ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ރާއްޖޭގެ އެކި ރަށްރަށުގައި 15 މެގަވޮޓްގެ ސޯލާ ޕީވީ ގާއިމުކުރުމުގެ މަޝްރޫއުގައި ސޮއިކޮށްފި

ތިމާވެއްޓާ ބެހޭ މިނިސްޓަރު އަލީ ޝަރީފު އާއި ޗައިނާގެ ސިނަސޯ ހައިބްރިޑް ޓެކްނޮލޮޖީ ކަންޓްރީ މެނޭޖާ ޗާއޮ ޝޯމިންގް ސޯލާ ޕީވީ މަޝްރޫއުގެ އިމްޕްލިމެންޓޭޝަން އެއްބަސްވުމުގައި ސޮއިކުރައްވަނީ.-- ފޮޓޯ: ތިމާވެއްޓާ ބެހޭ މިނިސްޓްރީ
ޝެއާރކޮށްލާ ކަހަލަދޯ؟

ރާއްޖޭގެ އެކި ރަށްރަށުގައި 15 މެގަވޮޓްގެ ސޯލާ ޕީވީ ގާއިމުކުރުމަށް ބޭނުންވާ ޕަވާ ޕަޗޭސް އެގްރީމަންޓް (ޕީޕީއޭ) އާއި އިމްޕްލިމެންޓޭޝަން އެއްބަސްވުމުގައި ސަރުކާރުން ރަސްމީކޮށް ސޮއިކޮށްފިއެވެ.

މިއީ ރާއްޖޭގެ ތާރީޚުގައި ވެސް މިހާތަނަށް ސޮއިކުރެވުނު އިޔާދަކުރަނިވި ހަކަތައިގެ އެންމެ ބޮޑު ސޯލާ ޕީވީ މަޝްރޫޢެވެ.

މި އެއްބަސްވުންތަކުގައި ސޮއިކޮށްފައިވަނީ މިނިސްޓްރީ އޮފް އެންވަޔަރަންމަންޓް، ކްލައިމެޓް ޗޭންޖް އެންޑް އެނާޖީން ކުރިއަށްގެންދާ ”އެކްސެލަރޭޓިން ރިނިއުބަލް އެނާޖީ އިންޓަގްރޭޝަން އެންޑް ސަސްޓެއިނަބަލް އެނާޖީ (އެރައިޒް)“ މަޝްރޫޢުގެ ދަށުންނެވެ.

މި މަޝްރޫޢުގެ ދަށުން ޗައިނާގެ މަޝްހޫރު ކުންފުންޏެއް ކަމަށްވާ ސިނަސޯ ހައިބްރިޑް ޓެކްނޮލޮޖީ އާއި ސްޓޭޓް އިލެކްޓްރިކް ކޮމްޕެނީ (ސްޓެލްކޯ) އާ ދެމެދު ވަނީ ޕަވާ ޕަޗޭސް އެގްރީމަންޓެއް އެކުލަވާލާފައެވެ. މި އެއްބަސްވުމުގައި ސްޓެލްކޯގެ ފަރާތުން ސޮއިކުރެއްވީ އެ ކުންފުނީގެ މެނޭޖިން ޑިރެކްޓަރު ޑރ. އަލީ އަޒްވަރެވެ. އަދި ސިނަސޯ ކުންފުނީގެ ފަރާތުން ސޮއިކުރެއްވީ އެ ކުންފުނީގެ ކަންޓްރީ މެނޭޖަރު ޗާއޮ ޝޯމިންގް އެވެ.

މީގެއިތުރުން، ސިނަސޯ ހައިބްރިޑް ޓެކްނޮލޮޖީ އާއި ތިމާވެއްޓާ ބެހޭ މިނިސްޓްރީއާ ދެމެދު ވެވުނު އިމްޕްލިމެންޓޭޝަން އެއްބަސްވުމުގައި މިނިސްޓްރީގެ ފަރާތުން ސޮއިކުރެއްވީ މިނިސްޓަރު އަލީ ޝަރީފެވެ.

މިނިސްޓްރީން ހާމަކުރި ގޮތުގައި މި ބިޔަ މަޝްރޫޢު ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވަނީ އަމިއްލަ ފަރާތްތަކުގެ އިންވެސްޓްމަންޓްތައް ބޭނުންކޮށްގެން ”ޑިޒައިން، ބިލްޑް، ފައިނޭންސް، އޯން، އޮޕަރޭޓް އެންޑް ޓްރާންސްފާ“ (ޑީބީއެފްއޯއޯޓީ) މޮޑެލްގެ ދަށުން ޖުމްލަ 20 އަހަރު ދުވަހުގެ މުއްދަތަށެވެ.

މި މަޝްރޫޢަކީ ވާދަވެރި ބީލަމުގެ އުސޫލުން ހިންގާފައިވާ މަސައްކަތެކެވެ. އަދި ބޭރުގެ އިންވެސްޓަރުންނަށް ހުރި ހިރާސްތަކާއި ގޮންޖެހުންތައް ކުޑަކުރުމަށްޓަކައި ބައިނަލްއަޤްވާމީ މާލީ އިދާރާތަކުގެ ފަންނީ އަދި މާލީ އެހީތެރިކަން ވަނީ ލިބިފައެވެ. އޭގެ ތެރޭގައި:

  • ވޯލްޑް ބޭންކް (އިންޓަނޭޝަނަލް ޑިވެލޮޕްމަންޓް އެސޯސިއޭޝަން – އައިޑީއޭ)
  • ކްލައިމެޓް ޓެކްނޮލޮޖީ ފަންޑް (ސީޓީއެފް)
  • އޭޝިއަން އިންފްރާސްޓްރަކްޗާ އިންވެސްޓްމަންޓް ބޭންކް (އޭއައިއައިބީ)
  • މަލްޓިލެޓަރަލް އިންވެސްޓްމަންޓް ގެރެންޓީ އޭޖެންސީ (މީގާ)

މި އިދާރާތަކުގެ ބައިވެރިވުމާ އެކު ވަނީ ޚާއްޞަ ރިސްކް މިޓިގޭޝަން ފްރޭމްވޯކެއް އެކުލަވާލާފައެވެ.

މަޝްރޫޢު ބެހިފައިވާ ގޮތުގެ ތަފްސީލު

15 މެގަވޮޓްގެ މި މަޝްރޫޢުގެ މަސައްކަތްތައް މައިގަނޑު ދެ ލޮޓަކަށް ބަހާލައިގެން ކުރިއަށް ގެންދިއުމަށް ވަނީ ހަމަޖެހިފައެވެ.

ލޮޓް 1: ލ. އަތޮޅު ކްލަސްޓާ (ޖުމްލަ 2 މެގަވޮޓް)

  • ލ. މާމެންދޫ: 0.61 މެގަވޮޓް
  • ލ. މާވަށް: 0.44 މެގަވޮޓް
  • ލ. މާބައިދޫ: 0.38 މެގަވޮޓް
  • ލ. ހިތަދޫ: 0.30 މެގަވޮޓް
  • ލ. ކުނަހަންދޫ: 0.25 މެގަވޮޓް
  • ލ. ދަނބިދޫ: 0.20 މެގަވޮޓް

ލޮޓް 2: ސަރަހައްދީ ބޮޑެތި ރަށްރަށް (ޖުމްލަ 13 މެގަވޮޓް)

  • ލ. ގަން: 4.00 މެގަވޮޓް
  • ލ. ފޮނަދޫ: 3.00 މެގަވޮޓް
  • ޅ. ނައިފަރު: 2.30 މެގަވޮޓް
  • ގއ. ވިލިނގިލި: 1.65 މެގަވޮޓް
  • ށ. ފުނަދޫ: 1.25 މެގަވޮޓް
  • ލ. އިސްދޫ: 0.70 މެގަވޮޓް
  • ލ. ކަލައިދޫ: 0.60 މެގަވޮޓް

މި މަޝްރޫޢު ފުރިހަމަވުމުން ރާއްޖޭގެ ތެލަށް ބަރޯސާވާ މިންވަރު ވަރަށް ބޮޑަށް ކުޑަކުރެވި، އިޔާދަކުރަނިވި ހަކަތައިގެ ލަނޑުދަނޑިތައް ހާސިލުކުރުމަށް ބޮޑު ކުރިއެރުމެއް ލިބިގެންދާނެ ކަމަށް ތިމާވެއްޓާ ބެހޭ މިނިސްޓްރީން ފާހަގަކުރެއެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: