އާންމު އުނދަގޫ ކުރާ މީހެއްގެ މައްސަލައެއް ދޮޅު އަހަރުވީއިރު ވެސް ހައްލުނުވާ ކަމުގެ ކަންބޮޑުވުމާއެކު ޒިންމާދާރު މަގާމެއްގައި ހުންނެވި މުޙައްމަދު ސައީދު ބަނޑުހައިހޫނުކަމުގެ ހަޅުތާލެއް މާލޭގެ ހެންވޭރު ޕޮލިސް ސްޓޭޝަނުގައި ފައްޓަވައިފިއެވެ.
ސައީދު ހިއްސާ ކުރެއްވި ޕޯސްޓެއްގައި ވަނީ މީގެ ދޮޅު އަހަރު ކުރިން ފެށިގެން، މަސްތުވާތަކެއްޗަށް ދެވިހިފާފައިވާ މީހެއްގެ ފަރާތުން އޭނާ ދިރިއުޅޭ ސަރަހައްދުގައި އުޅޭ އާންމުންނަށް ބޮޑެތި އުނދަގޫތަކެއް ކުރިމަތިކުރަމުންދާ ކަމަށެވެ. އޭގެ ސަބަބުން އޭނާއަށާއި އޭނާގެ އާއިލާ މީހުންގެ އިތުރުން އަވަށްޓެރިންނަށާއި އެ މަގުތައް ބޭނުންކުރާ އެންމެންނަށް އަސަރު ކުރަމުންދާކަން އޭނާ ވަނީ ފާހަގަކުރައްވައިފައެވެ.
އެ މީހާގެ ފަރާތުން ދިމާވެފައިވާ ބައެއް އުނދަގޫތަކުގެ ގޮތުގައި ސައީދު ފާހަގަކުރެއްވީ:
- ކަޝިމާ ހިނގުމާއި ދޫހިމެރި މަގުން ހިނގާފައިދާ މީހުންނާ ދިމާލަށް ހަޑިހުތުރުބަހުން ހަޅޭއްލެވުން.
- މަގުމައްޗަށް ބައިސްކަލު ނެރެ، އެހެން ތަންތަނުން މަގު ބަންދުކުރާ ބޯޑުތައް ދަމާފައި ގެންގޮސް މަގު ބަންދުކޮށް، ދަތުރުފަތުރަށް ހުރަސްއެޅުން.
- ސައީދުގެ އާއިލާ ދިރިއުޅޭ ގެއަށް ކުނި އުކުން. އެކަން ދެ ފަހަރަކު ކެމެރާއަށް އަރާފައިވާ ކަމަށް ބުނެފައިވޭ.
- އެ މީހާ ދިރިއުޅޭ އެޕާޓްމެންޓުގެ ބެލްކަނިން ތިރީގައި ތިބޭ މީހުންގެ ގަޔަށް ތެލާއި ފެން ޖެހުން
- އެއްވެސް އިންޒާރަކާ ނުލައި، ޕްލާސްޓިކް ފުޅިން މީހުންގެ ގައިގައި ޖަހައި ހަޅޭއްލެވުން.
- ދެ ނަމާދު ދޭތެރެއިން ފެށިގެން ފަތިސްވަންދެން މެދުނުކެނޑި ބާރަށް އަޑުގަދަކޮށް ހަޅޭއްލެވުން.
- ސައީދުގެ އާއިލާ ދިރިއުޅޭ އިމާރާތަށް ވަންނަ މީހުންގެ ފަހަތުން ސިއްރުން ވަދެ، ހުއްދަނެތި އެތައް ފަހަރަކު އިމާރާތުގެ އެތެރެއަށް ވަނުން.
ސައީދު ވަނީ އެ މައްސަލަ ފުލުހަށް ރިޕޯޓުކުރި ކަމަށާއި، ކަމާ ގުޅުންހުރި ހެކި ރެކޯޑްކުރި ކަމަށް ވެސް ވިދާޅުވެފައެވެ. ނަމަވެސް ދޮޅު އަހަރު ވީއިރު ވެސް އެއްވެސް ބަދަލެއް ނާންނަ ކަމަށާއި މުއައްސަސާތަކުން އޭނާއާއި އޭނާގެ އާއިލާއާއި އަވައްޓެރިން ރައްކާތެރިކޮށްދިނުމުގައި ނާކާމިޔާބުވެފައިވާ ކަމަށް އޭނާ ވަނީ ވިދާޅުވެފައެވެ.
އެހެންކަމުން މިއަދު އޭނާގެ އާއިލާ ރައްކާތެރިކުރުމަށް އޭނާ ހެނދުނު 8:00ގައި ފުލުހުންގެ އިދާރާއަށް ވަޑައިގެން ބަނޑުހައިހޫނުކަމުގެ ހަޅުތާލެއް ފަށްޓަވައިފައިވާ ކަމަށް ސައީދު ވިދާޅުވިއެވެ. އަދި ސަރުކާރާ ގުޅުންހުރި މުއައްސަސާތަކުން އެ މައްސަލައަށް ހައްލެއް ހޯދައިދެންދެން އޭނާ ހަޅުތާލު ހުއްޓައިނުލައި ކުރިއަށްގެންދަވާނެ ކަމަށް ޕޯސްޓުގައިވެއެވެ.

