ރަމަޟާން ނިމުނުކަމުގައިވިޔަސް، ވޭތުވެދިޔަ ދުވަސްތަކެކޭ ވެސް، އެއްފަދައިން ފަޤީރުންނާއި ނިކަމެތިންގެ ހާލު އިޙުސާސްކޮށް، އެ މީހުންނަށް އެހީތެރިކަން ފޯރުކޮށްދިނުމުގައި ދެމިތިބެންޖެހޭކަމަށް ހޯމް މިނިސްޓަރު އައްޝައިޚު އިމްރާން ޢަބްދުﷲ ވިދާޅުވެއްޖެއެވެ.
މިނިސްޓަރު އިމްރާން މިހެން ވިދާޅުވެފައި މިވަނީ، ޢީދުގެ ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުންނަށާއި، ރާއްޖޭގެ އެންމެހައި ރައްޔިތުންނަށާއި، މުޅި އިސްލާމީ އުންމަތަށް ޢީދުގެ ތަހުނިޔާކިޔުއްވާ ޢާންމުކުރި ވީޑިއޯއެއްގައެވެ.
މިނިސްޓަރު އިމްރާން ވިދާޅުވީ، މި ނިމުނު ރަމަޟާން މަސް ހޭދަކުރަން ޖެހުނީ، ދުވަހަކުވެސް ރަމަޟާންމަހާއި ބައްދަލުނުކުރާހައި ތަފާތު ގޮތަކަށްކަމަށެވެ.
އަދި މި ހާލަތުގެ ސަބަބުން، ދަތި ހާލުގައި އުޅެންޖެހުނު ފަޤީރުންނާއި މިސްކީނުންގެ ދަތިހާލު ރައްޔިތުންނަށް ކޮންމެވެސްވަރަކަށް އިހްސާސްކުރަންޖެހުނުކަމަށް ވެސް އިމްރާން ވިދާޅުވިއެވެ.
މި ގޮތުން މިނިސްޓަރު އިމްރާން ވަނީ، މި ފަދަ ދަތިހާލެއްގައި ފަޤީރުންނާމެދު ގާތްކަން ބަހައްޓައި، ގިނަބަޔަކު ދީލަތި އެހީތެެރިކަން ފޯރުކޮށްދީފައިވާކަން ފާހަގަކުރައްވާފައެވެ.
ނަމަވެސް ރަމަޟާން މަސް ނިމުނު ކަމުގައިވިޔަސް، ކުރީގެ ދުވަސްތަކެކޭ ވެސް އެއްފަދައިން ފަޤީރުންނާއި ނިކަމެތިންގެ ހާލު އިހުސާސްކޮށް، އެ މީހުންނަށް އެހީތެރިކަން ފޯރުކޮށްދިނުމުގައި ދެމިތިބެންޖެހޭކަމަށް މިނިސްޓަރު އިމްރާނު ވިދާޅުވިއެވެ.
”1441 ވަަނަ އަހަރުގެ ފިޠުރު ޢީދުގެ ހެޔޮއެދުމާއި ތަހުނިޔާ ރާާއްޖޭގެ ޢިއްޒަތްތެރި ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުންނަށާއި، ހުރިހައި ދިވެހި ލޮބުވެތި ރައްޔިތުންނަށް އަދި މުޅި އިސްލާމީ އުންމަތަށް އަރިސްކުރަން. މިއަހަރުގެ ރަމަޟާންމަސް އަޅުގަނޑުމެން ހޭދަކުރަން މިޖެހުނީ، ދުވަހަކުވެސް އަޅުގަނޑުމެން ރަމަޟާންމަހާއި ބައްދަލުނުކުރާހައި ތަފާތު ގޮތަކަށް. މި ހާލަތުގެ ސަބަބުން، ދަތި ހާލުގައި އުޅެންޖެހުނު ފަޤީރުންނާއި މިސްކީނުންގެ ދަތިހާލު އަޅުގަނޑުމެންނަށް ކޮންމެވެސްވަރަކަށް އިހްސާސްކުރަންޖެހުނު. މި ދަތި ހާލުގައި ފަޤީރުންނާމެދު ގާތްކަން ބަހައްޓާ އަޅުގަނޑުމއންގެތެރެއިން ގިނަބަޔަކު ދީލަތި އެހީތެެރިކަން ފޯރުކޮށްދެމުން ގެންދެވި. އެހެންކަމުން ރަމަޟާންމަސް ނިމުނު ނަމަވެސް އަޅުގަނޑު އެދެނީ ކުރީގެ ދުވަސްތަކެކޭ ވެސް އެއްފަދައިން ފަޤީރުންނާއި ނިކަމެތިންގެ ހާލު އިހްސާސްކޮށް އެމީހުންނަށް އެހީތެރިކަން ފޯރުކޮށްދިނުމުގައި އަޅުގަނޑުމެން ދެމިތިބުން.“ މިނިސްޓަރު އިމްރާން
މީގެ އިތުރުން، ޢީދު ދުވަހުގެ މައްޗަށް ނަޒަރު ދެއްވަމުން އިމްރާން ވިދާޅުވީ، ފިޠުރު ޢީދުގެ މި ދުވަސްތަކުގައި އުފާވެރިކަން ދެމެހެއްޓިގެންދާ ހިނދު ނިކަމެތިންގެ މަތިން ހަނދުމަކޮށް، ޢީދު ދުވަހަކީ އުފާވެރި ދުވަހަކަށް ހެދުމަށް މަސައްކަތްކުރުމަކީ އެންމެން ވެސް ކުރަންޖެހޭ ކަމެއްކަމަށެވެ.
”ޢީދު ދުވަހުގައި އުފާވެރިކަން ދެމެހެއްޓިގެންދާ ހިނދު އަޅުގަނޑުމެންގެތެރޭގައި ތިބި ނިކަމެތިންގެ މަތިން ހަނދުމަކޮށްއަޅުގަނޑުމެންގެ މި ޢީދު ދުވަސް އުފާވެރި ދުވަހަކަށް ހެދުމަށް މަސައްކަތްކުރުމަކީ އަޅުގަނޑުމެން އެންމެން ކުރަންވީކަމެއް.“ މިނިސްޓަރު އިމްރާންhttps://twitter.com/ShimranAb/status/1264232244299759619?s=19
މިނިސްޓަރ އިމްރާން ވަނީ، އެހެން އަހަރުތަކެކޭ އެއްގޮތަށް ޢީދު ނަމާދަށް ނުދެވުނުކަމުގައިވިޔަސް، ޢީދު ދުވަހަކީ އުފާވެރިކަން ގެނެސްދޭ އުފާވެރި ދުވަހެއްކަން ފާހަގަކުރައްވައި، ޢާއިލާއަށާއި، ރައްޓެހި ރަޙްމަތްތެރިންނަށާއި، ގާތްތިމާގެ މީހުންނަށް އުފާ ފާގަތިކަން ފޯރުކޮށްދިނުމަކީ ކުރަންޖެހޭކަމެއްކަމަށް ވިދާޅުވެފައެވެ.
މި ގޮތުން، ގޭގައި ތިބެންޖެހޭ މިފަދަ ހާލަތެއްގައި، ގާތްތިމާގެ މީހުންނަށް ގުޅާލައި، ރަށްޓެހިންނާއި ވާހަކަދައްކާލާ ތަފާތު މީޑިއާ މެދުވެރިކޮށް، އެ މީހުންނާއި އެކުގައި އުފާވެރި މާހައުލެއް އުފެއްދުމަށް މަސައްކަތްކުރެވިދާނެކަމަށް ވެސް މިނިސްޓަރު އިމްރާން ވިދާޅުވިއެވެ.
”އެހެން އަހަރުތަކެކޭ އެއްގޮތަށް ޢީދު ނަމާދަށް ނުދެވުނުކަމުގައިވިޔަސް، ޢީދު ދުވަހަކީ އުފާވެރިކަން ގެނެސްދޭ އުފާވެރި ދުވަހެއް. ޢީދު ދުވަހަކީ މުސްލިމުންގެ އުފާފާޅުކުރުމުގެ އެންމެ މުހިންމު އެއްދުވަސް. އެހެންކަމުން ތިމާގެ އަމިއްލަ ޢާއިލާއަށާއި، ރަށްޓެހި ރަޙްމަތްތެރިންނާއި
ގާތްތިމާގެ މީހުންނަށް އުފާ ފާގަތިކަން ފޯރުކޮށްދިނުމަކީ ކުރަންޖެހޭކަމެއް. މި ހާލަތުގައި ގާތްތިމާގެ މީހުންނަށް ގުޅާލައި ރަށްޓެހިންނާއި ވާހަކަދައްކާލާ ތަފާތު މީޑިއާ މެދުވެރިކޮށް އެ މީހުންނާއި އެކުގައި އުފާވެރި މާހައުލެއް އުފެއްދުމަށް މަސައްކަތްކުރެވިދާނެ.“ މިނިސްޓަރު އިމްރާން
މިނިސްޓަރުގެ ވާހަކަ ނިންމަވައިލަވަމުން ވަނީ، ޢީދު ދުވަހަކީ އެންމެންނަށް ވެސް އުފާވެރި ދުވަހެއްކަމުގައި ލެއްވުން އެދި ﷲ ގެ ހަޟްރަތަށް ދަންނަވާފައެވެ.

