ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

އުއްތަމަ ފަނޑިޔާރުގެ މުސާރަ 95000ރ އަށް ބޮޑުކުރަން މާލިއްޔަތު ކޮމިޓީން ފާސްކޮށްފި

އުއްތަމަފަނޑިޔާރު ޢަބްދުލްޣަނީ މުޙައްމަދު/ ފޮޓޯ: ސުޕްރީމް ކޯޓު
ޝެއާރކޮށްލާ ކަހަލަދޯ؟

ދިވެހިރާއްޖޭގެ އުއްތަމަ ފަނޑިޔާރަށް މަހަކު ލިބިވަޑައިގަންނަވާ އިނާޔަތްތައް އިތުރުކޮށް، ޖުމްލަ މުސާރަ 95،125 (ނުވަދިހަ ފަސްހާސް އެއްސަތޭކަ ފަންސަވީސް) ރުފިޔާއަށް ބޮޑުކުރުމަށް ރައްޔިތުންގެ މަޖިލީހުގެ މާލިއްޔަތު ކޮމިޓީން ފާސްކޮށްފިއެވެ.

މި ބަދަލު ގެނައުމަށް ފާސްކުރީ މިއަދު ބޭއްވި އެ ކޮމިޓީގެ ބައްދަލުވުމުގައި ބައިވެރިވެވަޑައިގެންނެވި މެންބަރުންގެ އިއްތިފާގުންނެވެ.

އުއްތަމަ ފަނޑިޔާރަށް މިހާރު މުސާރައާއި އިނާޔަތްތަކުގެ ގޮތުގައި މަހަކު ލިބިވަޑައިގަންނަވަނީ 91،000 ރުފިޔާއެވެ. ނަމަވެސް، މާލިއްޔަތު ކޮމިޓީން ފާސްކުރި ނިންމުމާ އެކު، އުއްތަމަ ފަނޑިޔާރަށް ހާއްސަ އެލަވަންސެއްގެ ގޮތުގައި މަހަކު 4،125 ރުފިޔާ އިތުރުވެގެންދާނެއެވެ. އެއާއެކު، ޖުމްލަ މުސާރަ 95،125 ރުފިޔާއަށް އަރާނެއެވެ.

މާލިއްޔަތު ކޮމިޓީއަށް މި އިސްލާހު ހުށަހެޅުއްވީ ވެރިކަންކުރާ ޕީޕަލްސް ނެޝަނަލް ކޮންގްރެސް (ޕީއެންސީ) ގެ ފަރާތުން ފުނަދޫ ދާއިރާ ތަމްސީލުކުރައްވާ މެންބަރު މުހައްމަދު މަމްދޫހެވެ.

މަމްދޫހު ހުށަހެޅުއްވި ހުށަހެޅުމުގައި ވިދާޅުވީ، ދައުލަތުގެ ބާރުތަކުގެ ތެރެއިން ޝަރުއީ ދާއިރާގެ އެންމެ އިސް ވެރިޔާގެ ހައިސިއްޔަތުން އުއްތަމަ ފަނޑިޔާރަށް ލިބިވަޑައިގަންނަވާ މުސާރައާއި އިނާޔަތްތައް، ރައްޔިތުންގެ މަޖިލީހުގެ ރައީސަށް ލިބިވަޑައިގަންނަވާ މުސާރައާ އެއްހަމަކުރުމަކީ މުހިންމު ކަމެއް ކަމަށެވެ. އެހެންކަމުން މިއީ ދައުލަތުގެ ދެ ބާރުގެ އިސްވެރިންގެ މުސާރައިގެ ފަރަގު ކުޑަކޮށް، ހަމަހަމަކަން ގާއިމުކުރުމުގެ ގޮތުން ގެނެވުނު ބަދަލެކެވެ.

އުއްތަމަ ފަނޑިޔާރުގެ މުސާރަ ބޮޑުކުރުމުގެ އިތުރުން، ދައުލަތުގެ އެހެނިހެން އިސް މަގާމުތަކުގެ މުސާރައާއި އިނާޔަތްތަކަށް ބަދަލު ގެނައުމަށް މާލިއްޔަތު ކޮމިޓީން ދާދިފަހުން ވަނީ ނިންމާފައެވެ. އެގޮތުން މިދިޔަ ބުދަ ދުވަހު ބޭއްވި ބައްދަލުވުމުގައި ރައްޔިތުންގެ މަޖިލީހުގެ ރައީސާއި ވަޒީރުން އަދި ކައުންސިލަރުންގެ މުސާރައަށް ވެސް ބޮޑެތި ބަދަލުތަކެއް ގެނައުމަށް ވަނީ ފާސްކޮށްފައެވެ.

މިދިޔަ ބުދަ ދުވަހު ފާސްކުރި މައިގަނޑު ކަންތައްތަކުގެ ތެރޭގައި ހިމެނެނީ:

  • ރައްޔިތުންގެ މަޖިލީހުގެ ރައީސް: މަޖިލީހުގެ ރައީސަށް މަހަކު 22،000 ރުފިޔާގެ އެލަވަންސެއް ހަމަޖެއްސުމަށް ވަނީ ނިންމާފައެވެ. މި ބަދަލާއެކު އެ މަގާމުގެ މުސާރައާއި އެލަވަންސްތައް އެއްކޮށް މަހަކު 95،125 ރުފިޔާއަށް އަރާނެއެވެ.
  • ވަޒީރުން (ކެބިނެޓް މެންބަރުން): ވަޒީރުންގެ ކާރު އެލަވަންސް 17،000 ރުފިޔާއަށް ބޮޑުކުރުމަށް ވަނީ ނިންމާފައެވެ. މިހާރު ވަޒީރަކަށް މުސާރައާއި އެލަވަންސްގެ ގޮތުގައި މަހަކު 58،500 ރުފިޔާ ލިބިވަޑައިގަންނަވާއިރު، މި ބަދަލާއެކު އެ އަދަދު 75،500 ރުފިޔާއަށް އިތުރުވާނެއެވެ.
  • ކައުންސިލަރުން: ކައުންސިލަރުންގެ ހިދުމަތުގެ އަގުވަޒަންކުރުމުގެ ގޮތުން މަހަކު 5،000 ރުފިޔާގެ ސާވިސް އެލަވަންސެއް ހަމަޖެއްސުމަށް ވަނީ ފާސްކޮށްފައެވެ.

މާލިއްޔަތު ކޮމިޓީން މި ބަދަލުތައް މިހާރު ފާސްކޮށްފައިވީ ނަމަވެސް، މި ނިންމުންތަކަށް ފުރިހަމައަށް އަމަލުކުރަން ފެށޭނީ ރައްޔިތުންގެ މަޖިލީހުގެ ޖަލްސާއަކަށް މި ރިޕޯޓް ހުށަހަޅައި، މަޖިލީހުގެ ތަޅުމުން ފާސްކުރުމަށް ފަހުގައެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: