ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓް (ވީއައިއޭ) ހިންގަމުން އަންނަ މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީ ލިމިޓެޑް (އެމްއޭސީއެލް) އިން ހުޅުލޭގެ އަގުބޮޑު ބިމުގެ ލީސްހޯލްޑް ހައްގުތައް ރަހުނުކޮށް ބޮޑެތި ލޯނުތަކެއް ނަގާފައިވާ ކަމަށާއި، ކުންފުނީގެ ޖުމްލަ ދަރަނި 16.64 ބިލިއަން ރުފިޔާއަށް އަރާފައިވާ ކަމަށް އޮޑިޓަ ޖެނެރަލްގެ އޮފީހުން ނެރުނު އެ ކުންފުނީގެ 2025 ވަނަ އަހަރުގެ އޮޑިޓް ރިޕޯޓުގައި ހާމަކޮށްފިއެވެ.
މީގެ އިތުރުން، ބިން ހިއްކުމުގެ ބޮޑެތި މަޝްރޫއުތައް ހިންގުމަށް އަލަށް އުފެއްދި ސަބްސިޑިއަރީ ކުންފުނި މެރިން އެންޑް އިންޓަގްރޭޓެޑް އިންފްރާސްޓްރަކްޗާ ޑިވެލޮޕްމަންޓް (އެމްއައިއައިޑީ) އިން ކުރު މުއްދަތެއްގެ ތެރޭގައި ބޮޑެތި މާލީ އިލްތިޒާމުތަކަކާ ހަވާލުވެފައިވާކަން ވެސް ރިޕޯޓުގައި ފާހަގަކޮށްފައިވެއެވެ.
އޮޑިޓް ރިޕޯޓުގައިވާ ގޮތުން، އެމްއޭސީއެލްގެ މާލީ ހާލަތަށް ބޮޑެތި ބަދަލުތަކެއް އައިސްފައިވަނީ އެއާޕޯޓުގެ އުމްރާނީ ވަސީލަތްތައް ތަރައްގީ ކުރުމަށް ނަގާފައިވާ ބޮޑެތި ލޯނުތަކާއި، ސަރުކާރުގެ ބިން ހިއްކުމުގެ ގައުމީ ފެންވަރުގެ އެއްބަސްވުންތައް އެމްއޭސީއެލްގެ ދަށަށް ބަދަލުކުރުމާ ގުޅިގެންނެވެ.
ސަރުކާރުގެ ގްރާންޓެއްގެ ގޮތުގައި ކުންފުނީގެ ހިސާބުތަކުގައި ހިމަނާފައިވާ ހުޅުލޭގެ ބިން ބޭނުންކުރުމުގެ ހައްގުގެ އަގު އެކަނިވެސް 7 ބިލިއަން ރުފިޔާއަށް ވުރެ މައްޗަށް އަރައެވެ. ވީއައިއޭގެ ރަންވޭ އާއި ޓާމިނަލްގެ އިތުރުން، ހުޅުލޭގެ ގިނަ ސަރަހައްދުތަކެއް ވިޔަފާރި އުސޫލުން އެކި ފަރާތްތަކަށް ވަނީ ކުއްޔަށް ދޫކޮށްފައެވެ. މީގެ ތެރޭގައި ސީޕްލޭން ޓާމިނަލް ސަރަހައްދާއި، ޑިއުޓީ ފްރީ ފިހާރަތަކާއި، ކާގޯ ގުދަންތަކުގެ އިތުރުން ކޭޓަރިން އަދި ފިއުލް ފާމް ހިމެނޭ ބިންތައް ހިމެނެއެވެ.
އެއާޕޯޓުގެ އާ ޕެސެންޖާ ޓާމިނަލާއި، އާ ރަންވޭ އަދި ޒަމާނީ ފެންވަރުގެ ތެޔޮ ރައްކާކުރާ ނިޒާމު (ފިއުލް ފާމް) ފަދަ އުމްރާނީ ތަރައްގީގެ ބިޔަ މަޝްރޫއުތަކަށް އެމްއޭސީއެލް އިން ވަނީ ބޭރުގެ މާލީ އިދާރާތަކުން ބޮޑެތި އަދަދުތަކުން ލޯނު ނަގައިފައެވެ.
މީގެ ސަބަބުން ކުންފުނީގެ ޖުމްލަ ދަރަނި 16.64 ބިލިއަން ރުފިޔާއަށް އުފުލިފައިވާއިރު، މި ލޯނުތަކުގެ މައިގަނޑު ގެރެންޓީއެއްގެ ގޮތުގައި ހުށަހަޅާފައިވަނީ ހުޅުލޭގެ ބިން ކުއްޔަށް ހިފުމުގެ ހައްގުތަކާއި، އެ ބިމުގައި މިހާރު ހުރި އަދި ކުރިއަށް އޮތް ތަނުގައި ބިނާކުރާނެ އެންމެހައި އިމާރާތްތަކާއި ވަސީލަތްތަކެވެ. މީގެ އިތުރުން، މި ލޯނުތަކަށް ފިނޭންސް މިނިސްޓްރީ މެދުވެރިކޮށް ދައުލަތުގެ ސޮވަރިން ގެރެންޓީ ވެސް ވަނީ ފޯރުކޮށްދީފައެވެ.
އޮޑިޓް ރިޕޯޓުގައި ފާހަގަކޮށްފައިވާ ގޮތުގައި، އެމްއޭސީއެލްގެ ޕްރޮޕަޓީ، ޕްލާންޓް އެންޑް އިކުއިޕްމަންޓް (ޕީޕީއީ) އާއި ނުނިމި ހުރި މަޝްރޫއުތަކުގެ އަގު ވަނީ 20.37 ބިލިއަން ރުފިޔާއިން 23.6 ބިލިއަން ރުފިޔާއަށް އިތުރުވެފައެވެ. މިއީ އެ ކުންފުނީގެ ޖުމްލަ ހަރުމުދަލުގެ ގާތްގަނޑަކަށް 59 ޕަސެންޓާއި 65 ޕަސެންޓާ ދެމެދުގެ ބޮޑު ނިސްބަތެކެވެ. މިއިން ދައްކުވައިދެނީ ކުންފުނީގެ އެސެޓްތަކުގެ ބޮޑު ބައެއް އުމްރާނީ ބޮޑެތި މަޝްރޫއުތަކުގައި ތާށިވެފައިވާ މިންވަރެވެ.
އެމްއޭސީއެލްގެ މާލީ ހިސާބުތަކަށް އިތުރު ބުރައެއް އުފުލަން ޖެހިފައިވާ އަނެއް މައިގަނޑު ސަބަބަކީ ސެޕްޓެމްބަރު 18، 2025 ގައި އެ ކުންފުނީގެ ސަބްސިޑިއަރީއެއްގެ ގޮތުގައި އުފެއްދި މެރިން އެންޑް އިންޓަގްރޭޓެޑް އިންފްރާސްޓްރަކްޗާ ޑިވެލޮޕްމަންޓް (އެމްއައިއައިޑީ) ކަމަށް އޮޑިޓުގައި ފާހަގަކޮށްފައިވެއެވެ. އެމްއައިއައިޑީ އަކީ ގިރާވަރު ފަޅު ހިއްކުން ފަދަ ސަރުކާރުގެ ބިޔަ މަޝްރޫއުތައް ކުރިއަށް ގެންދިއުމަށް ހާއްސަކޮށްގެން އުފައްދާފައިވާ ކުންފުންޏެކެވެ.
މި މަޝްރޫއުތަކުގެ ތެރެއިން ގިރާވަރު ފަޅު ހިއްކުމަށް ފުރަތަމަ ހަވާލުކުރި ކެޕިޓަލް މެރިން އެންޑް ސިވިލް ކޮންސްޓްރަކްޝަން (ސީއެމްސީ) އާ އެކު ވެފައިވާ އެއްބަސްވުންތައް ބަދަލުކޮށް، އެ މަސައްކަތްތަކާ މިހާރު ހަވާލުވެފައިވަނީ އެމްއައިއައިޑީ އިންނެވެ. މި ބަދަލުތަކާ އެކު އެމްއައިއައިޑީގެ ބެލެންސް ޝީޓުގައި ނުނިމި ހުރި މަޝްރޫއުތަކުގެ ގޮތުގައި 1.76 ބިލިއަން ރުފިޔާ ހިމަނާފައިވާއިރު، ކުރު މުއްދަތެއްގެ ތެރޭގައި އެތައް ބިލިއަން ރުފިޔާއެއްގެ ދަރަންޏާއި މާލީ ޒިންމާތަކަކާ އެ ކުންފުނިން ވަނީ ކުރިމަތިލާން ޖެހިފައެވެ.
އެއާޕޯޓު ތަރައްގީގެ މައިގަނޑު ޒިންމާގެ އިތުރުން، ދައުލަތުގެ ބޮޑެތި ބިން ހިއްކުމުގެ މަޝްރޫއުތަކުގެ މާލީ ބުރަ އެމްއޭސީއެލްގެ ކުޑައިގެ ދަށަށް ގެނައުމަކީ އެ ކުންފުނީގެ މާލީ ދެމެހެއްޓެނިވި ކަމަށް އޮތް ބޮޑު ގޮންޖެހުމެއްގެ ގޮތުގައި އޮޑިޓް ރިޕޯޓުގެ އަލީގައި ފާހަގަވެއެވެ.

