ކުޑަކުއްޖަކާމެދު ޖިންސީ އަމަލެއް ހިންގުމަށް އިތުބާރުކުރެވޭ މަގާމެއްގައި ހުރެ މަގުފަހިކޮށްދިނުމާއި އެފަދަ ކަމެއް ހިނގާކަން އެނގިހުރެ ރިޕޯޓުނުކުރުމުގެ ކުށުގައި މީހަކު ޖަލަށްލުމަށް ކުޅުދުއްފުށި މެޖިސްޓްރޭޓް ކޯޓުން ކުރި ހުކުމް ބާތިލުކޮށް ހައިކޯޓުން ނެރުނު ނިންމުން، ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުން ބުދަ ދުވަހު ބާތިލުކޮށްފިއެވެ.
މި މައްސަލައަކީ 2016 ވަނަ އަހަރު ދައުލަތުން ކުޅުދުއްފުށި މެޖިސްޓްރޭޓް ކޯޓަށް ހުށަހެޅި ދެ ދައުވާއަކެވެ.. ފުރަތަމަ ދައުވާއަކީ ކުޑަކުއްޖަކާމެދު ޖިންސީ އަމަލު ހިންގުވުމަށް އިތުބާރުކުރެވޭ މަގާމެއްގައި ހުރެ މަގުފަހިކޮށްދިނުމުގެ ދައުވާއެވެ. ދެވަނަ ދައުވާއަކީ ކުޑަކުއްޖަކާމެދު ޖިންސީ އަމަލެއް ހިނގާކަން އެނގިހުރެ އެކަން ކަމާބެހޭ ފަރާތްތަކަށް ރިޕޯޓުނުކުރުމުގެ ދައުވާއެވެ.
މި މައްސަލައިގެ ޝަރީއަތް ހިންގުމަށްފަހު، ކުޅުދުއްފުށީ މެޖިސްޓްރޭޓް ކޯޓުން ވަނީ ދެ ދައުވާވެސް އެކަށީގެންވާ ޝައްކެއްނެތް މިންވަރަށް ޝަރީއަތަށް ސާބިތުވާ ކަމަށް ކަނޑައަޅާފައެވެ. އަދި ފުރަތަމަ ދައުވާއަށް 18 އަހަރުގެ ޖަލު ހުކުމެއް އަދި ދެވަނަ ދައުވާއަށް 6 މަސް ދުވަހުގެ ޖަލު ހުކުމެއް ވަނީ އިއްވާފައެވެ.
ހައިކޯޓުގެ ނިންމުމާއި ނިންމުމުގެ އަސާސްތައް
ދަށު ކޯޓުގެ ހުކުމްތަކާމެދު ހިތްހަމަނުޖެހިގެން ދައުވާލިބުނު ފަރާތުން އެ މައްސަލަ ހައިކޯޓުގައި އިސްތިއުނާފު ކުރުމުން، ހައިކޯޓުން ވަނީ ދަށު ކޯޓުގެ ދެ ހުކުމްވެސް ބާތިލުކުރަން ހުކުމްކޮށްފައެވެ.
ހައިކޯޓުގެ ނިންމުމުގެ މައިގަނޑު އަސާސަކަށްވީ، ޝަރީއަތް ހިންގިއިރު ދައުވާލިބޭ ފަރާތަށް މައްސަލައާ ގުޅޭ ލިޔުންތައް ލިބުނުކަން ޔަގީންކުރެވެން ނެތުމެވެ. އެހެންކަމުން ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ގާނޫނުއަސާސީގެ 51 ވަނަ މާއްދާގެ (ބ) ގައި ކަށަވަރުކޮށްދީފައިވާ، ދިފާއުވުމަށް އެކަށީގެންވާ ވަގުތާއި ވަސީލަތް ލިބުމުގެ ހައްގު ގެއްލިފައިވާ ކަމަށް ހައިކޯޓުން ދެކުނެވެ.
މީގެއިތުރުން، ރިޕޯޓުނުކުރުމުގެ ދައުވާއަކީ ތަހުގީގުގައި ތުހުމަތުކުރެވުނު ކުށަށް ނުވާތީ، އެއީ ތަހުގީގުނުކޮށް ކޮށްފައިވާ ދައުވާއެއް ކަމަށްވެސް ހައިކޯޓުން ފާހަގަކުރިއެވެ.
ދައުލަތުގެ އިސްތިއުނާފާއި ގާނޫނީ ނުކުތާތައް
ހައިކޯޓުގެ މި ހުކުމް ދައުލަތުގެ ފަރާތުން ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީހުން ސުޕްރީމް ކޯޓުގައި އިސްތިއުނާފު ކުރިއެވެ. ދައުލަތުން ފާހަގަކުރި ގޮތުގައި، މި މައްސަލައިގެ ޝަރީއަތް ހިނގާފައިވަނީ ޖިނާއީ އިޖުރާއަތުގެ ގާނޫނަށް އަމަލުކުރަން ފެށުމުގެ ކުރިން ކަމަށްވުމުން، އެ ދުވަސްވަރު ލިޔުންތައް ހަވާލުކުރުމުގައި މިހާރު ގެންގުޅޭ ފަދަ ވަކި ހާއްސަ ރެކޯޑުތަކެއް ބަލަހައްޓާފައެއް ނުވެއެވެ. ނަމަވެސް، މެޖިސްޓްރޭޓް ކޯޓުގެ ޝަރީއަތުގެ މަހްޟަރުތަކުން އެނގޭ ގޮތުގައި ދައުވާލިބުނު ފަރާތުން ވަނީ ދައުލަތުގެ ހެކިންނާ ސުވާލުކޮށް، ދިފާއީ ހެކިން ހުށަހަޅައި، އެކަށީގެންވާ ގޮތެއްގައި ދިފާއު ބިނާކޮށްފައެވެ. މީގެއިތުރުން، ފުރަތަމަ ހައްޔަރުކުރިއިރު ވަކި ތުހުމަތެއް ނެތް ކަމުގައި ވިޔަސް، ތަހުގީގުގެ ތެރޭގައި ފާހަގަވާ ކަންކަމުގެ މައްޗަށް ބިނާކޮށް ދައުވާ އުފުލުމަކީ ގާނޫނީ ހުރަހެއް އޮތް ކަމެއް ނޫން ކަމަށް ދައުލަތުން ވަކާލާތުކުރިއެވެ.
ސުޕްރީމް ކޯޓުގެ ނިންމުން
ސުޕްރީމް ކޯޓުން މި މައްސަލަ ބެއްލެވުމަށްފަހު ނިންމެވީ ދަށު ކޯޓުގެ ހުކުމްތައް ބާތިލުކުރުމަށް ހައިކޯޓުން ނިންމި ނިންމުމަކީ ގާނޫނީ ހަމަތަކާ އެއްގޮތަށް ނިންމާފައިވާ ނިންމުމެއް ނޫން ކަމަށެވެ.
އެގޮތުން، ކުޑަކުއްޖަކާމެދު ޖިންސީ އަމަލު ހިންގާކަން އެނގިހުރެ ރިޕޯޓުނުކުރުމުގެ އަމަލާ ގުޅޭގޮތުން ތަހުގީގު މަރުހަލާގައި ސުވާލުކޮށްފައިވާކަން އެނގެން އޮތުމުން، އެއީ ތަހުގީގު ނުކޮށް އުފުލާފައިވާ ދައުވާއެއްގެ ގޮތުގައި ނުބެލެވޭނެ ކަމަށް ކަނޑައެޅުއްވިއެވެ. ހަމައެއާއެކު، މުޅި ޝަރީއަތް ހިނގައިދިޔަ ގޮތަށާއި މަހްޟަރު ބަޔާންތަކަށް ބަލާއިރު، ދައުވާލިބުނު ފަރާތަށް ލިޔުންތައް ނުލިބުމަށްވުރެ ބޮޑަށް ބުރަވެވެނީ ލިޔުންތައް ލިބިފައިވުމުގެ މައްޗަށް ކަމަށްވެސް ކަނޑައެޅުއްވިއެވެ.

