ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ގިރާވަރުފަޅު ހިއްކުމުގެ 68 އިންސައްތަ ނިމިއްޖެ: 115 ހެކްޓަރުގެ ބިން މިހާތަނަށް ވަނީ ހިއްކާފައި

ގިރާވަރު ފަޅު ހިއްކުމުގެ މަސައްކަތް
ޝެއާރކޮށްލާ ކަހަލަދޯ؟

މާލޭގެ ރައްޔިތުންނަށް ދޫކޮށްފައިވާ ގޯތިތައް ހަވާލުކުރުމަށްޓަކައި ގިރާވަރުފަޅު ހިއްކުމަށް ހިންގާ ބިޔަ މަޝްރޫއުގެ ދަށުން، މިހާތަނަށް 115 ހެކްޓަރުގެ ބިން ހިއްކައި ނިމިފައިވާ ކަމަށް މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީ ލިމިޓެޑް (އެމްއޭސީއެލް) އިން ހާމަކޮށްފިއެވެ.

މިއީ މުޅި މަޝްރޫއުގެ 68.8 އިންސައްތަ މަސައްކަތެވެ.

މާލެ ސަރަހައްދުގެ ބޯހިޔާވަހިކަމުގެ މައްސަލައަށް ދާއިމީ ހައްލެއް ހޯދައިދިނުމުގެ ގޮތުން ކުރިއަށްގެންދާ މި މަޝްރޫއުގެ ދަށުން ޖުމުލަ 167.15 ހެކްޓަރުގެ ބިން ހިއްކުމަށް ވަނީ ކަނޑައަޅާފައެވެ.

ނިމިދިޔަ ސަރުކާރުގެ ދައުރު ނިމުނުއިރު އެ ފަޅުން ހިއްކިފައި އޮތީ އެންމެ 70 ހެކްޓަރުގެ ބިމެވެ. ބާކީ ނުނިމި އޮތް 97.15 ހެކްޓަރުގެ ބިން ހިއްކުމުގެ މަސައްކަތް އެމްއޭސީއެލްއިން ފަށާފައިވަނީ މިއަހަރުގެ ފެބުރުއަރީ މަހުގެ ތެރޭގައެވެ.

މި މަޝްރޫއުގެ ބިން ހިއްކުމުގެ އަމަލީ މަސައްކަތް ކުރިއަށް ގެންދަނީ ދުނިޔޭގެ އެންމެ ބޮޑެތި ޑްރެޖަރުތަކުގެ ތެރޭގައި ހިމެނޭ ”ކުއީން އޮފް ނެދަލޭންޑްސް“ ބޭނުންކޮށްގެންނެވެ.

އެމްއޭސީއެލްއިން މި މަސައްކަތް ކެޕިޓަލް މެރިން އެންޑް ސިވިލް ކޮންސްޓްރަކްޝަން ކޮމްޕެނީ (ސީއެމްސީސީ) އާ ހަވާލުކޮށްފައިވާއިރު، ސަބް ކޮންޓްރެކްޓަރެއްގެ ގޮތުގައި ބިން ހިއްކުމުގެ މައިގަނޑު މަސައްކަތް ކުރަމުން އަންނަނީ ދުނިޔޭގެ މަޝްހޫރު ބޮސްކާލިސް ކުންފުނިންނެވެ.

ގިރާވަރު ފަޅަކީ ބައެއް ދިމާލުން އާދަޔާ ހިލާފަށް ފުން ސަރަހައްދުތަކެއް ހިމެނޭ ތަނަކަށް ވުމާއެކު، ބިން ހިއްކުމުގެ މަރުހަލާގައި ގުދުރަތީ ގޮތުން ބޮޑެތި ގޮންޖެހުންތަކާ ކުރިމަތިލާން ޖެހެއެވެ. ނަމަވެސް ޒަމާނީ ވަސީލަތްތަކާއެކު މިހާރު މަޝްރޫއުގެ މަސައްކަތްތައް ކުރިއަށްދަނީ ވަރަށް ބާރު ސްޕީޑެއްގައެވެ.

ގިރާވަރު ފަޅަކީ ނިމިދިޔަ ސަރުކާރުގެ ”ބިންވެރިޔާ“ ސްކީމުގެ ދަށުން މާލޭގެ ރައްޔިތުންނަށް ގޯތި ދޫކުރުމަށް ކަނޑައެޅި މައިގަނޑު އެއް ސަރަހައްދެވެ. އެގޮތުން 5،000 އަށްވުރެ ގިނަ މީހުންނަށް އެ ފަޅުން ގޯތި ލިބޭނެކަން އިއުލާނުކޮށް، ލިޔުން ހަވާލުކުރި ނަމަވެސް، ވެރިކަން ނިމުނުއިރު އެއްވެސް ފަރާތަކަށް އަމަލީ ގޮތުން ގޯތި ހަވާލުކުރެވިފައެއް ނުވެއެވެ. އަދި ބިން ނުހިއްކައި، ފަޅު ކަނޑުގައި ރޮނގުދަމައިގެން ގޯތި ދޫކުރުމާއި، އެކަށީގެންވާ ލޭންޑް ޔޫސް ޕްލޭނެއް އެކުލަވާލާފައި ނުވުމަކީ ގޯތި ލިބުނު ފަރާތްތަކުގެ މެދުގައި ބޮޑެތި ކަންބޮޑުވުންތަކެއް އުފެދުނު ކަމެކެވެ.

ފަޅުގައި އެކަށީގެންވާ ޖާގަ ނެތުމުގެ ސަބަބުން، އަސާސީ ހިދުމަތްތަކަށް ބޭނުންވާ ޖާގަ ދޫކުރުމަށްފަހު ގިރާވަރު ފަޅުން ދޫކުރެވޭ ގޯތީގެ އަދަދު ވަނީ 4،072 އަށް މުރާޖައާކޮށްފައެވެ. އަދި މި ބަދަލާއެކު ބާކީވި ގޯތިތައް ވަނީ ގުޅިފަޅަށް ބަދަލުކުރުމުގެ ފުރުސަތު ސަރުކާރުން ހުޅުވާލާފައެވެ. މި ސަރުކާރުން މަސައްކަތް ފަށާފައިވަނީ ލޭންޑް ޔޫސް ޕްލޭން އަލުން އެކުލަވާލައި، އިތުރު 113 ހެކްޓަރުގެ ބިން ހިއްކުމުގެ ޕްލޭނަކާ އެކުގައެވެ.

ސަރުކާރުގެ މައިގަނޑު އަމާޒަކީ މި ހިނގާ ދައުރުގެ ތެރޭގައި ގިރާވަރުފަޅު ހިއްކުމުގެ ހުރިހާ މަސައްކަތެއް އެއްކޮށް ނިންމައި، ހައްގުވެރިންނާ ގޯތިތައް ހަވާލުކުރުމެވެ.

މިހާރު މަސައްކަތް ކުރިއަށްދާ ދުވެއްޔަށް ބަލާއިރު، ކަނޑައެޅިފައިވާ ތާވަލާ އެއްގޮތަށް މުޅި ފަޅު ހިއްކައި، އަސާސީ ވަސީލަތްތައް ގާއިމުކުރުމުގެ މަގު ވަރަށް އަވަހަށް ތަނަވަސްވެގެންދާނެ ކަމަށް ސަރުކާރުން ބުނެއެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: