ސިއްހީ ފަރުވާ ދިމުނުގައި ހޮސްޕިޓަލްތަކުން ވެވޭ އިހުމާލުތަކަށް މިވަގުތު ދިވެހިރާއްޖޭގައި ގާނޫނެއް ހެދިފައި ނެތަސް ސިއްހީ ހިދުމަތުގެ ގާނޫނުގެ ތެރެއިން ލިބިފައިވާ ބާރުގެ ތެރެއިން ސިއްހީ ފަރުވާ ހޯދުމުގެ ތެރެއިން ލިބޭ ގެއްލުމެއްގެ މައްސަލަ ބަލައި ދިނުނަށް ކޮންމެ ރައްޔިތަކަށް ވެސް މިނިސްޓްރީގައި އެދެވޭނެކަމަށް ސިއްހަތާއި އާއިލާއާއި އިޖުތިމާއީ އެހީއާ ބެހޭ ވަޒީރު ޑރ. ގީލާ އަލީ ވިދާޅުވެއްޖެއެވެ.
ވަޒީރުންނާއި ސުވާލުކުރުމަށް ސަރުކާރުން ކުރިއަށް ގެންދާ އަހާ ފޯރަމްގައި އާންމު ރައްޔިތަކު ވަނީ ރާއްޖޭގެ ހޮސްޕިޓަލްތަކުގައި މެޑިކަލް ނެގްލިޖެންސްގެ ގާނޫނެއް ނެތުމުން މައްސަލަތައް ސާބިތުކުރުމަށާއި އަދި އެފަދަ މައްސަލަތަކުގައި އެކި ގޮތްގޮތަށް ވާހަކަދެކެވެމުންދާކަން ފާހަގަކޮށް އެފަދަ ކަންކަން ހުއްޓުވުމަށް ޓަކައި މެޑިލަކް ނެގްލިޖަންސް ގާނޫނެއް ގާއިމުކުރުމަށް ސަރުކާރުގެ ހިޔާލަކީ ކޮބައިތޯ ސުވާލުކޮށްފައެވެ.
އެ ސުވާލަށް ޖަވާބު ދެއްވަމުން ވަޒީރު ގީލާ ވިދާޅުވީ، އެކަމަށް މިވަގުތު ވަކި ގާނޫނެއް ހެދިފައި ނެތް ނަމަވެސް ސިއްހީ ހިދުމަތުގެ ގާނޫނުގެ ތެރެއިން ލިބިފައިވާ ބާރުގެ ތެރެއިން ބޭސްފަރުވާ ކުރުމުގައި މެޑިކަލް ނިޖްލެޖެންސް ނުވަތަ އިހުމާލެއްގެ ސަބަބުން މީހަކަށް އަނިޔާއެއް ނުވަތަ ގެއްލުމެއް ލިބުމުން އެފަދަ މައްސަލަ ބަލައި އެކަމުގައި އަޅަންޖެހޭ ފިޔަވަޅުތައް އަޅަމުންދާ ކަމަށެވެ.
”މިވަގުތު ވަކި ގާނޫނެއް ހެދިފައިނެތް ނަމަވެސް ސިއްހީ ހިދުމަތުގެ ގާނޫނުގެ ތެރެއިން ލިބިފައިވާ ބާރުގެ ތެރެއިން ކޮންމެ ރައްޔިތަކަށްވެސް ސިއްހީ ހިދުމަތުގެ ތެރެއިން އަމިއްލަ ފަރާތަކުން ފޯރުކޮށްދޭ ހިދުމަތަކަށް ވިޔަސް ސަރުކާރުން ފޯރުކޮށްދޭ ހިދުމަތަކަށް ވިޔަސް އެ ހިދުމަތެއްގެ ތެރެއިން ލިބޭ ގެއްލުމެއް ނޫނީ އިހުމާލެއްގެ ސަބަބުން އެމީހެއްގެ މައްސަލަ ބަލައި ދިނުނަށް މިނިސްޓްރީއަށް އެދެވޭނެ. އަދި އެދުނުކަމުގައި ނުވިނަމަވެސް އަޅުގަނޑުމެންގެ ސަމާލުކަމަށް އެކަމެއް މީޑީއާއެއްގެ ޒަރިއްޔާއިން އަޔަސް އެކަމެއް ބަލާނެ. އެކަމަށް ހާއްސަ މުވައްޒަފެއް ހުންނާނެ،“ ގީލާ
ގީލާ ވިދާޅުވީ އެފަދަ މައްސަލަތައް ބަލައިދިނުމަށް ގާނޫނީ ގޮތުން ހާއްސަ މުވައްޒަފެއް މިނިސްޓްރީގައި ހުންނަ ކަމަށެވެ. އަދި އެކަމަށް ހާއްސަ ޑިޕާޓްމަންޓުން އެފަދަ މައްސަލަތައް ބަލައި މައްސަލައާމެދު މިނިސްޓްރީން ތަހުގީގު ފުރިހަމަކުރާނެ ކަމަށް ވިދާޅުވިއެވެ. އަދި އެއީ ސީދާ އިހުމާލެއްގެ ސަބަބުން ދިމާވި ގެއްލުމެއް ކަމަށް ފުދޭ ސާބިތު ހެކި ހުރިނަމަ އެފަދަ މައްސަލައެއް ޝަރުއީ މަރުހަލާއަށް ފޮނުވާނެކަމަށް ގީލާ ވިދާޅުވިއެވެ.
ރައްޔިތަކަށް ދިމާވާ އެފަދަ ގެއްލުމެއްގައި މިނިސްޓްރީން އަބަދުވެސް އެފަރާތަކަށް އިންސާފު ހޯދައިދިނުމުގައި މަސައްކަތްކުރާނެކަމުގެ ފުރިހަމަ ޔަގީންކަން މިނިސްޓަރު ގީލާ ވަނީ ދެއްވާފައެވެ. އަދި ސިއްހީ ހިދުމަތަކީ ރައްޔިތުންގެ އިތުބާރު ކަށަވަރު ކުރެވިފައިވާ ހިދުމަތެއްގެ ގޮތުގައި ރައްޔިތުންނަށް ފޯރުކޮށްދިނުންކަމުގައި ގީލާ ތަކުރާރުކުރެއްވިއެވެ.

