ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ކުވެއިތު ފަންޑުން ރާއްޖެއަށް ލޯނު އެހީދޭ ލިމިޓް 10 މިލިއަނުން 40 މިލިއަން ޑޮލަރަށް އިތުރުކޮށްފި

ޝެއާރކޮށްލާ ކަހަލަދޯ؟

ދެހާސް ހަތާވީސް ވަނަ އަހަރުން ފެށިގެން ރާއްޖޭއަށް ކަނޑައަޅުއްވާފައިވާ އެނުއަލް ކަންޓްރީ ލިމިޓު ގާތްގަނޑަކަށް 10 މިލިއަން އެމެރިކާ ޑޮލަރުން 40 މިލިއަން އެމެރިކާ ޑޮލަރަށް އިތުރުކުރުމަށް ކުވެއިތު ފަންޑް ފޮރ އަރަބް އިކޮނޮމިކް ޑިވެލޮޕްމަންޓް (ކޭއެފްއޭއީޑީ) ނިންމައިފިއެވެ.

މިކަން ހާމަކުރެއްވީ ތ. އަތޮޅު ހޮސްޕިޓަލް ތަރައްގީކުރުމަށް ދިވެހި ސަރުކާރާއި ކުވެއިތު ފަންޑާއެކު ސޮއިކުރުމަށްފަހު މާލީ ވުޒާރާގައި މިމަހުގެ 4 ވަނަ ދުވަހު ކުރިއަށްގެންދެވި ބައްދަލުވުމުގައި އެ ފަންޑުގެ އެކްޓިންގ ޑިރެކްޓަރ ޖެނެރަލް ރަޝައިދު އަލްބަދަރްއެވެ.

އެ ބައްދަލުވުމުގައި ވާހަކަ ދައްކަވަމުން، އަލްބަދަރް ވިދާޅުވީ، އޭޝިއަން އިންފްރާސްޓްރަކްޗަރ އިންވެސްޓްމަންޓް ބޭންކް (އޭއައިއައިބީ) ގެ އަހަރީ ބައްދަލުވުމުގެ ހަވާސާގެ ތެރެއިން މާލީ ވަޒީރު ޙަސަން ޒަރީރު އެދިލައްވާފައިވާ އެދިލެއްވުންތަކަށް ރިއާޔަތްކުރައްވައި، މިއަންނަ އަހަރުން ފެށިގެން ރާއްޖޭއަށް ކަނޑައަޅުއްވާފައިވާ އެނުއަލް ކަންޓްރީ ލިމިޓު ގާތްގަނޑަކަށް 10 މިލިއަން އެމެރިކާ ޑޮލަރުން 40 މިލިއަން އެމެރިކާ ޑޮލަރަށް އިތުރުކުރުމަށް އެ ފަންޑުން ނިންމާފައިވާ ކަމަށެވެ.

މީގެ އިތުރުން، އަންނަ އަހަރު ކުރިއަށް ގެންދާނެ އެންމެ ބިޔަ އެއް މަޝްރޫޢުކަމަށްވާ، ތިލަފުށީ ބަނދަރު ތަރައްގީކުރުމުގެ މަޝްރޫއަށް ފައިނޭންސްކުރެއްވުމުގައި ބައިވެރިވެވަޑައިގަތުމަށް ވަޒީރު ޒަރީރު އެދިލައްވާފައިވާކަމުން، އެކަމަށް އިޖާބަދިނުމުގެ ގޮތުން އެކަމާގުޅޭ އެންމެހާ ކަންކަމުގެ މަޝްވަރާތަކާއި ތައްޔާރީތައް މިހާރުން މިހާރަށް ފައްޓަވާނެކަމަށްވެސް އަލްބަދަރް ވިދާޅުވިއެވެ.

1976 ވަނަ އަހަރު ވެވުނު ފުރަތަމަ އެއްބަސްވުމާއެކު އެ ފަންޑުން ރާއްޖޭގެ މަޝްރޫއުތަކަށް ފައިނޭންސް ކުރަން ފެށިތާ 50 އަހަރު ފުރިފައިވާއިރު، ވޭތުވެދިޔަ މުއްދަތުގައި 185 މިލިއަން އެމެރިކާ ޑޮލަރުގެ 14 ލޯނެއް ދޫކޮށްފައިވެއެވެ. އަދި ހިލޭ އެހީއާއި ފަންނީ އެހީތެރިކަމުގެ ގޮތުގައި 5.7 މިލިއަން އެމެރިކާ ޑޮލަރު ފޯރުކޮށްދީފައިވާކަން ވެސް ފާހަގަކޮށްލެވެއެވެ.

ތ. ވޭމަންޑޫގައި ތ. އަތޮޅު ހޮސްޕިޓަލް ގާއިމު ކުރުމަށް ލޯނު އެއްބަސްވުމެއްގައި ސޮއިކުރެވިގެން ދިޔައީ ކުވެއިތު ފަންޑުން ރާއްޖެއަށް ކޮންމެ އަހަރަކަށް ކަނޑައަޅާފައިވާ 10 މިލިއަން އެމެރިކާ ޑޮލަރުގެ ކަންޓްރީ ލިމިޓްގެ ދަށުންނެވެ. މިއާއެކު، ކުވެއިތު ފަންޑުން ދިވެހިރާއްޖެއަށް މިހާތަނަށް 15 ވަނަ ލޯނު ދޫކޮށްފައިވާއިރު، މިއީ ރާއްޖޭގެ ސިއްހީ ދާއިރާއަށް އެ ފަންޑުން އިންވެސްޓްކުރި ފުރަތަމަ ފަހަރެވެ.

ދިވެހިރާއްޖޭގެ ގައުމީ ތަރައްގީގައި އެންމެ އިސްކަންދޭ ދާއިރާތަކަށް އެއްބާރުލުން ދިނުމުގައި ކުވައިތު ފަންޑު އަބަދުވެސް ދެމިއޮންނާނެކަމުގެ ޔަގީންކަން ވަނީ އަލްބަދަރް ދެއްވައިފައެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: