ނުކުޅުދުންތެރިކަން ހުންނަ ކުދިންނާއި ނަފްސާނީ ހާލަތު ހުންނަ މިންވަރަށް ބިނާކޮށް، ގޭގައި މަދަރަސީ ތައުލީމު ފޯރުކޮށްދިނުމަށް ހޯމް ސްކޫލިން ޕްރޮގްރާމް ތައާރަފުކުރުމުގެ ބިލް ރައްޔިތުންގެ މަޖިލީހުގެ ގައުމީ ތަރައްގީއާއި ތަރިކައިގެ ކޮމިޓީއާއި އިޖުތިމާއީ ކޮމިޓީގެ ޖޮއިންޓް ކޮމިޓީއަށް ފޮނުވާލައިފިއެވެ.
ރައްޔިތުންގެ މަޖިލީހަށް މި ބިލު ހުށަހަޅުއްވާފައިވަނީ ސަރުކާރުގެ ފަރާތުން ހުރާ ދާއިރާގެ މެންބަރު ޑރ. އަނާރާ ނައީމެވެ. ސަރުކާރުން މި ބިލު ހުށަހެޅުމުގެ މައިގަނޑު މަގްސަދަކީ، ކުއްޖާގެ ނުކުޅެދުންތެރިކަން ހުރި ނިސްބަތަށް ނުވަތަ ނަފްސާނީ ހާލަތަށް ބަލައި ހެދޭ އެސެސްމެންޓެއްގެ މައްޗަށް ބިނާކޮށް، ގޭގައި ތިބެގެން މަދަރުސީ ތައުލީމު ހާސިލުކުރުމުގެ ފުރުސަތު ދިނުމެވެ. އަދި މި ޕްރޮގްރާމްގެ ދަށުން ކިޔެވުމުގެ ފުރުސަތު ދިނުމަށް ބޭނުންވާ ޝަރުތުތަކާއި އުސޫލުތައް ގާނޫނުގައި ސާފުކޮށް ބަޔާންކުރުމެވެ.
އެ ބިލުގެ އިބްތިދާއީ ބަހުސަށްފަހު ބިލު ގައުމީ ތަރައްގީއާއި ތަރިކައިގެ ކޮމިޓީއާއި އިޖުތިމާއީ ކޮމިޓީގެ ޖޮއިންޓް ކޮމިޓީއަށް ފޮނުވީ 41 މެމްބަރުންގެ ވޯޓާއެކުއެވެ.
މީގެ އިތުރުން، މަދަރުސީ ނިޒާމު ހިންގުމުގައި ބެލެނިވެރިންނާއި، މުދައްރިސުން އަދި ޕްރިންސިޕަލުންގެ ދައުރު އިތުރަށް ތަފްސީލުކޮށް، މިހާރު ގާނޫނު ތަންފީޒުކުރުމުގައި ދިމާވާ ދަތިތަކަށް ހައްލު ހޯދުމަކީ ވެސް މި އިސްލާހުގެ މުހިންމު ބޭނުމެކެވެ.
މިހާރު ތައުލީމުގެ ގާނޫނު އޮންނަ ގޮތުންއުމުރުން ހަތަރު އަހަރުން ފެށިގެން 16 އަހަރާ ދެމެދުގެ ކޮންމެ ކުއްޖަކަށް ތައުލީމު ލާޒިމްވާނެއެވެ. ނަމަވެސް، ދަރިވަރުގެ ހާލަތުގެ ގޮތުން ސްކޫލަށް ހާޒިރުވުމަށް ނުކުޅެދޭ ކުދިންނަށް އިސްތިސްނާއެއް ދިނުމުގެ އިޚްތިޔާރު މިނިސްޓަރަށް ލިބިދެއެވެ.
ގާނޫނަށް އިސްލާހު ގެނައުމުގެ ބިލު ހުށަހަޅުއްވަމުން މެމްބަރު އަނާރާ ފާހަގަކުރެއްވި ގޮތުގައި، މިއީ އެއްވެސް ތަފާތުކުރުމެއް ނެތި ކޮންމެ ދިވެހި ކުއްޖެއްގެ ތައުލީމީ ހައްގު ކަށަވަރުކޮށްދީ، އިޖުތިމާއީ އަދުލުވެރިކަން ގާއިމުކުރުމަށްޓަކައި ސަރުކާރުން އަޅާ ދުރުވިސްނުންތެރި ފިޔަވަޅެކެވެ. އަދި ހާއްސަކޮށް، ހާއްސަ އެހީއަށް ބޭނުންވާ ކުދިންނާއި ނަފްސާނީ ގޮތުން އެކަހެރި ހާލަތްތަކުގައި ތިބޭ ކުދިންނަށް ތައުލީމު އުނގެނުމަށް އެޅިފައިވާ ހުރަސްތައް ނައްތާލައި، އެންމެ ރައްކާތެރި މާހައުލެއްގައި އުނގެނުމުގެ ފުރުސަތު ފަހިކޮށްދިނުމަކީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒުގެ ސަރުކާރުގެ މުހިންމު ވައުދެއްކަން މެމްބަރު ވަނީ ފާހަގަކުރައްވާފައެވެ.
މީގެ ސަބަބުން ކޮންމެ ދަރިވަރެއްގެ ކުރިއެރުން ގަވާއިދުން މޮނިޓަރކުރެވި، ގައުމީ ތަރައްގީގައި ބައިވެރިވެވޭނެ ގާބިލު ޖީލެއް ބިނާކުރުމަށް މަގުފަހިވާނެ ކަމަށާއި މާޒީގައި ބައެއް ކުދިން ތައުލީމީ ނިޒާމުން ބާކީވި ބާކީވުމަށް މި ބިލުގެ ސަބަބުން ދާއިމީ ހައްލެއް ލިބިގެންދާނެ ކަމަށް މެމްބަރު އަނާރާ ފާހަގަކުރެއްވިއެވެ.
ހޯމް ސްކޫލިންގް ޕްރޮގްރާމްގެ ދަށުން ދަރިވަރުންނަށް އުނގަންނައިދޭއިރު، ގައުމީ މަންހަޖުގެ މިންގަނޑުތަކާ އެއްގޮތަށް ތައުލީމުގެ ފެންވަރާއި އިންޓެގްރިޓީ ދެމެހެއްޓުމަށްޓަކައި ހަރުދަނާ އެސެސްމެންޓާއި މެނޭޖްމަންޓް ނިޒާމެއް ގާއިމުކުރެވޭނެކަމަށް ބިލުގައި ފާހަގަކޮށްފައިވެއެވެ.

