްވަރާކުރެވޭނެއެވެ.

އަންހެނުންގެ މެދުގައި އެންމެ އާންމު އަދި ނުރައްކާތެރި އެއް ބައްޔެއްގެ ގޮތުގައި އުރަމަތީގެ ކެންސަރު އަދިވެސް އޮތުމާއެކު، މި އަހަރީ އިވެންޓުގެ ސަބަބުން އެ ބައްޔާމެދު އޮތް ހޭލުންތެރިކަން އިތުރުވެ، ރާއްޖޭގައި އުރަމަތީގެ ކެންސަރަށް ދެވޭ ފަރުވާގެ ފެންވަރު ރަނގަޅުކޮށް، ފަސޭހައިން ހިދުމަތް ލިބޭނެ މަގު ފަހިކުރުމަށް ކުރެވޭ މަސައްކަތްތަކަށް އިތުރު ބާރެއް ލިބިގެންދާނެއެވެ. އަދި މިއީ ސިއްހީ ހިދުމަތްތެރިންގެ މެދުގައި ހުނަރާއި ތަޖުރިބާ ބަދަލުކޮށް، ރާއްޖޭގެ ސިއްހީ ނިޒާމު އިތުރަށް ހަރުދަނާކުރުމަށް ލިބުނު މުހިންމު ފުރުސަތެކެވެ.

ބްރެސްޓް ކެންސަރ އެވެއަރނެސް ސިންޕޯސިއަމް ކުރިއަށްދާނީ، އެއް ދުވަހުގެ މުއްދަތަށެވެ. އެ ސިމްޕޯޒިއަމްގެ ބޭނުމަކީ، އަންހެނުންނަށް ޖެހޭ އުރަމަތީގެ ކެންސަރާ މެދު ހޭލުންތެރިކަން އުފައްދާ، ބަލިން ރައްކާތެރިވުމަށް އެޅިދާނެ ފިޔަވަޅުތަކާ ބެހޭގޮތުން މަޝްވަރާކުރުމެވެ.

ދުނިޔޭގެ ސިއްހަތު ޖަމްއިއްޔާއިން ކޮށްފައިވާ ދިރާސާއެއްގައި ވާގޮތުން ދުނިޔޭގައި ދެވަނައަށް އެންމެ ގިނަ މީހުން މަރުވަނީވެސް ކެންސަރު ބަލީގެ ސަބަބުންނެވެ. އެހެންނަމަވެސް އެ ބައްޔަކީ، ކުރިން ދުރާލާ ފަރުވާ ހޯދައިފިނަމަ ނުރައްކާތެރިކަން ކުޑަ ބައްޔެކެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: