ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ލިންކް ރޯޑު ހެދުމުގެ މަސައްކަތް ލަސްވަނީ ސަރުކާރުގެ ނާގާބިލްކަމުން: މޭޔަރ ނިޒާރު

އައްޑޫ ސިޓީގެ މޭޔަރު އަލީ ނިޒާރު ސަންގުޓީވީ ޚަބަރަށްފަހު ޕްރޮގްރާމްގައި ވާހަކަދައްކަވަނީ/ ފޮޓޯ: ސަންގު
ޝެއާރކޮށްލާ ކަހަލަދޯ؟

އައްޑޫ ސިޓީގެ ލިންކް ރޯޑު ހެދުމުގެ މަސައްކަތް ނުނިމި ދިގުލައިގެންދަނީ މި ސަރުކާރުގެ ނާގާބިލްކަމުން ކަމަށާއި، ސަރުކާރަށް ކަންކަން ނުކުރެވޭތީ ކަމަށް އެ ސިޓީގެ މޭޔަރު އަލީ ނިޒާރު ވިދާޅުވެއްޖެއެވެ.

ސަންގު ޓީވީގެ ”ޚަބަރަށްފަހު“ ޕްރޮގްރާމުގައި ވާހަކަދައްކަވަމުން މޭޔަރު ނިޒާރު ވިދާޅުވީ، މަގުހެދުމުގެ ބޮޑު މަޝްރޫއުގެ ތެރެއިން ލިންކް ރޯޑުގެ މަސައްކަތަކީ އެމްޑީޕީގެ ސަރުކާރުން ކުރިއަށް ގެންދަން ނިންމާފައި އޮތް ކަމެއް ކަމަށެވެ. ނަމަވެސް އެ މަސައްކަތް މެދުކަނޑާލުމަށް ފަހު، މި ސަރުކާރުން އެ މަޝްރޫއު ރޯޑް ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އާރުޑީސީ) އާ ހަވާލުކުރި ނަމަވެސް އެ ކުންފުންޏަށް އެކަން ކުރިއަށް ގެންދެވިފައި ނުވާ ކަމަށް އޭނާ ވިދާޅުވިއެވެ. އަދި މިހާރު އެ މަސައްކަތް ޗައިނާގެ ކުންފުންޏަކާ ހަވާލުކޮށްފައިވާ ކަމުގެ މައުލޫމާތު ލިބިފައިވާ ކަމަށާއި، މި ވަގުތު އައްޑޫގައި އެއްވެސް މަސައްކަތެއް ކުރިއަށް ނުދާ ކަމަށް ވެސް ފާހަގަކުރެއްވިއެވެ.

ނިޒާރު ފާހަގަކުރެއްވި ގޮތުގައި ލިންކް ރޯޑުގެ މައްސަލައަކީ ދާދި ފަހުން ދިމާވި ކަމެއް ނޫނެވެ. ފާއިތުވި ދެ އަހަރެއްހާ ދުވަހުގެ ތެރޭގައި އެ މަގުގެ ހާލަތު އިންތިހާއަށް ގޯސްވެ، އެއްކޮށް ހަލާކުވެފައިވާ ކަމަށް އޭނާ ވިދާޅުވިއެވެ.

މީގެ އިތުރުން ކުރީ ސަރުކާރުން އައްޑޫގައި ހިންގި ބިން ހިއްކުމާއި މަގު ހެދުމުގެ ބޮޑެތި މަޝްރޫއުތަކުގެ ލޮޖިސްޓިކްސް ދަތުރުތައް ލިންކް ރޯޑު މެދުވެރިކޮށް ކުރުމުގެ ސަބަބުން، މަރާމާތު ނުކުރެވޭ ވަރަށް މަގު ހަލާކުވެގެން ދިޔަ ކަމަށް ވެސް ވިދާޅުވިއެވެ.

މީގެކުރިން އައްޑޫ ސިޓީ ކައުންސިލުން މިލިއަނުން ޚަރަދުކޮށްގެން ރާއްޖެއިން ބޭރުން ތާރު ގެނެސްގެން ވެސް ލިންކް ރޯޑު މަރާމާތުކޮށްފައިވާ ކަމަށް ރިކޯޑުތަކުން ދައްކާކަން ފާހަގަކުރައްވައި ނިޒާރު ވިދާޅުވީ، ވޭތުވެދިޔަ ދެ އަހަރުގެ ތެރޭގައި މަގު މަރާމާތުކުރުމުގެ އެއްވެސް ފުރުސަތެއް ކައުންސިލަށް ލިބިފައި ނުވާ ކަމަށެވެ. އަދި ކައުންސިލަށް އެކަމަށް ބޭނުންވާ ބަޖެޓު ނުލިބޭއިރު، މަގު ހެދުމަކީ ކައުންސިލުން ކުރަންޖެހޭ ކަމެއްގެ ގޮތުގައި މިހާރު ކަނޑައެޅިފައި ނޯންނަ ކަމަށް ވެސް އޭނާ ވިދާޅުވިއެވެ.

”މިދިޔަ ސަރުކާރުގައި މަގު ހެދުމުގެ ޕްރޮޖެކްޓްގެ ތެރެއިން ކޮންޓީނިއުވާގޮތަށް އޮތް މަސައްކަތެއް ލިންކް ރޯޑުގެ މަސައްކަތަކީ، އެހެންނަމަވެސް އެމަސައްކަތް މެދުކަނޑާލުމަށްފަހު ސަރުކާރުން އާރްޑީސީއާއި މަސައްކަތް ހަވާޅުކުރީ. އެހެންނަމަވެސް އާރްޑީސީއަކުން މަސައްކަތެއް ނުކުރެވުނު. ދެން މިހާރު އެހެން ބަޔަކާއި ހަވާލުކުރެވިފައިވާކަމަށް މައުލޫމާތު ލިބެނީ. ޗައިނާ ބަޔަކާއި ހަވާލުކުރެވުނުކަމަށް މައުލޫމާތު ލިބެނީ،“ ނިޒާރު ވިދާޅުވިއެވެ.

މަގުގެ ހާލަތު ނުރައްކާތެރި ދަރަޖައަކަށް ގޮސްފައިވުމުން އާންމުންގެ ފަރާތުން ކައުންސިލަށާއި ސޯޝަލް މީޑިއާގައި ގިނަ ޝަކުވާތަކެއް ލިބެމުންދާ ކަމަށް މޭޔަރު ވިދާޅުވިއެވެ. އަދި މި އަހަރުގެ ބާކީ އޮތް މުއްދަތުގައި މި މަސައްކަތް ފެށޭނެ ކަމުގެ އުންމީދެއް ނެތް ކަމަށާއި، އަންނަ އަހަރު ވެސް މިކަމަށް އެދެވޭ ހައްލެއް ލިބޭނެ ކަމަށް ގަބޫލުނުކުރެއްވޭ ކަމަށް ވިދާޅުވެ، މި ހާލަތު މިގޮތަށް ދެމިގެންދާނަމަ ރައްޔިތުންނަށް ދިމާވާ ދަތިތައް އިތުރަށް ބޮޑުވާނެ ކަމުގެ ކަންބޮޑުވުން ނިޒާރު ފާޅުކުރެއްވިއެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: