ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ކުންފުނިތަކުން މިސްކިތްތަކަށް އެހީތެރިކަން ދިނުމަކީ މިސްކިތްތަކަށް އޮންނަ ލޯބި އުފެދިގެންދާނެ ކަމެއް: ޑރ. ޝަހީމް

ފޮޓޯ: އިސްލާމިކް މިނިސްޓްރީ
ޝެއާރކޮށްލާ ކަހަލަދޯ؟

ކުންފުނިތަކުން މިސްކިތްތަކަށް އެހީތެރިކަން ދޭ މަންޒަރު ފެނުމާއި އަމަލީގޮތުން އެކަން ތަންފީޒުވެގެން ދިއުމަކީ ހެދިބޮޑުވަމުން އަންނަ ޖީލުގެ ހިތްތަކުގައި އަދި މުޖުތަމައުގައިވެސް މިސްކިތްތަކަށް ދެމުންދާ މަތިވެރިކަމަށް ބަދަލެއް އައިސް ލޯބި އިތުރަށް އުފެދިގެންދާނެ ކަމެއްކަމަށް އިސްލާމީ ކަންތައްތަކާއި އައުގާފާ ބެހޭ ވަޒީރު ޑރ. މުހައްމަދު ޝަހީމް އަލީ ސައީދު ވިދާޅުވެއްޖެއެވެ.

ޝަހީމް މިހެން ވިދާޅުވެފައި މިވަނީ، އިސްލާމީ ކަންތައްތަކާ އައުގާފާ ބެހޭ ވުޒާރާއާއި އުރީދޫ މޯލްޑިވްސްއާ ދެމެދު، އުރީދޫގެ ”މަސްޖިދުނާ ޕްރޮޖެކްޓް“ގެ ދަށުން ދިވެހިރާއްޖޭގެ އެކި ކަންކޮޅުތަކުގައިވާ މިސްކިތްތައް މަރާމާތުކުރުމާއި އަދި ތަރައްގީކުރުމުގެ ދާއިރާއިން އެއްބާރުލުން ވަރުގަދަކުރުމަށްޓަކައި ބޭއްވި ރަސްމިއްޔާތުގައެވެ.

ޝަހީމް ވިދާޅުވީ، އިސްލާމީ ކަންތައްތަކާ ވުޒާރާއާއި އުރީދޫ މޯލްޑިވްސް ގުޅިގެން ފެށި ”އުރީދޫ މަސްޖިދުނާ“ މަޝްރޫއަކީ ވަރަށް މުހިންމު މަޝްރޫއެއް ކަމަށާއި އުރީދޫއަކީ މިނިސްޓްރީގެ ތާރީޚުގައި ވެސް ވަރަށް މުހިންމު ޕާޓްނަރެއް ކަމަށެވެ.

ޝަހީމް ވަނީ އުރީދޫއަކީ މިނިސްޓްރީއަށް ވަރަށް ބޮޑަށް އެހީތެރިކަން ދޭ ކުންފުންޏެއް ކަން ވެސް ފާހަގަކުރައްވައިފައެވެ. އެގޮތުން އެންމެ މުހިންމު ކަމެއްގެ ގޮތުގައި މިސްކިތް ފަންޑު އުފެދިގެން ދިޔަ ދުވަހުން ފެށިގެން އެ ހަރަކާތުގައިވެސް އުރީދޫގެ ހިއްސާ ވަރަށް ބޮޑުކަން ފާހަގަކުރައްވާ އެކަމަށް ޝުކުރުއަދާކުރައްވާފައެވެ.

މީގެ އިތުރުން، ދިވެހިރާއްޖޭގެ އެންމެ ފުރަތަމަ ފަހަރަށް ފޯނު މެދުވެރިކޮށް ފިޠުރު ޒަކާތް ޖަމާކުރުމުގެ ކަންތައްތަކުގައިވެސް އުރީދޫ އިސްނަގައިގެން މިނިސްޓްރީއަށް ވަރަށް މުހިންމު އެހީތެރިކަމެއް ފޯރުކޮށްދިންކަމަށް ޝަހީމް ވިދާޅުވިއެވެ. އަދި މިނިސްޓްރީގެ ފަރާތުން ގައުމީ ފެންވަރުގައި ކުރިއަށް ގެންދާ ހުރިހާ ކަމެއްގައި އަބަދުވެސް ވަރަށް ގާތުން މަސައްކަތް ކުރާކަމަށް ޝަހީމް ވިދާޅުވިއެވެ.

އެހެންކަމުން މިއަދު ފެށިގެންދާ އެއްބަސްވުމަކީ ވޭތުވެދިޔަ އެތައް އަހަރު ދުވަހެއްގެ ތެރޭގައި ކުރެވުނު މަސައްކަތުގެ ސިލްސިލާގެ ތެރެއަށް އިތުރުވެގެންދާ ވަރަށް މުހިންމު، ވަރަށް މާތް އަދި އެހާމެ މަތިވެރި މަޝްރޫއެއްކަމަށް ޝަހީމް ވިދާޅުވިއެވެ.

ޝަހީމް ވަނީ ރާއްޖޭގެ އެކި ސަރަޙައްދުތަކުން ފަސް މިސްކިތެއް މަރާމާތުކުރުމަށް އުރީދޫ މޯލްޑިވްސްއިން އަމާޒު ހިފާ އިސްނެންގެވީތީ އެކުންފުނީގެ ސީއީއޯ ޝާދީ ޤަވަސްމީއަށާއި ސީނިއާ މެނޭޖްމަންޓަށާއި ކުންފުނީގެ އެންމެހާ މުވައްޒަފުންނަށް ޝުކުރުއަދާކޮށްފައެވެ.

އެ ރަސްމިއްޔާތު ބާއްވާފައިވަނީ، ހުޅުމާލޭގައި ހުންނަ އުރީދޫ މޯލްޑިވްސްގެ ހެޑް އޮފީހުގައެވެ. ވުޒާރާގެ ފަރާތުން އެ އެއްބަސްވުމުގައި ސޮއިކުރެއްވީ އިސްލާމީ ކަންތައްތަކާ އައުގާފާ ބެހޭ ވަޒީރު ޑރ. މުހައްމަދު ޝަހީމް އަލީ ސައީދެވެ. އަދި އުރީދޫ މޯލްޑިވްސްގެ ފަރާތުން ސޮއިކުރެއްވީ އެ ކުންފުނީގެ މެނޭޖިންގ ޑިރެކްޓަރު އަދި ޗީފް އެކްޒެކެޓިވް އޮފިސަރު ޝާދީ ޤަވާސްމީއެވެ.

އެ ފަހުމުނާމާގެ ސަބަބުން، ރާއްޖޭގައި މިސްކިތްތައް މަރާމާތުކުރުމާއި، ވަސީލަތްތައް ތަރައްގީކުރުމުގެ އިތުރުން އެއާ ގުޅުންހުރި އެކި މަސައްކަތްތަކުގައި ސަރުކާރާއި އުރީދޫ ދެމެދު ގުޅުން ބަދަހިކުރެވިގެންދާނެއެވެ.

”އުރީދޫ މަސްޖިދުނާ“ގެ ދަށުން، ކޮންމެ އަހަރަކު ވެސް ރާއްޖޭގެ އެކި ސަރަހައްދުތަކުން ފަސް މިސްކިތެއް މަރާމާތުކުރުމަށް އުރީދޫ މޯލްޑިވްސްއިން އަމާޒުހިފާފައިވާއިރު، އެ މަސައްކަތްތައް ނިންމުމަށް ހަމަޖެހިފައިވަނީ ކޮންމެ އަހަރެއްގެ ވެސް ރަމަޟާން މަހުގެ ކުރިންނެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: