ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒުގެ އިތުބާރު ވެސް ވަޒީރު މުހައްމަދު ސައީދުއަށް ނެތްއިރު ރައްޔިތުންގެ މަޖިލީހުން ވަޒީރަށް އިތުބާރުކުރަންޖެހޭ އެއްވެސް ސަބަބެއް ނެތް ކަމަށް ހުޅުމާލެ ދެކުނު ދާއިރާގެ މެންބަރު ޑރ. އަހްމަދު ޝަމްހީދު ވިދާޅުވެއްޖެއެވެ.
މިއަދު ބޭއްވުނު ރައްޔިތުންގެ މަޖިލީހުގެ ޖަލްސާގައި، އިގުތިސާދީ ތަރައްގީއާއި ދަތުރުފަތުރާއި ވިޔަފާރިއާ ބެހޭ ވަޒީރު މުހައްމަދު ސައީދުގެ އިތުބާރު ނެތްކަމުގެ މައްސަލައިގެ ބަހުސްގައި ވާހަކަދައްކަވަމުން މެންބަރު ޝަމްހީދު ވަނީ ގައުމުގެ ރައީސުލްޖުމްހޫރިއްޔާ ވަޒީރަށް ނުކުރައްވާ އިތުބާރެއް ރައްޔިތުންގެ މަޖިލީހުގެ މެމްބަރުން ކުރައްވަން ޖެހިވަޑައިނުގަންނަވާނެކަމަށް ވިދާޅުވެފައެވެ. އަދި ވަޒީރުގެ އިތުބާރު ނެތްކަމުގެ މައްސަލަ މަޖިލީހަށް ގެނެސްފައި ވަނީ ވަރަށް ހައްސާސް ކަންކަމާ ގުޅިގެން ކަމަށާއި މިއީ ސަމާސާއަކަށް ކުރާ ކަމެއް ނޫން ކަމަށް މެމްބަރު ވިދާޅުވިއެވެ.
ސަރުކާރުގެ އެންމެ ބޮޑު މަޝްރޫއު ކަމަށްވާ ރަސްމާލެ ޕްރޮޖެކްޓުންވެސް ވަޒީރު އެއްކައިރިކޮށް، ބައިވެރިނުކުރާކަން ފާހަގަކުރައްވައި، ރައީސުލްޖުމްހޫރިއްޔާގެ ވެސް އިތުބާރެއް ވަޒީރަށް ނެތްކަމަށް ޝަމްހީދު ވިދާޅުވިއެވެ.
”މިއަދު އަޅުގަނޑުމެން އެކަންޏެއް ނޫނޭ މިއުޅެނީ ވަޒީރުގެ މައްޗަށް އިތުބާރެއް ނެތިގެން. ހުދު ރައީސުލްޖުމްހޫރިއްޔާ ޑރ. މުއިއްޒުގެވެސް އިތުބާރެއް ނެތް. މިއަދު ސަރުކާރުން އެންމެ ބޮޑު އިންވެސްޓްމަންޓޭކިޔާ ރަސްމާލެ ޕްރޮޖެކްޓުގައި ވަޒީރުގެ ޒިންމާއެއް ނެތް. ވަޒީރު ބައިވެރިއެއް ނުކުރޭ. ރައީސްގެ އިތުބާރެއް ނެތް ވަޒީރަކަށް. ދެން ކީއްވެތޯ އަޅުގަނޑުމެން މި މަޖިލީހުން އިތުބާރު ބާއްވާންވީ؟ ރައީސްގެ އިތުބާރު ގެއްލުނީމަ އަޅުގަނޑުމެން ނުޖެހޭ އިތުބާރުކުރާކަށް،“ ޝަމްހީދު
ޝަމްހީދު ވިދާޅުވީ، ވަޒީރު ސައީދު މަގާމާ ހަވާލުވެވަޑައިގެންނެވި ފަހުން ގައުމުގެ އިގްތިސާދަށް ބޮޑެތި ލޮޅުންތަކެއް އަރައި، މިއަހަރުގެ ޖީޑީޕީ ކުރިއަރާނީ އެންމެ 0.6 އިންސައްތައަށް ކަމަށް ލަފާކުރެވިފައިވާ ކަމަށެވެ. އަދި ގައުމުގެ އިގްތިސާދު ފުނޑި، ވިޔަފާރިތައް ހުއްޓިފައިވާ ކަމަށް މިއަދު ހުރިހާ ރައްޔިތުން އެއްބަސްވާއިރު، ތަކެތީގެ އަގު އިންތިހާއަށް އުފުލި، ބާޒާރުގައި ޑޮލަރުގެ އަގު އިންތިހާއަށް އުފުލިފައިވާކަމަށް އޭނާ ވިދާޅުވިއެވެ.
ވަޒީރުކަމުގެ ހުވާ ކުރެއްވުމަށްފަހުގައި މި ހުރިހާ މައްސަލަ އެއް އަހަރު ދުވަހުގެ ތެރޭގައި ހައްލުކުރައްވާނެކަމަށް ވަޒީރު ސައީދު ވިދާޅުވިކަމަށާއި އަދި މިއަހަރުގެ ސެޕްޓެމްބަރު 14 ގައި ރައީސް އޮފީހުގައި ބޭއްވި ޕްރެސް ކޮންފަރެންސްގައި ވެސް ވަޒީރު ވަނީ ޑޮލަރުގެ މައްސަލަ ހައްލުކޮށްދެއްވާނެކަމަށް ވިދާޅުވެފައިކަމަށް މެމްބަރު ޝަމްހީދު ފާހަގަކުރެއްވިއެވެ. އެހެން ނަމަވެސް، މިއަދު މަޖިލީހުގައި އެއީ އެމަނިކުފާނުގެ ޒިންމާއެއް ނޫން ކަމަށް ވިދާޅުވުމަކީ ޒިންމާދާރުކަން ކުޑަ އަމަލެއް ކަމަށް ޝަމްހީދު ފާހަގަކުރެއްވިއެވެ.
މީގެ އިތުރުން، ކާބޯތަކެތީގެ އަގު ދަށަށް ދާ ކަމަށް ވަޒީރު ވިދާޅުވި ވިދާޅުވުން ދޮގުކުރައްވަމުން ޝަމްހީދު ވިދާޅުވީ، ރަސްމީ ތަފާސްހިސާބުތަކުން ދައްކާ ގޮތުގައި ތަރުކާރީގެ އަގު 5.2 އިންސައްތަ އަދި މޭވާގެ އަގު 3.77 އިންސައްތަ މައްޗަށް ގޮސްފައިވާ ކަމަށެވެ. އަދި ސީޕީއައި އިންޑެކްސްއަށް ބަލާއިރު ކާބޯތަކެތީގެ އަގު 2025 ވަނަ އަހަރު 7.38 އިންސައްތައަށް އަދި 2026 އަށް މިހާތަނަށް 8.59 އިންސައްތައަށް އުފުލިފައިވާ ކަމަށް ފާހަގަކުރައްވާ ޝަމްހީދު ވިދާޅުވީ، ވަޒީރު ދައްކަވާ ވާހަކަފުޅުތައް ގަބޫލުނުކުރެއްވޭ ކަމަށެވެ.
މީގެ އިތުރުން، ދިވެހިރާއްޖޭގެ ބިންތަކުގައި އެހެން ދީންތަކުގެ މީހުންނާއި ޖަމާއަތްތައް އާބާދުކުރަން ”ޓައުންޝިޕް“ ގާއިމްކުރުމުގެ ކަންބޮޑުވުމަށް އަލިއަޅުއްވާލައްވަމުން ޝަމްހީދު ވިދާޅުވީ، މިއީ އެސްއީޒެޑްގެ ދަށުން އައު ސިނާއަތެއް އުފެއްދުން ކަމަށް ވަޒީރު ވިދާޅުވި ނަމަވެސް، މިއީ ބޭރު މީހުންނަށް ޓެކްސް މާފުކޮށްދީގެން ހިންގާ ޓޫރިޒަމް ޕްރޮޑަކްޓެއް ކަމަށެވެ. އަދި މިފަދަ ބޮޑެތި ގޮތް ނޭނގޭ މަޝްރޫއުތަކަކީ ރައްޔިތުން ކަންބޮޑުވާ ކަމެއްކަމަށް ފާހަގަކުރައްވާ މެމްބަރު ވިދާޅުވީ އެހެން ނަމަވެސް، ވަޒީރު މިއަދުވެސް މިއީ މުޅިން އެހެން އިންޑަސްޓްރީއެއްގެ ގޮތުގައި ސިފަކުރެއްވިކަމަށާއި މިއީ ކަންބޮޑުވާންޖެހޭ ކަމެއް ކަމަށެވެ.
މީގެ އިތުރުންވެސް ވަޒީރު ސައީދު މަގާމާ ހަވާލުވެ ވަޑައިގެންފަހުން ސަރުކާރުން އިއުލާނުކުރި ބިލިއަން ޑޮލަރުގެ އެތައް މަޝްރޫއެއްގެ އެއްވެސް ހަބަރެއް ނެތްކަން ޝަމްހީދު ފާހަގަކުރެއްވިއެވެ. އޭގެ ތެރޭގައި:
- 8.8 ބިލިއަން ޑޮލަރުގެ މޯލްޑިވްސް އިންޓަނޭޝަނަލް ފައިނޭންޝަލް ސެންޓަރު
- އެސްއީޒެޑްގެ ދަށުން 680 މިލިއަން ޑޮލަރުގެ އިންވެސްޓްމަންޓް
- 187 މިލިއަން ޑޮލަރުގެ ފްލޯޓިންގ ސޯލާ ސިޓީ
- 250 މިލިއަން ޑޮލަރުގެ އުތުރުތިލަފަޅު އެގްރިކަލްޗަރ އިކޮނޮމިކް ޒޯން
- ފުނަދޫ އިންޓަނޭޝަނަލް ފައިނޭންޝަލް ހަބް، ފުނަދޫ މާލެ މޮނޯރެއިލް ސިސްޓަމް އަދި ފުނަދޫ މާލެ ބްރިޖް ކަނެކްޝަން
- އިހަވަންދޫ އިންޓަނޭޝަނަލް ބަންކަރިންގ އަދި އިކޮނޮމިކް ގޭޓްވޭ
- ލ. އަތޮޅުގައި އިއުލާނުކުރި ބޮޑު މަޝްރޫއު
މީގެ އިތުރުން 14 ވަރަކަށް އިންވެސްޓަރ ފޯރަމް ބާއްވައި އެތައް މިލިއަން ރުފިޔާއެއް އިސްރާފުކުރިއިރު މިހާތަނަށް މި އިންވެސްޓްމަންޓުތަކުން ރައްޔިތުންނަށް ލިބުނު ފައިދާއެއް ނެތްކަމަށް މެމްބަރު ވިދާޅުވިއެވެ.
މޯލްޑިވްސް އިންޑަސްޓްރިއަލް ޑިވެލޮޕްމަންޓް ފްރީ ޒޯން (އެމްއައިޑީއެފްޒެޑް)، ޑިވެލޮޕްމަންޓް ބޭންކް، ގްރޭޓަރ މާލެ ފައިނޭންޝަލް ޑިސްޓްރިކްޓް ލިމިޓެޑް، އަދި މޯލްޑިވްސް އިންޓަރނޭޝަނަލް ފައިނޭންޝަލް ސަރވިސަސް އޮތޯރިޓީ ފަދަ ކުންފުނިތަކާއި އިދާރާތައް އުފެއްދި ނަމަވެސް، މިހާތަނަށް އެއިން އެއްވެސް ތަނަކުން ނެރުނު ނަތީޖާއެއް ނުވަތަ ކުރި އެއްވެސްކަމެއް ނެތް ކަމަށް ވިދާޅުވެ ޝަމްހީދު ވަނީ ވަޒީރަށް ވަރަށް ބޮޑަށް ފާޑުވިދާޅުވިއެވެ.
މެމްބަރު ވަނީ އެއިން އެއްވެސް މަޝްރޫއެއް ނުހިންގާކަމަށާއި އަދި ގައުމުގެ ރައީސް ނުކުރައްވާ އިތުބާރެއް މަޖިލީހުގެ މެމްބަރުން ވަޒީރަށް ކުރައްވަން ޖެހިވަޑައިގަންނަވާކަމަށް އޭނާ ގަބޫލުފުޅު ނުކުރައްވާކަމަށް ތަކުރާރުކުރައްވާފައެވެ.

