އިމާރާތްތަކާއި އުޅަނދުތަކުގައި ހުޅުޖަހަން އެކްސްގައި ގޮވާލި މީހާއަށް ކުރަނީ ޓެރަރިޒަމްގެ ތުހުމަތުކަން އޭނާގެ ބަންދު އިތުރުކުރަން ކްރިމިނަލް ކޯޓުން ނެރުނު އަމުރުން ހާމަވެއްޖެއެވެ.
ފުލުހުން މިދިޔަ ބުރާސްފަތި ދުވަހު ބުނެފައިވަނީ، ހއ. ބާރަށު، ކުއްޅަވައްގޭ، އަލީ ޖުމާން ރާއްޖޭގެ ބައެއް އިމާރާތްތަކާއި އުޅަނދުފަހަރުގައި ހުޅުޖަހައި، ފިހާރައެއް ލޫޓުވުމަށް ސޯޝަލް މީޑިއާ މެދުވެރިކޮށް ހިތްވަރުދީ ގޮވާލި މައްސަލައެއްގެ ތުހުމަތުގައި ކޯޓު އަމުރެއްގެ ދަށުން ހައްޔަރުކޮށްފައިވާ ކަމަށެވެ.
އޭނާގެ ބަންދު ޖަހަން ކްރިމިނަލް ކޯޓަށް ގެންދިޔުމުން އެ ކޯޓުން ވަނީ އޭނާގެ ބަންދަށް 12 ދުވަސް ދީފައެވެ. އެ ކޯޓު އަމުރުން އެނގޭ ގޮތުގައި ފުލުހުން އޭނާގެ މައްޗަށް ކުރަނީ ޓެރަރިޒަމްގެ ތުހުމަތެވެ.
ފުލުހުން ވަނީ އިންޓެލިޖެންސް ރިޕޯޓަކާއި ޖުމާން އޭނާގެ އެކްސް އެކައުންޓުން ކޮށްފައިވާ ޕޯސްޓާ ގުޅޭގޮތުން ތައްޔާރުކުރި ރިޕޯޓެއް ވެސް ހުށަހަޅައިފައެވެ.
މިދިޔަ ހޯމަ ދުވަހު އެކްސްގައި ކުރި ޕޯސްޓެއްގައި އޭނާ ބުނެފައި ވަނީ ސަރުކާރުން ޔަހުދީންނަށް ބިންތައް ދޭތަން ބަލަން ނުތިބެވޭނެ ކަމަށާއި އިމާރާތްތަކާއި އުޅަނދުފަހަރުގައި ރޯކޮށް، ހަމަނުޖެހުން ހިންގައި މުޒާހަރާ ވެސް ކުރަންޖެހޭ ކަމަށެވެ. އޭގެ އިތުރުން، ރެޑްވޭވް ފިހާރަ ލޫޓުވަން ވެސް އެ ޕޯސްޓުގައި ގޮވާލިއެވެ.
ހުޅުޖަހަން ގޮވާލި މައްސަލައެއްގައި ޖުމާން ހައްޔަރުކޮށްފައިވާއިރު، ރައީސް އޮފީހާއި ރައްޔިތުންގެ މަޖިލީހުގެ އިމާރާތް އަދި ސުޕްރީމް ކޯޓުގައި ހުޅުޖަހަން ގޮވާލި މައްސަލާގައި އެމްއެންޑީއެފްގެ ކުރީގެ ފަސްޓް ލެފްޓިނަންޓް އަދި މި ސަރުކާރުގެ ކުރީގެ ޑެޕިއުޓީ މިނިސްޓަރު ޒިހާން ހަސަން 15 ދުވަހަށް ބަންދުކުރަން ފުވައްމުލަކު މެޖިސްޓްރޭޓު ކޯޓުން ވަނީ ނިންމައިފައެވެ. ޒިހާންގެ މައްޗަށް ފުލުހުން ކުރާ ތުހުމަތު މިހާތަނަށް އެނގިފައި ނުވެއެވެ.
ޓެރަރިޒަމްގެ އަމަލުތަކަށް ހިތްވަރުދިނުމާއި، އެފަދަ އަމަލުތައް ދިފާއުކުރުމާއި، ނުވަތަ ޓެރަރިޒަމްގެ ފިކުރު ފެތުރުމަކީ ވެސް ޖިނާއީ ބޮޑެތި ކުށްތަކެވެ. ދިވެހިރާއްޖޭގެ ޓެރަރިޒަމް މަނާކުރުމުގެ ގާނޫނުގެ ދަށުން ޓެރަރިޒަމްގެ އަމަލެއް ރޭވުމުގައި، ރާވައި ހިންގުމުގައި، ނުވަތަ އެފަދަ އަމަލެއް ހިންގުމަށް އެހީތެރިވެދިނުމުގެ ގޮތުން މަގުފަހިކޮށްދޭ ފަރާތްތަކަށް ކުށުގެ ކުޑަބޮޑުމިނަށް ބަލައިގެން 10 އަހަރާއި 15 އަހަރާ ދެމެދުގެ މުއްދަތަކަށް ޖަލު އަދަބެއް ކަނޑައެޅިދާނެއެވެ.

