ދިވެހި އުފެއްދުންތެރިންނާއި މަސައްކަތްތެރިންގެ ފަންނުވެރިކަން ދައްކާލުމަށް ބާއްވާ ”މޯލްޑިވްސް އެކްސްޕޯ“ ހުޅުމާލެ ސެންޓްރަލް ޕާކުގައި ރަސްމީކޮށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒުގެ ދެކަނބަލުން ހުޅުއްވައިދެއްވައިފިއެވެ.
ބިޒްނަސް ސެންޓާ ކޯޕަރޭޝަން (ބީސީސީ) އިން އިންތިޒާމުކޮށްގެން ކުރިއަށްގެންދާ މި އެކްސްޕޯގައި 419 ފަރާތަކުން 4,404 އުފެއްދުން ބައިވެރިކޮށްފައިވެއެވެ.
މިއީ ވޭތުވެދިޔަ އަހަރާ އަޅާބަލާއިރު 84 ޕަސެންޓުގެ ބޮޑު ކުރިއެރުމެކެވެ. މިއަހަރުގެ އެކްސްޕޯ ކުރިއަށްދަނީ 16 ދާއިރާއަކުން 73 ކެޓަގަރީ ހިމެނޭ ގޮތަށް، އުފެއްދުންތައް ދައްކާލުމަށް ސެންޓްރަލް ޕާކުގައި ހަތް ޑިސްޓްރިކްޓެއް ގާއިމުކޮށްގެންނެވެ.
މި އެކްސްޕޯގައި ބައިވެރިވި ފަރާތްތަކުގެ ތެރޭގައި އެންމެ ގިނައީ އަމިއްލަ ފަރުދުންނެވެ. އެގޮތުން އަމިއްލަ 321 ފަރުދަކާއި 75 ވިޔަފާރިއެއްގެ އިތުރުން، ހާއްސަ އެހީއަށް ބޭނުންވާ 16 ފަރާތެއް މި ފަހަރުގެ މައުރަޒުގައި ބައިވެރިވެފައިވެއެވެ. މީގެއިތުރުން ތައުލީމީ ދާއިރާގެ މުއައްސަސާތަކާއި، އެކި ޖަމިއްޔާތަކާއި ސަރުކާރު ކުންފުނިތަކުގެ އުފެއްދުންތައް ވެސް މި އެކްސްޕޯގައި ދައްކާލައެވެ.
އެކްސްޕޯގައި އެންމެ ގިނަ އުފެއްދުންތައް ހިމެނެނީ އަތްތެރި މަސައްކަތުގެ ދާއިރާއިންނެވެ. އެ ދާއިރާއިން 1,695 އުފެއްދުން ބައިވެރިކޮށްފައިވާއިރު، ދެވަނައަށް އެންމެ ގިނަ އުފެއްދުން ބައިވެރިކޮށްފައިވަނީ ކްރިއޭޓިވް އާޓްސް އަދި ޑިޒައިނިންގެ ދާއިރާއިންނެވެ. އެ ދާއިރާއިން 920 އުފެއްދުމެއް މައުރަޒުގައި ވަނީ ދައްކާލާފައެވެ.

