މިދިޔަ ހަަފްތާގައި އެކަނި ފައިސާ މާރުކުރުމުގެ ނަމުގައި ސްކޭމްކުރުމުގެ 17 މައްސަލައެއް ފުލުހުންގެ އެންޓި ސްކޭމް ސެންޓަރަށް ރިޕޯޓުކޮށްފިއެވެ.
ފުލުހުންގެ އެންޓި ސްކޭމް ސެންޓަރުން ކޮންމެ ހަފްތާއަކު ސްކޭމްގެ މައްސަލަތަކާ ގުޅޭ ތަފާސްހިސާބުތައް އާންމުކުރާއިރު، މިދިޔަ މަހުގެ 25 ވަނަ ދުވަހުން 31 ވަނަ ދުވަހުގެ ނިޔަލަށް އާންމުކުރި ތަފާސްހިސާބުތަކުން ދައްކާގޮތުގައި، އެ ހަފްތާގައި ސްކޭމްގެ ޖުމްލަ 32 މައްސަލައެއް ހުށަހަޅާފައިވެއެވެ.
އެ މައްސަލަތަކުގެ ތެރެއިން 17 މައްސަލަކީ ފައިސާ މާރުކުރުމުގެ ނަމުގައި ސްކޭމްކުރި މައްސަލަތައް ކަން ފުލުހުން ފާހަގަކުރެއެވެ.
އެކަމަށް ސަމާލުވުމަށް އެދެމުން ފުލުހުން ބުނެފައިވަނީ، ފައިސާ މާރުކުރުމުގެ ނަމުގައި ގިނަ ސްކޭމްތަކެއް ހިންގަމުންދާ ކަމަށާއި މާރުކުރާ ރޭޓް އާދަޔާ ހިލާފަށް ރަނގަޅުނަމަ އެއީ ސްކޭމަކަށް ވެދާނެ ކަމަށެވެ. ފައިސާ ޖަމާކުރުމުގެ ކުރިން މާރުކުރާ ފަރާތުގެ ފައިސާ ލިބިއްޖެތޯ ޔަގީންކުރައްވައި، ކާކުކަން ކަށަވަރުނަވަނީސް ފައިސާ ނުދެއްވުމަށް ފުލުހުން އެދިފައިވެއެވެ.
މިދިޔަ ހަފްތާގައި ދެވަނައަށް އެންމެ ގިނައިން ހުށަހަޅާފައިވަނީ އީކޮމާސް ސްކޭމްގެ މައްސަލަތަކެވެ. އެފަދަ ހަ މައްސަލައެއް ހުށަހަޅާފައިވާއިރު، އިންވެސްޓްމެންޓުގެ ނަމުގައި ސްކޭމްކުރި ހަތަރު މައްސަލައެއް، އޮޅުވާލައިގެން މީހަކަށް ހެދިގެން އުޅުމުގެ އެއް މައްސަލަ އަދި ސްކޭމްގެ އެހެނިހެން ހަތަރު މައްސަލައެއް ހުށަހަޅާފައިވެއެވެ.
މިދިޔަ ހަފްތާގައި ސްކޭމްގެ މައްސަލަތަކުން ގެއްލުނު ފައިސާގެ އަދަދު 737,695.26 ރުފިޔާއަށް އަރާއިރު، އެ މުއްދަތުގެ ތެރޭގައި ފުލުހުން ވަނީީ 144,558.26 ރުފިޔާ އަނބުރާ ހޯދައިފައެވެ.
ފުލުހުންގެ ތަފާސްހިސާބުތައް ދައްކާ ގޮތުން މި އަހަރުގެ މިހާތަނަށް ހިޔާނާތްތެރިވުމުގެ 228 މައްސަލައެއް ފުލުހުންނަށް ހުށަހަޅާފައިވެއެވެ. އަދި ސައްހަ ނޫން ލިޔުންތައް އުފެއްދުމުގެ 58 މައްސަލައާއި ޗެކް ބައުންސްވުމުގެ ދެ މައްސަލައެއް ވެސް ހުށަހަޅާފައިވެއެވެ.

