ރައްޔިތުންގެ މަޖިލީހުގެ މެމްބަރުންނަށް ލިބޭ ހެލްތު އިންޝުއަރެންސްގެ ހިދުމަތް އޮތީ ދިވެހި ދައުލަތަށް އަދި ރައްޔިތުންނަށް ފައިދާ ބޮޑު ގޮތަށް ކަމަށް އިނގުރައިދޫ ދާއިރާގެ މެމްބަރު އަދި ޕީއެންސީގެ ޕީޖީ ލީޑަރު އިބްރާހިމް ފަލާހް ވިދާޅުވެއްޖެއެވެ.
ފަލާހު އެހެން ވިދާޅުވީ، އާންމު ރައްޔިތުންނަށް ނުލިބޭ އެކަމަކު މަޖިލީހުގެ މެމްބަރުންނަށް ލިބޭ އިންޝުއަރެންސް ކަނޑާލަން ގޮވާލައި ހުށަހެޅި ޕެޓިޝަނަށް މަޖިލީހުގައި ބަހުސްކުރައްވަމުންނެވެ.
ފަލާހު ވިދާޅުވީ، ހަރަދުކުޑަކުރުމަށް ޓަކައި ރައްޔިތުން އެދޭ ކޮންމެ ކަމެއް ކުރަން ތައްޔާރު ކަމަށާއި އެ ޕެޓިޝަނަށް ވެސް ތާއީދުކުރައްވާ ކަމަށެވެ. ނަމަވެސް، މަޖިލީހުގެ ކޮންމެ މެމްބަރަކަށް އަހަރަކު 24000 ރުފިޔާ އިންޝުއަރެންސް ކުންފުންނަށް ދައްކަންޖެހޭ ކަމަށާއި އެއަށް ވުރެ އިތުރަށް ލޯ ލާރިއެއް ދައްކަން ނުޖެހޭކަން ޕެޓިޝަން ހުށަހެޅި ބޭފުޅުންނަށް އެނގެންޖެހޭ ކަމަށާއި، އެކަން އެ ބޭފުޅުން ބަލަންޖެހޭ ކަމަށް ފަލާހު ވިދާޅުވިއެވެ.
އެއާ ހިލާފަށް އާސަންދަ ނިޒާމުން ކޮންމެ ރައްޔިތަކަށް ހަރަދުކުރަނީ ސީދާ ދައުލަތުގެ ބަޖެޓުން ކަމަށް ފަލާހު ވިދާޅުވިއެވެ. މިސާލަކަށް މީހަކަށް ބޮޑު ބައްޔެއް ދިމާވެއްޖެނަމަ މީހަކަށް ހަ މިލިއަން ރުފިޔާ ވެސް ހިނގައިދާނެ ކަމަށް ވިދާޅުވެ، ގެއްލުން ބޮޑީ ކޮން ނިޒާމަކުންތޯ އޭނާ ސުވާލު އުފެއްދެވިއެވެ.
”އާސަންދަ ނިޒާމު މިސާލަކަށް މި ޕެކޭޖުގެ ތެރެއިން، އަޅުގަނޑުމެންގެ ޕެކޭޖު މަޖިލީހުގެ މެމްބަރަކު ނަގާފައި އެބަ އޮވޭ. ނަގާފައި އޮންނައިރު، ހަގީގަތުގައި ދައުލަތަށޭ މީގައި ފައިދާ ބޮޑީ ރައްޔިތުންނަށް ފައިދާ ބޮޑީ. އޭގެ މާނައަކީ ދައުލަތުން ހަރަދުކުރާ އާސަންދައިގެ ތެރެއިންނެއް ހަރަދުކުރާކަށް ނުޖެހޭ 13 ލައްކަ 50 ހާސް ރުފިޔާއާ ހަމައަށް އަޅުގަނޑުމެން އަހަރަކު ހަރަދުކުރާއިރު،“ ފަލާހް
އަަގު ބޮޑުކޮށް ބައެއް ގައުމުތަކަށް ދަތުރުކުރާ ވާހަކަ ދައްކާއިރު، މެމްބަރުންނަށް އާންމު ބަލިތަކަށް ޓިކެޓެއް ނުލިބޭ ކަމަށާއި، ހުރުމެއް ނުލިބޭ ކަމަށާއި، ކެއުމެއް ނުލިބޭ ކަމަށާއި އެތަނަކަށް ގޮސް އަމިއްލަ އަތުން ކުރާ ހަރަދެއް ލިބެނީ ވެސް ބިލުތަކެއް ހިފައިގެން މަޖިލީހަށް ހުށަހަޅައިގެން ކަމަށް ފަލާހު ވިދާޅުވިއެވެ.
”މިހެން އޮތް ނިޒާމެއް މިއީ ވަރަށް މޮޅު ނިޒާމަކަށް ހަދައިގެން ރައްޔިތުންނާއި ރައްޔިތުން މަޖިލީހުގައި ތިބޭ މެމްބަރުންނާ ދޭތެރޭގައި ފިތުނަ ފަސާދަ އުފެދޭނެ ގޮތަށް މިފަދަ ޕެޓިޝަން ހުށަހެޅުމަކީ ހިތާމަހުރި ކަމެއް. މިއަށްވުރެ މާ މޮޅެތި ކަންކަން އެބަހުރި ކުރަން، މާ ރަނގަޅު ކަންކަން،“ ފަލާހް
ދުނިޔޭގެ އެހެން ގައުމުތަކުގައި ވެސް ވެރިންގެ މަގާމު އަދާކުރާ ފަރާތްތަކަކީ އެއް ބައެއް ނޫން ކަމަށާއި ނަމަވެސް، އެ މަގާމުތަކުގައި ތިއްބަވާ ބޭފުޅުންނަށް އިނާޔަތްތަކާއި ހިދުމަތްތައް ދޭކަން އޭނާ ފާހަގަކުރެއްވިއެވެ. އަދި އެ މަގާމުތަކުގައި އަބަދު ތިބޭނީ އެއް ބައެއް ނޫންކަން ވެސް ފަލާހު ފާހަގަކުރެއްވިއެވެ.

