ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

އާ ތަންތަން ހިއްކުމުގެ ބަދަލުގައި ހިއްކާފައިވާ ބިންތައް ތަރައްގީކޮށް، ބިމާ ގުޅޭ އެއްބަސްވުންތައް ހާމަކުރަންޖެހޭ: ރޮޒައިނާ

މީދޫ ދާއިރާގެ ކުރީގެ މެމްބަރު ރޮޒެއިނާ އާދަމް
ޝެއާރކޮށްލާ ކަހަލަދޯ؟

މި ސަރުކާރުން އަލަށް ބިންތައް ހިއްކުމުގެ ބަދަލުގައި، ކުރިން ގޯތި ދޫކޮށްފައިވާ ބިންތަކަށް އަސާސީ ހިދުމަތްތައް ދީ މީހުން އާބާދުކުރުމަށް އިސްކަންދިނުމަށާއި، ބޭރުގެ ފަރާތްތަކާއެކު ވެވޭ ބިމުގެ އެއްބަސްވުންތަކުގެ ތަފުސީލު މަޖިލީހަށް ހާމަކުރުމަށް ރައްޔިތުންގެ މަޖިލީހުގެ ކުރީގެ މެންބަރު ރޮޒައިނާ އާދަމް ގޮވާލައްވައިފިއެވެ.

ސަންގު ޓީވީގެ ”ޚަބަރަށްފަހު“ ޕްރޮގްރާމުގައި ވާހަކަދައްކަވަމުން ރޮޒައިނާ ވިދާޅުވީ، ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ސަރުކާރު ވެރިކަމާ ހަވާލުވިއިރު ގުޅީފަޅާއި، ގިރާވަރުފަޅު އަދި ހުޅުމާލޭގެ ދެވަނަ ފިޔަވައްސާއި ތިންވަނަ ފިޔަވަހި ހިމެނޭހެން ގިނަ ބިންތަކެއް ހިއްކައި ރައްޔިތުންނަށް ބޯހިޔާވަހިކަމަށް ގޯއްޗާއި ފްލެޓް ދޫކޮށްފައިވާ ކަމަށެވެ. އަދި ސަރުކާރުގެ އަސްލު ނިޔަތަކީ ރައްޔިތުންނަށް ބޯހިޔާވަހިކަން ފޯރުކޮށްދިނުން ކަމުގައިވާނަމަ، އަލުން އައު ތަންތަން ހިއްކުމުގެ ބަދަލުގައި، މިހާރު ދޫކޮށްފައިވާ ބިންތަކަށް ފެނާއި، ކަރަންޓު ފަދަ އަސާސީ ހިދުމަތްތައް ދީ މީހުންނަށް ދިރިއުޅެވޭނެ މަގު ފަހިކޮށްދިނުން މާ މުހިންމު ކަމަށް އޭނާ ފާހަގަކުރެއްވިއެވެ.

”ރައްޔިތުންނަށް ބޯހިޔާވަހިކަން ފޯރުކޮށްދިނުމުގެ އިހްލާސްތެރި ނިޔަތެއް އޮތްނަމަ، އިސްކަންދޭންވާނީ މިހާރުވެސް ހިއްކައި، ގޯތި ދޫކޮށްފައިވާ ބިންތަކުގައި ރައްޔިތުންގެ ޓެކްސް ފައިސާއިން ފެނާއި ނަރުދަމާ އަދި ކަރަންޓުގެ ހިދުމަތް ގާއިމުކޮށް، ދިރިއުޅެވޭނެ މާހައުލެއް ފަހިކޮށްދިނުމަށް. ކުރިން ހިއްކި ބިންތަކުގައި ދިރިއުޅެވޭނެ އިންތިޒާމުތައް ހަމަނުޖެހި ވަނިކޮށް، އަލުން އިތުރު ބިންތަކެއް ހިއްކުމަކީ ބަލައިގަނެވޭނެ ކަމެއް ނޫން،“ ރޮޒައިނާ ވިދާޅުވިއެވެ.

ރޮޒައިނާ އިތުރަށް ފާހަގަކުރެއްވި ގޮތުގައި، ފަލަސްތީނުގެ ރައްޔިތުންނާ ދެކޮޅަށް އިސްރާއީލުން ހިންގަމުންދާ ގަތުލުއާންމާއި ލާއިންސާނީ ޖަރީމާތަކާ ދެކޮޅަށް މުޅި ދުނިޔެއާއި ދިވެހި ރައްޔިތުން އަޑުއުފުލަމުންދާ މިދަނޑިވަޅުގައި، ޒަޔަނިސްޓުންނާ ގުޅުންހުރި ފަރާތްތަކަށް ރާއްޖޭގެ ބިން ލިބިގެންދާ ފަދަ އެއްވެސް މުއާމަލާތެއް ހިނގާތޯ ރައްޔިތުން ސުވާލު އުފައްދަމުންދާ ކަމަށެވެ. އަދި ބިމުގެ މުއާމަލާތްތަކާ ގުޅޭ ކުންފުނިތަކުގެ ހަގީގީ ހިއްސާދާރުންނަކީ ކޮބައިކަން ސަރުކާރުން ސާފުކޮށްދޭންޖެހޭނެ ކަމަށް ވިދާޅުވިއެވެ.

މީގެ އިތުރުން، ބިންތައް 99 އަހަރަށް ކުއްޔަށް ދިނުމަށްފަހު، އެހެން ފަރާތަކަށް މިލްކުވެރިކަން ބަދަލުވާއިރު އަލުން އަނެއްކާވެސް 99 އަހަރު ލިބޭ ގޮތަށް އޮންނަ އޮތުމަކީ ބިމުގެ ލީސް ދުވަހަކުވެސް ނުނިމޭނެ ފަދަ ކަމެއްކަމަށް ފާހަގަކުރައްވައި، އަނގައިން ބުނެލާ ބަހަކުން ނުފުދޭނެ ކަމަށާއި އޭގެ ހެކި ސަރުކާރުން ދައްކަންޖެހޭނެ ކަމަށް ރޮޒައިނާ ވިދާޅުވިއެވެ.

ސަރުކާރުން ހަދާ ބައެއް އެއްބަސްވުންތަކަކީ ގައުމީ ސަލާމަތާ ގުޅިފައިވާ ކަންކަން ކަމަށްވާތީ އާންމުކޮށް ހާމަނުކުރެވުނު ނަމަވެސް، މަޖިލީހަށް އެ ލިޔެކިޔުންތައް ފެންނަންޖެހޭނެ ކަމަށް ރޮޒައިނާ ވިދާޅުވިއެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: