ތަޢުލީމީ ދާއިރާގެ އެކަޑަމިކް ކަލަންޑަރަށާއި ކަރިކިއުލަމަށް ކުއްލި ކުއްލިއަށް ގެންނަ ބަދަލުތަކުގެ ސަބަބުން، ދަރިވަރުންނާއި ޓީޗަރުން އިންތިހާއަށް ޕްރެޝަރަށް ގޮސް ނަފްސާނީ ގޮތުން ބޮޑެތި އަސަރުތަކެއް ކުރަމުންދާ ކަމަށް ކުރީގެ ނައިބު ރައީސް ފައިސަލް ނަސީމް ވިދާޅުވެއްޖެއެވެ.
ފައިސަލް މިހެން ވިދާޅުވީ، އެމްޑީޕީން ބޭއްވި ހަރުގެ ޖަލްސާގައި ވާހަކަފުޅު ދައްކަވަމުންނެވެ.
ދުނިޔޭގެ އެހެން ގައުމުތަކުގައި ކަރިކިއުލަމާއި ސިލަބަސް ނުވަތަ އެކަޑަމިކް ކަލަންޑަރަށް ބަދަލު ގެންނަނީ ވަރަށް ގިނަ ދިރާސާތައް ހަދައި، އެ ދާއިރާގެ އެތައް ފަންނީ މާހިރުންނާ ފުޅާ ދާއިރާއެއްގައި މަޝްވަރާކުރުމަށް ފަހުގައި ކަން ފާހަގަކުރައްވާ ފައިސަލް ވިދާޅުވީ، އެއާ ހިލާފަށް ރާއްޖޭގައި މިއަދު ފެންނަމުންދަނީ އެއްވެސް ވިސްނުމެއް ނެތި، ކުއްލި ކުއްލިއަށް ސިލަބަހާއި ޓައިމްޓޭބަލް އަދި އެކަޑަމިކް ކަލަންޑަރު ބަދަލުކޮށްލާ މަންޒަރު ކަމަށެވެ.
އެފަދަ ކުއްލި ބަދަލުތަކުގެ ސަބަބުން ސްކޫލްތަކުގެ ކިޔެވުން ބާރުބޮޑުވެ، ހަފްތާ ބަންދުގެ ދުވަހެއްގެ ގޮތުގައި އޮންނަ ހޮނިހިރު ދުވަހަކީ ވެސް މިހާރު ސްކޫލްތަކުގައި ކިޔަވައިދޭ ދުވަހަކަށް ބަދަލުވެފައިވާކަން އޭނާ ފާހަގަކުރެއްވިއެވެ. އަދި އެކަމުގެ ސަބަބުން ދަރިވަރުންނަށާއި ޓީޗަރުންނަށް އޮތް ޕްރެޝަރު އިންތިހާއަށް ބޮޑުވެ، އެތައް ނަފްސާނީ މައްސަލަތަކަކާ ކުރިމަތިލާން ޖެހިފައިވާ ކަމަށް ފައިސަލް ވިދާޅުވިއެވެ.
”ވިސްނަންޖެހޭ ކަމަކީ އޭގެ ސަބަބުން މިއަދު ދަރިވަރުންނަށް އޮތް ޕްރެޝަރ. ޓީޗަރުންނަށް އޮތް ޕްރެޝަރ. މިހާރު ވެސް ބައްލަވާ ސްކޫލްތަކުގައި ހޮނިހިރު ދުވަހަކީ ވެސް ހަމަ ކިޔަވައިދޭ ދުވަހަކަށް ބަދަލުވެއްޖެ. މި ޕްރެޝަރުގެ ސަބަބުން ޓީޗަރުންނާއި ދަރިވަރުންނަށް ނަފްސާނީ ގޮތުން ދިމާވާ އެތަކެއް މައްސަލަތަކެއް އެބަހުރި،“ ފައިސަލް
އިތުރަށް ވާހަކަދައްކަވަމުން ފައިސަލް ވިދާޅުވީ، މިއަދު އެމްޑީޕީ ވެރިކަމުގައި ނެތް ކަމުގައި ވިޔަސް، އެ ޕާޓީގެ އަބަދުވެސް ދުއާއަކީ އަދި އެދުމަކީ ކޮންމެ ސަރުކާރެއް އޮތް ނަމަވެސް، ދިވެހި ލޮބުވެތި ރައްޔިތުންނަށް ހެޔޮ ގޮތްތައް ނިންމައިދިނުން ކަމަށެވެ. ވަކިން ހާއްސަކޮށް، ގައުމުގެ މުސްތަގުބަލު ކަމުގައިވާ ދަރިވަރުންނާއި، އެ ކުދިން ބިނާކުރަން ތިބި ޓީޗަރުންނާމެދު ކަންކަން ރަނގަޅު މަގުން ގެންދިއުމަށް ފައިސަލް ސަރުކާރަށް ގޮވާލެއްވިއެވެ. ނަމަވެސް މިހާރު ކަންކަން ދަނީ އެންމެ އެދެވޭ މިސްރާބަށް ނޫން ކަމަށްވެސް ވިދާޅުވިއެވެ.
ކުރީގެ ނައިބު ރައީސް އިތުރަށް ވިދާޅުވީ، މީގެ ކުރިން ވެރިކަން ކުރި އެމްޑީޕީގެ ދެ ސަރުކާރުން ވެސް ރައްޔިތުންނަށްޓަކައި އެތައް އުންމީދުތަކެއް ގެނެސްދީ، އެ އުންމީދުތަކުގައި ކުލަ ޖައްސައިދީފައިވާނެ ކަމަށާއި، އެ ވާހަކަތައް ދައްކަން ފަށައިފިނަމަ ފަތިސް ވަންދެން ވެސް ދެއްކޭނެ ކަމަށެވެ.
އެހެންކަމުން، ސަރުކާރުން ތައުލީމީ ދާއިރާގެ ކަންކަން ނިންމުމުގައި ޒިންމާދާރުކަމާއެކު ރައްޔިތުންގެ ލާބަޔާއި މަންފާއަށް އިސްކަންދިނުމަށް އޭނާ ވަނީ އިލްތިމާސްކުރައްވާފައެވެ.

