ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ސައީދު ވިދާޅުވީ، ބަންކަރިންގެ ހިދުމަތުން 90 މިލިއަން ޑޮލަރު ލިބިފައިވާކަމަށް!

ބަންކަރިންގެ ހިދުމަތް ރަސްމީކޮށް ފެށުން
ޝެއާރކޮށްލާ ކަހަލަދޯ؟

ރާއްޖެ ކައިރިން އަދި ރާއްޖޭގެ ކަނޑުއޮޅިތަކުން ދަތުރުކުރާ ބޭރުގެ އާގުބޯޓުފަހަރަށް ބަންކަރިންގެ ހިދުމަތް ފޯރުކޮށްދިނުމުގެ ހިދުމަތުން ރާއްޖެއަށް 90 މިލިއަން ޑޮލަރު ލިބިފައިވާ ކަމަށް އިކޮނޮމިކް މިނިސްޓަރު މުހައްމަދު ސައީދު ވިދާޅުވެއްޖެއެވެ.

އެމްޑީޕީގެ ޕާލިމެންޓަރީ ގްރޫޕުން މަޖިލީހަށް ހުށަހަޅާފައިވާ ސައީދުގެ އިތުބާރު ނެތްކަމުގެ މައްސަލައިގައި، މަޖިލީހަށް އޭނާ ހާޒިރުކުރުމުން ކުރެވޭ ސުވާލަށް ސީދާ ޖަވާބުދިނުމުގެ ބަދަލުގައި ސުވާލާ ނުގުޅޭ ސިޔާސީ ވާހަކަަތަކެއް ދައްކަވައި ޒިންމާއިން ރެކިވަޑައިގަންނަވާ ކަމަށާއި ބަންކަރިންގެ ހިދުމަތުން ލިބޭނެ ކަމަށް މިނިސްޓަރު ވިދާޅުވި 400 މިލިއަން ޑޮލަރާ ގުޅޭގޮތުން ސުވާލުކުރުމުން ސުވާލުކުރި މެމްބަރުގެ ސިޔާސީ ފިކުރަށް ހަމަލާދެއްވައި ހަގީގަތް އޮޅުވާލެއްވުމަށް މަސައްކަތް ކުރެއްވި ކަމަށް ތުހުމަތުކޮށްފައިވެއެވެ.

މިއަދުގެ މަޖިލީހުގެ އެ މައްސަލައިގައި ހިމެނޭ ވަކިވަކި ކަންކަމަށް ސައީދު ޖަވާބު ދެއްވާފައިވާއިރު، އޭނާ ވަނީ ބަންކަރިންގެ ހިދުމަތުން މިހާތަނަށް ލިބުނު އާމްދަނީ ހާމަކުރައްވައި އެކަމަށް ޖަވާބުދެއްވައިފައެވެ.

ސައީދު ވިދާޅުވީ، ބަންކަރިންގެ މަސައްކަތަކީ އެސްޓީއޯއިން ކުރަމުންދާ މަސައްކަތެއް ކަމަށާއި އެއީ މިނިސްޓްރީގެ މަސައްކަތާ ސީދާ ގުޅުންހުރި ކަމެއް ނޫން ކަމަށެވެ. އެ ހިދުމަތުން އަހަރަކު 400 މިލިއަން ޑޮލަރު ލިބޭނެ ކަމަށް ކުރިން ވިދާޅުވެފައިވާއިރު، އޭނާ ދައްކަވާ ވާހަކަތައް ޔަގީންކުރުމަށް ޓަކައި މަޖިލީހުގެ ކަމާ ބެހޭ ކޮމިޓީއަށް އެސްޓީއޯގެ އިސްވެރިން ހާޒިރުކުރެވޭނެކަން ސައީދު ފާހަގަކުރެއްވިއެވެ. އެހެންނަމަވެސް، އެ ސުވާލު ކޮށްފައި އޮތުމުން އެއަށް ޖަވާބު ދެއްވާނެކަމަށް ވިދާޅުވެ ސައީދު ވަނީ ބައެއް ތަފާސްހިސާބުތައް ހިއްސާކުރައްވައިފައެވެ.

އޭނާ ވިދާޅުވީ، ރާއްޖޭގެ ކަނޑުއޮޅިތަކުން ދަތުރުކުރާ އުޅަނދުތަކުން ނެގެން އޮތް ފައިދާގެ ވާހަކައަކީ ހުރިހާ ސަރުކާރުތަކުން ދައްކާފައިވާ ވާހަކައެއް ކަމަށެވެ. ނަމަވެސް، އެކަން ކުރީ މި ސަރުކާރުން ކަމަށް އޭނާ ވިދާޅުވިއެވެ. އަދި މި ސަރުކާރުގައި ދެ ބޯޓު ގެނެސްގެން ނަމަވެސް، އެ ހިދުމަތް ފެށުމުން 90 މިލިއަން ޑޮލަރުގެ އާމްދަނީއެއް ލިބިފައިވާ ކަމަށް ވިދާޅުވިއެވެ. އަދި އެއަށް ވުރެ ގިނައިން އާމްދަނީ ހޯދުމުގެ ފުރުސަތު ވެސް އެބަ އޮތް ކަމަށް އޭނާ ވިދާޅުވިއެވެ.

”މި ސަރުކާރުން ރައިސް ޑރ. މުހައްމަދު މުއިއްޒުގެ ސަރުކާރުން އަދި ދެ ބޯޓު ގެނެސްގެން ނަމަވެސް، ބަންކަރިންގެ ހިދުމަތް ފެށީމަ ނޫންތޯ މިއަދު 90.07 އެމެރިކާ ޑޮލަރުގެ އާމްދަނީއެއް އެ ލިބުނީ. ރުފިޔާއިން ބަލައިފިކަމަށް ވަންޏާ 1.39 ބިލިއަން ރުފިޔާ އިންޓަނޭޝަން ބަންކަރިންގެ ހިދުމަތުން އެ އޮތީ ހޯދިފައި ނޫންތޯ؟ 400 މިލިއަނެއް ނޫނޭ. އެއަށްވުރެ ބޮޑު ފުރުސަތު ވެސް އެބަ އޮތް،“

ބަންކަރިންގެ ހިދުމަތުން ފޯރުކޮށްދިން ތަކެތީގެ 70.31 ޕަސެންޓަކީ ވީއެލްއެސްއެފް ނުވަތަ ލޯ ސަލްފާ ފިއުލް ކަމަށް ސައީދު ވިދާޅުވިއެވެ. ވީއެލްއެސްއެފްގެ 72،000 މެޓްރިކް ޓަން މިހާތަނަށް ފޯރުކޮށްދީފައިވާ ކަމަށް އޭނާ ވިދާޅުވިއެވެ.

މީގެ ކުރިން އެފަދަ ފިއުލް ލިބެންހުރީ ރާއްޖެއާ ކައިރި އެހެން ގައުމުތަކުން ކަމަށް އޭނާ ވިދާޅުވިއެވެ. އެ ފުރުސަތު އެ މީހުންނަށް ބަންދުކޮށް، ދިވެހީންނަށް އެކަނި ކުރެވޭ ވިޔަފާރިއަކަށް ހެދުމުން ކަމަށް މިއަދު 90 މިލިއަން ޑޮލަރު ލިބިފައިވާ ކަމަށް ވިދާޅުވިއެވެ.

އެސްޓީއޯގެ އަހަރީ ހިސާބުތައް ކިޔާ އިރުގައި ވެސް އެންމެ ފައިދާވާ ކަންކަމުގެ ތެރޭގައި އިންޓަނޭޝަނަލް ބަންކަރިންގެ ހިދުމަތް ހިމެނޭކަމަށް އެ ކުންފުނިން ވެސް ފާހަގަކުރާކަމަށް ސައީދު ވިދާޅުވިއެވެ.

ބަންކަރިންގެ ހިދުމަތް ފެށުމުގެ ކުރިން 2024 ވަނަ އަހަރުގެ ޖުލައި މަހުގެ ތެރޭގައި ސައީދު ވިދާޅުވެފައިވަނީ، ރާއްޖޭގެ ޖީޑީޕީއަށް އެ މަޝްރޫއުގެ ސަބަބުން އިތުރު 400 މިލިއަން ޑޮލަރު ވަދެގެންދާނެ ކަމަށެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: