ށ. ފުނަދޫގައި ހިނގި ނުރައްކާތެރި އަލިފާނުގެ ހާދިސާގައި ރޯވި އަލިފާންގަނޑު މިހާރު ކޮންޓްރޯލް ކުރެވިފައިވާ ކަމަށް ނޭޝަނަލް ޑިޒާސްޓާ މެނޭޖްމަންޓް އޮތޯރިޓީ (އެންޑީއެމްއޭ) އިން ހާމަކޮށްފިއެވެ.
އަލިފާންގަނޑު މިހާރު ކޮންޓްރޯލް ކުރެވިފައިވީ ނަމަވެސް، މި ހާދިސާގައި އެއް ގެ އަނދައި އަޅިއަށްވެ، ވަރަށް ބޮޑެތި ގެއްލުންތަކެއް ވެފައިވާކަމަށާއި އަދި އޭގެ އިތުރުން، އެ ގޭގެ ކައިރީގައި ހުރި އިތުރު ތިން ގެއަކަށް ވެސް އަލިފާނުގެ ސަބަބުން އެކިވަރުގެ ގެއްލުންތައް ލިބިފއިވާކަމަށް އެންޑީއެމްއޭއިން މައުލޫމާތުދެއެވެ.
މި ހާދިސާ ހިނގި ސަރަޙައްދުން އަދިވެސް އެއްޗެހި ގޮވާ އަޑު އިވެމުންދާތީ، އާންމުންގެ ރައްކާތެރިކަމަށްޓަކައި އަޅާ ސަލާމަތީ ފިޔަވަޅެއްގެ ގޮތުން އެ ސަރަޙައްދުގައި ހުރި ގޭގޭގެ މީހުން މިހާރު ވަނީ ވަގުތީ ގޮތުން ރައްކާތެރި އެހެން ގެތަކަށް ބަދަލުކޮށްފައެވެ.
އެންޑީއެމްއޭއިން މަޢުލޫމާތު ދިން ގޮތުގައި، މި ހާދިސާ ހިނގާފައިވަނީ މިއަދު ހެނދުނު ގާތްގަނޑަކަށް 8:00 ހާއިރުއެވެ. އަލިފާން ރޯވެ މުޅި ރަށަށް ދުން ފެތުރުމާ ގުޅިގެން އެރަށު ސްކޫލުގެ ކިޔެވުންވެސް ބަންދުކުރިއެވެ. އަދި، ހޮސްޕިޓަލުން ވަނީ، އޯޕީޑީގެ ޚިދުމަތްތައް ވަގުތީގޮތުން މެދުކަނޑާލާފައެވެ. އަދި މިވަގުތު ޚިދުމަތްދެމުން ގެންދާނީ ހަމައެކަނި ކުއްލި ފަރުވާ ބޭނުންވާ އިމަޖެންސީ ހާލަތްތަކަށް ކަމަށް އެ ހޮސްޕިޓަލުން ވަނީ ބުނެފައެވެ.
އަލިފާނުގެ ހާދިސާގައި އެ ސަރަހައްދުގެ ގެތަކާއި ބައެއް ގަރާޖުތަކަށްވެސް ވަނީ ގެއްލުން ލިބިފައެވެ. އަލިފާން ކޮންޓްރޯލް ކުރުމަށް ދިވެހި ފުލުހުންނާއި، ފުނަދޫ އެއާޕޯޓުގެ ފަޔަރ ފައިޓާސްގެ އިތުރުން ކުޅުދުއްފުށި ފަޔަރ ސްޓޭޝަންގެ ސިފައިންވެސް ވަނީ ހަރަކާތްތެރިވެފައެވެ.
މި ހާދިސާގެ ސަބަބުން ހާލުގައި ޖެހި، އިންސާނީ އެހީތެރިކަން ފޯރުކޮށްދޭންޖެހޭ ފަރާތްތައް ދެނެގަތުމުގެ މަސައްކަތާއި، އެ ފަރާތްތަކަށް ބޭނުންވާ އަވަސް އެހީތެރިކަން ފޯރުކޮށްދިނުމުގެ މަސައްކަތް އެ އޮތޯރިޓީން މިހާރު އަންނަނީ ކުރަމުންނެވެ.

