މާލެ ސިޓީ ކައުންސިލުގެ ބެލުމުގެ ދަށުގައި ހުރި ބިންތައް ސަރުކާރަށް ނަގަން ނިންމި ނިންމުމަކީ ލާމަރުކަޒީ ނިޒާމާ ދެކޮޅަށް، އެ ނިޒާމު ނައްތާލުމަށް ސަރުކާރުން ސިލްސިލާކޮށް ކުރަމުންދާ މަސައްކަތްތަކަށް އިތުރުކޮށްލި ބޮޅެއް ކަމަށް އިދިކޮޅު އެމްޑީޕީގެ ކުރީގެ ރައީސް ޢަބްދުﷲ ޝާހިދު ވިދާޅުވެއްޖެއެވެ.
ޝާހިދު އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ، ސަރުކާރުން މިއަދު މިކަން މާލެ ސިޓީން ފެށި ނަމަވެސް، މި ސިލްސިލާ ނިންމާލާނީ ރަށްރަށާއި އެހެން ސިޓީ ކައުންސިލްތަކުގެ ބެލުމުގެ ދަށުގައި ހުރި ބިންތައް ވެސް ނަގައިގެން ކަމަށެވެ. އަދި މަޝްރޫޢުތައް ހިންގުމުގެ ނަމުގައި ބިންތައް ނަގަން ފެށި ނަމަވެސް، އޭގެ ހަގީގީ ބޭނުމަކީ މާލޭ ސަރަޙައްދުގައި އެމްޑީޕީން ހިންގާ ސިޔާސީ ޙަރަކާތްތައް ހުއްޓުވުން ކަމަށް އޭނާ ތުހުމަތުކުރެއްވިއެވެ.
މީގެއިތުރުން، މުޒާހަރާއެއް، ޖަލްސާއެއް ނުވަތަ އެއްވުމެއް ބޭއްވިދާނެ ހުރިހާ ތަނެއް ސަރުކާރަށް ނެގި ނަމަވެސް އެމްޑީޕީ ފަހަތަށް ނުޖެހޭނެ ކަމަށާއި އެ ޕާޓީން އަދިވެސް ކުރިއަށްދާނީ ބާރަށް ކަމަށްވެސް ޝާހިދު ވިދާޅުވިއެވެ.
ސަރުކާރުގެ ތަރައްގީގެ މަޝްރޫއުތަކެއް ހިންގުމުގެ ބޭނުމުގައި ކަމަށް ބުނެ މާލެ ސިޓީ ކައުންސިލުގެ ދަށުގައި ހުރި 14 ބިމެއް ސަރުކާރަށް އަތުލަން ނިންމުމާ ގުޅިގެން، އެ މައްސަލަ ކޯޓަށް ހުށަހެޅުމަށް ސިޓީ ކައުންސިލުން މިހާރު ވަނީ ނިންމައިފައެވެ. ކައުންސިލުން އެގޮތަށް ނިންމީ މިނިސްޓްރީ އޮފް ކޮންސްޓްރަކްޝަން އެންޑް އިންފްރާސްޓްރަކްޗާއިން ބިންތައް އަތުލަން އަންގައި ފޮނުވި ސިޓީއާ ގުޅިގެން ބޭއްވި ކުއްލި ޖަލްސާއަށް ހުށަހެޅި ގަރާރަކުންނެވެ.
އިންފްރާސްޓްރަކްޗާ މިނިސްޓްރީން ކައުންސިލަށް ފޮނުވި ސިޓީގައި ބުނެފައިވަނީ އެ ބިންތައް އަތުލަން އެންގީ ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ ސިޓީއަކުން އަންގައިގެން ކަމަށެވެ. އެ ނިންމުމާ ގުޅިގެން ޝަކުވާ ހުށަހެޅުމުގެ ފުރުސަތު ކައުންސިލަށް ދީފައިވީ ނަމަވެސް، ލާމަރުކަޒީ ގާނޫނުގައި ބަޔާންކޮށްފައިވާ ގޮތަށް އެ ބިންތަކުގައި ހިންގަން ގަސްދުކުރާ މަޝްރޫއުތަކުގެ އެއްވެސް ތަފުސީލެއް ދީފައިނުވާ ކަމަށް ކައުންސިލުން ފާހަގަކުރެއެވެ.
ކައުންސިލްގެ ކުއްލި ޖަލްސާގައި ވާހަކަ ދައްކަވަމުން މެމްބަރުން ވިދާޅުވީ، ރައްޔިތުންނަށް ޚިދުމަތް ދިނުމަށް ކަނޑައަޅާފައިވާ ބިންތަކެއް ހަމަ ހުރެފައި މަޝްވަރާކުރުމެއް ނެތި ސަރުކާރަށް ނުނެގޭނެ ކަމަށެވެ. އަދި ބިންތައް ނެގުން ހުއްޓުވުމަށްޓަކައި ކޯޓުން ވަގުތީ އަމުރަކަށް އެދުމަށާއި، މި ނިންމުމަކީ ކައުންސިލްތަކުގެ ބިން ފޭރުމުގެ އަމަލެއްގެ ގޮތުގައި މެމްބަރުން ވަނީ ސިފަކުރައްވައިފައެވެ.

