ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ށ. ފުނަދޫ ޕެޓްރޯލް ޝެޑުގައި ރޯވުން: އަނިޔާވި އެންމެން ފަރުވާއަށްފަހު ދޫކޮށްލައިފި

ށ. ފުނަދޫ ޕެޓްރޯލް ޝެޑުގައި ރޯވުން/ ފޮޓޯ: އެންޑީއެމްއޭ
ޝެއާރކޮށްލާ ކަހަލަދޯ؟

ށ. ފުނަދޫގައި ހުންނަ ޕެޓްރޯލް ޝެޑެއްގައި މިއަދު ހެނދުނު ހިނގި އަލިފާނުގެ ނުރައްކާތެރި ހާދިސާގައި އަނިޔާވި އެންމެންނަށް ފަރުވާ ދިނުމަށްފަހު މިހާރު ދޫކޮށްލާފައިވާ ކަމަށް ނޭޝަނަލް ޑިޒާސްޓާ މެނޭޖްމަންޓް އޮތޯރިޓީ (އެންޑީއެމްއޭ) އިން ހާމަކޮށްފިއެވެ.

ފުނަދޫގައި ހިންގާ އަމިއްލަ ވިޔަފާރިއެއް ކަމަށްވާ ”ފަތްމިނި“ ޕެޓްރޯލް ޝެޑުގައި އަލިފާން ރޯވީ މިއަދު ހެނދުނު ގާތްގަނޑަކަށް 8:00 ހާއިރުއެވެ.

އެ އަލިފާންގަނޑު އެއްކޮށް ނިއްވާލެވިފައިވަނީ މިއަދު ހެނދުނު 11:58 ގައެވެ. އަލިފާންގަނޑު ކޮންޓްރޯލްކޮށް ނިއްވާލެވުނު ނަމަވެސް، އަލުން ރޯވިޔަ ނުދިނުމަށްޓަކައި ސަރަހައްދު ފިނިކުރުމުގެ މަސައްކަތާއި ސަލާމަތީ ކަންކަން ފަޔަރ އެންޑް ރެސްކިއު ސަރވިސްއިން އަންނަނީ ބަލަހައްޓަމުންނެވެ.

މި އަލިފާންގަނޑު ނިއްވުމުގައި ދިވެހި ފުލުހުންނާއި، ފުނަދޫ އެއާޕޯޓުގެ ފަޔަރ ފައިޓަރުންގެ އިތުރުން ކުޅުދުއްފުށީ ފަޔަރ ސްޓޭޝަންގެ ސިފައިން ވަނީ ބައިވެރިވެފައެވެ.

މި ހާދިސާގައި ޖުމްލަ 18 މީހަކަށް އެކިވަރުގެ އަސަރުކޮށްގެން ރިޕޯޓުކޮށްފައިވެއެވެ. އޭގެ ތެރޭގައި ހިމެނެނީ ޢާންމު ރައްޔިތުންގެ 16 މީހަކާއި، ފަޔަރ ފައިޓަރެއްގެ އިތުރުން ހޮސްޕިޓަލުގެ މުވައްޒަފެކެވެ. އެންޑީއެމްއޭއިން ބުނި ގޮތުގައި މި ހާދިސާގައި އެއްވެސް މީހަކަށް ބޮޑު އަނިޔާއެއް ލިބިފައެއް ނުވެއެވެ. އަދި އަނިޔާވި އެންމެންނަށްވެސް ހޮސްޕިޓަލުގައި ފަރުވާ ދިނުމަށްފަހު މިހާރު ވަނީ ދޫކޮށްލާފައެވެ.

އަލިފާން ރޯވެ މުޅި ރަށުތެރެއަށް ބޯދުން ފެތުރުމާ ގުޅިގެން ރައްކާތެރިކަމުގެ ފިޔަވަޅެއްގެ ގޮތުން ފުނަދޫ ސްކޫލުގެ ކިޔެވުން ވަނީ މެދުކަނޑާލާފައެވެ. އަދި އެރަށު ހޮސްޕިޓަލުގެ އޯޕީޑީގެ ޚިދުމަތްތައްވެސް ވަގުތީގޮތުން މެދުކަނޑާލަން ޖެހުނެވެ. މި ހާދިސާގައި އެ ސަރަހައްދުގައި ހުރި ބައެއް ގޭގެއަށާއި ގަރާޖުތަކަށް އެކިވަރުގެ ގެއްލުންތައް ލިބިފައިވާއިރު، އަސަރުކުރި 5 ގޭބިސީއަކުން ޖުމްލަ 33 މީހަކު ވަނީ ރައްކާތެރި ތަންތަނަށް ބަދަލުކޮށްފައެވެ. މި ހާދިސާގެ ސަބަބުން ހާލުގައި ޖެހުނު ފަރާތްތަކަށް ބޭނުންވާ އަވަސް އެހީތެރިކަން ފޯރުކޮށްދިނުމުގެ މަސައްކަތް އެންޑީއެމްއޭއިން ދަނީ ކުރަމުންނެވެ.

މީގެ އިތުރުން، ވައިގެ ތެރެއަށް ބޯދުމާއި ތެލުގެ އަސަރު ފެތުރިފައިވާތީ، މިވަގުތު ވެހޭ ވާރޭފެނުގައި ނުރައްކާތެރި މާއްދާތައް އެކުލެވިގެންވުމުގެ ފުރުސަތު އޮތް ކަމަށް ފުނަދޫ ހޮސްޕިޓަލުން ވަނީ ބުނެފައެވެ. އެހެންކަމުން ވާރޭފެން ނުނެގުމަށާއި، ވާރެޔާ ނުތެމި ރައްކާތެރިވެ ތިބުމަށް އެ ހޮސްޕިޓަލުން ވަނީ އިލްތިމާސްކޮށްފައެވެ. މި ހާދިސާ ހިނގަން މެދުވެރިވި ސަބަބެއް އަދި މިހާތަނަށް ސާފުވެފައެއް ނުވެއެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: