ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ޓައުންޝިޕްގެ މައްސަލައިގައި ސައީދުގެ ދިފާއު: ”ސިންދަފާތު ނުކުރާނަމަ ޓޫރިޒަމް ސިނާއަތް ފެއިލްވާނެ“

އިކޮނޮމިކް މިނިސްޓަރު މުހައްމަދު ސައީދު މިއަދުގެ މަޖިލީހުގެ ޖަލްސާގައި
ޝެއާރކޮށްލާ ކަހަލަދޯ؟

ޓޫރިޒަމް ސިނާއަތް ސިންދަފާތު ނުކުރާނަމަ އެ ސިނާއަތް ފެއިލްވާނެ ކަމަށާއި ބޭރުގެ ފަރާތްތަކަށް ހާއްސަކޮށް ޓައުންޝިޕްތައް ހެދުމަށް ނިންމާފައިވަނީ އެ ސަބަބަށް ޓަކައި ކަމަށް އިކޮނޮމިކް މިނިސްޓަރު މުހައްމަދު ސައީދު ވިދާޅުވެއްޖެއެވެ.

އެމްޑީޕީގެ ޕާލިމެންޓަރީ ގްރޫޕުން ހުށަހެޅި ސައީދުގެ އިތުބާރު ނެތްކަމުގެ މައްސަލައިގައި ފާހަގަކޮށްފައިވާ ކަންކަމުގެ ތެރޭގައި ސްޕެޝަލް އިކޮނޮމިކް ޒޯންގެ ގާނޫނުގެ މައިގަނޑު އެއް މަގުސަދަކީ އިގްތިސާދު ފަތުރުވެރިކަމަށް ބަރޯސާވެފައި އޮތް އޮތުން ކުޑަކޮށް، އިގްތިސާދީ ދާއިރާ ސިންދަފާތުކުރުން ކަމުގައިވީނަމަވެސް ދައުލަތަށް ގެއްލުންވާ ގޮތަށް އެ ގާނޫނު އިސްލާހުކޮށް، ޓައުންޝިޕްގެ މަހްފޫމް ތައާރަފްކޮށް ދައުލަތުގެ ބާރު ކެނޑޭ ގޮތަށް ރާއްޖޭގެ ސަރަހައްދެއް ބޭރުގެ ބައެއްގެ އަތްމައްޗަށް ދޫކޮށް އެ ސަރަހައްދުތަކުގެ ވެރިންނަށް ޓެކުހުން ބޮޑެތި ލުއިތަކެއް ދީފައިވާކަން ހިމެނެއެވެ. އަދި އެއީ ދިވެހި ދައުލަތުގެ ސަރަހައްދެއް ގެއްލި، ދައުލަތަށް ލިބެންޖެހޭ ބޮޑު އާމްދަނީއެއް ގެއްލިދާނެ ނުރައްކާތެރި ކަމެއް ކަމަށް ސިފަކޮށްފައިވެއެވެ.

ޓައުންޝިޕްތައް އުފެއްދުން ދިފާއުކުރައްވަމުން ސައީދު ވިދާޅުވީ، ދިވެހި ޒުވާނުން ޓޫރިޒަމް އިންޑަސްޓްރީގައި ކުރި މަސައްކަތާއި ހޯދި އިލްމަށް ބަލާއިރު، ފަސް މީހުންގެ ނަން ގުނިޔަސް އޭނާގެ ނަން އޭގެ ތެރޭގައި ހިމެނޭނެކަމަށެވެ. އަދި އޭނާއަކީ ފަތުރުވެރިކަމުގެ ދާއިރާއިން ތައުލީމް ހާސިލްކޮށްގެން ހުންނެވި މީހެއް ކަމަށާއި ރާއްޖޭގެ ޓޫރިޒަމް އިންޑަސްޓްރީގެ އެންމެ ފުންނާބު އުސް އެއް ވިޔަފާރިވެރިޔާ ގާތުގައި މަސައްކަތްކުރެއްވި ކަމަށް ވިދާޅުވިއެވެ.

އެ ތައުލީމާ ތަޖުރިބާގެ އަލީގައި، ޓުއަރިޒަމް ސިނާއަތަކީ ބަދަލުތަކެއް ނާންނަނަމަ އޭގެ ޒާތުން ފެއިލްވެގެންދާނެ ސިނާއަތެއް ކަމަށް އޭނާ ވިދާޅުވިއެވެ. އަދި ފަސް އަހަރާއި 10 އަހަރުގެ ތެރޭގައި އެ ސިނާއަތަށް ބަދަލުތައް އަންނަންޖެހޭނެ ކަމަށް އެ ސިނާއަތުގެ ފަންނުވެރިން ބުނާ ކަމަށް ވިދާޅުވިއެވެ. އެގޮތުން މެދުއިރުމަތީގެ ގައުމުތަކުގެ މިސާލު ދައްކަވަމުން ސައީދު ވިދާޅުވީ، ޓޫރިޒަމްގެ ސިނާއަތް ސިންދަފާތުކުރާ ގައުމުތައް ކުރިއަރައިގެންދާ ކަމަށާއި އެކަން ނުކުރާ ގައުމުތައް ދަނީ ފެއިލްވަމުން ކަމަށެވެ.

ޑައިވިން، ވޯޓާސްޕޯޓްސް އަދި ދުނިޔޭގެ ލެއްވިހާ ފައިން ޑައިނިން ރެސްޓޯރެންޓުތައް ރާއްޖޭގައި ތަޖުރިބާކުރެވޭ ކަމަށާއި ބްރޭންޑުތައް ވެސް ރާއްޖެއަށް އައިސްފައިވާކަން އޭނާ ފާހަގަކުރެއްވިއެވެ. އެހެންކަމުން ރާއްޖެ ޓްރެންޑުން ގެއްލުނަނުދީ ހިފެހެއްޓޭނީ ކިހިނެއްތޯ ބަލަންޖެހޭ ކަމަށް އޭނާ ވިދާޅުވިއެވެ.

”ހުރިހާ ސަރުކާރުތަކުން ވެސް ދައްކާނެ ސިންދަފާތުކުރުމުގެ ވާހަކަ. ސިންދަފާތުކުރުމުގެ ވާހަކައާއި ޑައިވާސިފައިކުރުމުގެ ވާހަަކަ. އެގޮތުން އެސްއީޒެޑްގެ ގާނޫނަށް ބަދަލުގެނެސްގެން ކުރިއަށް ގެންދެވުނު މަޝްރޫއެއް ސަސްޓެއިނަބަލް ޓައުންޝިޕެއް ނ. އަތޮޅުގައި،“ ސައީދު

ޕްރޮޖެކްޓުގެ އިންވެސްޓަރުން ދެއްވާ މައުލޫމާތާއި، ޓެކްސްއާއި ބިމު ކުއްޔާއި ހުރިހާ ކަމަކަށް ބަލާއިރު ރިސޯޓް އެންޑް ސްޕާއެއް ހިންގައިގެން ލިބޭ ފައިދާއަށް ވުރެ މާ ގިނަ ފައިދާ ލިބޭނެ ކަމަށް އޭނާ ވިދާޅުވިއެވެ. އަދި އެތަނުގައި ރާއްޖޭގެ ހުރިހާ ގާނޫނުތައް ހިނގާނެ ކަމަށް ވިދާޅުވިއެވެ.

ޓައުންޝިޕްތަކާ ގުޅޭގޮތުން ސައީދު އިތުރަށް ވިދާޅުވީ:

  • އެންމެ ކުޑަ އިންވެސްޓްމެންޓަކީ 500 މިލިއަން ޑޮލަރު
  • ސިއްހީ ފެސިލިޓީތައް ހުންނަންޖެހޭނެ
  • ހޮސްޕިޓާލިޓީ ދާއިރާގެ މަތީ ތައުލީމުދޭ މަރުކަޒެއް ހުންނަންޖެހޭނެ
  • ފުޑް ސެކިއުރިޓީ ކަށަަވަރުކުރަންޖެހޭނެ
  • 60 ޕަސެންޓް އިއާދަކުރަނިވި ހަކަތައިން ހިންގަންޖެހޭނެ
  • ޖީއެސްޓީ ބިމު ކުލި، އަދި އެހެނިހެން ޓެކްސްތައް ދެއްކުން ލާޒިމްވާނެ
  • ޕްރޮޕަޓީ ސޭލްސް ޓެކްސްގައި ދެވުނު ލުއިތަކަކީ ފުރަތަމަ މުއާމަލާތުގައި 1 ޕަސެންޓް، ދެވަނަ މުއާމަލާތުގައި 2 ޕަސެންޓް އަދި ތިންވަނަ މުއާމަލާތުގައި 4 ޕަސެންޓް

ޓައުންޝިޕްތައް ހެދުމާ ދެކޮޅަށް އެމްޑީޕީގެ ބައެއް މަޖިލިސް މެމްބަރުން މީގެ ކުރިން އަޑުއުފުލާފައިވާ އިރު، ހުޅުމާލެ ދެކުނު ދާއިރާގެ މެމްބަރު ޑރ. އަހްމަދު ޝަމްހީދު ވިދާޅުވެފައިވަނީ، ނ. އަތޮޅުގައި ހިންގާ ޓައުންޝިޕް މަޝްރޫއަކީ ރިސޯޓެއް ތަރައްގީކުރަން ހަވާލުކުރި ބިމެއް ނަމަވެސް އެތަނުގައި ޓައުންޝިޕެއް ހަދަން ބަދަލުކުރީ މި ސަރުކާރުން ކަމަށާއި އެކަން ވަގުތުން ހުއްޓަންޖެހޭ ކަމަށެވެ. އޭނާ ވަނީ ”ހެންލީ އެންޑް ޕާޓްނާސްއިން ކުރިއަށް ގެންދާ ”ޕާލް ރެޒިޑެންސީ“ ޕްރޮގްރާމުގެ ތެރެއިން ދިވެހިރާއްޖޭގައި ދިރިއުޅޭނެ ބިދޭސީން އެ ކުންފުނިން ހޯދާނެކަމަށާއި އަދި އެމީހުން ދިރިއުޅޭނެ ޓައުންތަކެއް ގާއިމުކުރާނެކަން ފާހަގަކުރައްވައިފައެވެ.

ރަސްމާލެ މަޝްރޫއުއެކޭ އެއްގޮތަށް ނ. އަތޮޅުގައި ކުރިއަށް ގެންދިއުމަށް ސަރުކާރުން ނިންމާފައިވާ މަޝްރޫއުއަކީވެސް ބިދޭސީންނަށް ފައިދާވާނެގޮތަށް ބިދޭސީންނަށް ތައްޔާރުކުރާ ތަންތަންކަމަށާއި މަޝްރޫއުއާ ރައްޔިތުން ދެކޮޅު ހަދާ މައިގަނޑު ސަބަބަކީ އެއްވެސް ވަރަކަށް ދިވެހި ފަސްގަނޑުގައި ބޭރުގެ އެއްވެސް ބަޔަކު އައިސް ދާއިމަށް ދިރިއުޅެން ރައްޔިތުން ބޭނުންނުވާތީކަމުގައި ޝަމްހީދު މީގެ ކުރިން ފާހަގަކުރައްވާފައިވެއެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: