ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

އާދައިގެ ރައްޔިތަކަށް ފައިދާވާނެ ގޮތެއް ނެތް!

ފޮޓޯ: ސަން
ޝެއާރކޮށްލާ ކަހަލަދޯ؟

ކޮވިޑް-19 ގެ ބަލި މަޑު ކަމާއި ގުޅިގެން މުޅި ޤައުމުގެ އިޤްތިޞާދަށް މިވަނީ އެކަމުގެ ނޭދެވޭ އަސަރުކޮށްފައެވެ. ޤައުމަށް ފައިސާ ވަންނާނެ ދޮރުތައް ބަންދުވެ، މާލީ ދަތިތަކާއި މިވަނީ ކުރިމަތިލާންޖެހިފައެވެ. ފިޔަފާރިތައް ހުއްޓި ވަޒީފާގެ ދޮރުތައްވަނީ ބަންދުވެފައެވެ. އެތައް ބައެއްގެ ވަޒީފާ ގެއްލި، މަގުމަތިވެ ގޮތް ހުސްވެފައެވެ. ދަނޑިވަޅުގެ ގޮތުން ބައެއް މަހުޖަނުންވަނީ އެމީހުންގެ ވަޒީފާތަކުގައި އުޅުނު އެތަކެއް ބަޔަކު ވަޒީފާއިންކޮށްފައެވެ. އެކަމަކުގެ ކިތަންމެ އާއިލާއަކަށް މިވަގުތުވަނީ ވަރަށް ބިކަ ހާލުގައި އުޅެންޖެހިފައެވެ.

ކުރިމަތިވެފައިވާ ކާރިސާއިން އަރައިގަތުމަށް ސަރުކާރުންވެސް އަންނަނީ މަސައްކަތްތަކެއް ކުރަމުންނެވެ. މިކަމުގެ ސަބަބުން ހާލުގައި ޖެހުނު މީހުންނަށް ގޮތެއް ހޯދައިދެވޭތޯވެސް މަސައްކަތްތައް ކުރެއެވެ. މާލީ ދަތިކަން ދިމާވިވެފައިވާ މީހުންނަށް ސަރުކާރުން ޚާއްސަ ޕެކޭޖެއް ތަޢާރަފުކޮށް ލޯނާއި އަދި އެނޫންވެސް އެހީތައް އަންނަނީ ދެމުންނެވެ. ނަމަވެސް ފާހަގަކޮށްލަންޖެހޭ ނުކުތާއަކީ، މި ހުރިހާ ކަމެއްގެވެސް ފައިދާ ކުރަނީ އެކަމަށް ބޭނުންޖެހިފައިވާ އާދައިގެ ރައްޔިތު މީހާއަށްވުރެ ބޮޑަށް އެ ތަނަވަސްކަން ހުރި މީހުންނަށް ކެމެވެ.

މި ނާޒުކު ހާލަތުގައިވެސް ލައްކަ ކަންކަން ހިނގައިފިއެވެ. ކޮވިޑް-19 ގެ ސަބަބުން މުސާރަތައް ކުޑަވީ އާދައިގެ މުވައްޒަފުންގެ އެވެ. ބޮޑުން އަދިވެސް ގެއައްގެންދަނީ ލައްކަ ބައިވަރު އޮވެއެވެ. ކޮވިޑް-19އާ ގުޅިގެން ސަރުކާރުން އިއުލާންކުރި ސްޓިމިއުލަސް ޕެކޭޖުން ރިސޯޓަކަށް ގިނަވެގެން 7.7 މިލިއަން ރުފިޔާ އަދި އެހެނިހެން ކޮންމެ ވިޔަފާރިއަކަށް އެއް މިލިއަން ދޫކުރަން ސަރުކާރުން ނިންމިއެވެ. ކުދި އަދި މެދު ފަންތީގެ ވިޔަފާރިތަކާއި ފްރީލާންސް މަސައްކަތްތައް ކުރާ މީހުންނަށް އޮތް އެއްޗެއް ނެތެވެ. މުޅިން ދައްކާ ބަހަނާއަކީ އެމީހުންނަށްވެސް އެއްޗެއް ލިބޭނެ ކަމަށްބުނެ ދައްކާ ވާހަކައެވެ.

މާލޭގައި ކުއްޔަށް އުޅޭ މީހުންނަށް ހުރި ގޮންޖެހުމާއި ދަތިތަކަށް ޙައްލެއް ނައެވެ. އިމާރާތުގެ ވެރިފަރާތުން ނުކުންނަންވެސް އަންގަނީއެވެ. އެކަމަށް ޤާނޫނީ ޙައްލެއް ނުހޯދުނެވެ. އުޅޭތަނުން ނުކުންނަންޖެހިގެން އެތައް ބަޔަކު މަގުމަތިވިޔެވެ. ނަމަވެސް ހެޔޮ ރަނގަޅު ބަޔަކުވެސް އުޅެއެވެ. އެމީހުންވަނީ އެމީހުންގެ ތަންތަނުގެ ކުލި ހެޔޮކޮށްފައެވެ. އަނެއް ބަޔަކު ކުލި ކަނޑާލިއެވެ. ނަމަވެސް ސަރުކާރަށް ކުރެވުނުހާވެސް ކަމަކީ ރިސޯޓުތަކާއި ދަނޑުވެރިކަމަށް ދޫކޮށްފައިވާ ރަށްތަކުގެ ކުލި ފަސްކޮށްލަ ދިނުމެވެ. ނިކަމެތިންނަށް ނިކަމެތި ކަމެވެ.

މިހާރު އަނެއްކާވެސް އިތުރުކަމެކެވެ. ”އަމާ ބުނީތީ ފަރަށްދާ އުސޫލުން“ މޮޅު ޤާނޫނެއް އެކުލަވާލަން މަޖިލީހަށް ހުށަހަޅަން ސަރުކާރުން އަންނަނީ ތައްޔާރުވަމުންނެވެ. ”ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތުގެ ބިލު 2020“ ގެ ނަމުގައެވެ. ފުރަތަމަ އުއްމީދު ކުރެވުނީ އެ ބިލުގެ ސަބަބުން އެތައް ބަޔަކަށް ލުއިތަކެއް ލިބިގެންދާނެ ކަމަށެވެ. ނަމަވެސް ބިލުގައި އޮތް އެއްޗެއް އެގުމުން އެތައް ބަޔަކު އަންނަނީ އެކަމަށް ފާޑު ކިޔަމުންނެވެ. މިކަންވެސް ނިމިގެންދާނީ ކޮވިޑް-19 އާއި ގުޅިގެން މުވައްޒަފުން ވަކިކުރުމާއި ނޯޕޭ އަށް ފޮނުވާލުމުގެ ސަބަބުން، އިކޮނޮމިކް ސްޓިމިއުލަސް ޕެކޭޖުގެ ދަށުން ލޯނު ދޫ ނުކުރަން ނިންމި ކުންފުނިތަކަށް، ޝަރުތުތަކަކާއި އެކު ލޯނަށް އެދުމުގެ އިތުރު ފުރުސަތެއް ދޭން ނިންމި ނިންމުންފަދަ ކަމަށެވެ.

މިހާރުވެސް އެންމެ ބޮޑަށް އުފެދިފައި އޮތް ނުތަނަވަސްކަމަކީ ވަޒީފާތަކުން ވަކިކުރުމާއި މުސާރަ ނުދިނުންފަދަ ކަންކަމެވެ. ނަމަވެސް މި ހުށާހަޅާ ޤާނޫނުން އެކަންކުރަން ތިބި ބަޔަކަށް ދެއްކޭނެ ހުއްޖަތްތައް ގިނައެވެ. ބަހަނާވެސް ގިނަ ވާނެއެވެ. އެއީ ބާރު ލިބެނީ ޤާނޫނަކުން ކަމަށްވާތީއެވެ. ހަމަ އެގޮތަށް ކުއްޔަށް އުޅޭ މީހުންނަށްވެސް އޮތީ އެގޮތެވެ. ގޮތެއް ނެތިފައިތިބި މީހުންނަށް ގޮތެއް ހޯދައިދިނުމުގެ ބަދަލުގައި ކުއްޔަށް ދިރިއުޅޭ ތަންތަނުން މީހުން ނެރުމުގައި މަދުވެގެން ދެ މަހުގެ ނޯޓިހެއް ދޭންޖެހޭ ގޮތަށް ޤާނޫނުގައިވަނީ ހިމަނާފައެވެ.

ވަޒީފާއިން ވަކިކުރުން ބިލުގައި ކަނޑައަޅާފައިވަނީ، ވަޒީފާ އިން މުވައްޒަފުން ވަކި ކުރުމަށް ހުއްދަވާނެ ހާލަތްތަކަކީ، ވަޒީފާދޭ ފަރާތުގެ ވިޔަފާރިއަށް ނުރަނގަޅު އަސަރުކޮށްފައި ވުމާއެކު، އެފަދައިން ކޮށްފައިވާ ނުރަނގަޅު އަސަރުގެ ސަބަބުން ވަޒީފާދޭ ފަރާތަށް ލިބެމުންއައި އާމްދަނީ ދަށްވެ، އެ އާމްދަނީން މުވައްޒަފުންނަށް ކުރިން ދެމުން އައިސްފައިވާ މުސާރަ އާއި އިނާޔަތްތައް ދެމުން ނުގެންދެވޭ މިންވަރަށް ވަޒީފާދޭ ފަރާތުގެ ވިޔަފާރިއަށް އަސަރުކޮށްފައިވާ ހާލަތުގައެވެ. ދެން އެނޫން ހާލަތެއްގައި ތިބި ބަޔަކު ނުފެންނާނެއެވެ.

މި ފަދަ ސަބަބުތަކާއިހުރެ ސަރުކާރުންކުޅެނީ ޑުރާމާ ކަމަށް ޤަބޫލުކުރާ މީހުން އަންނަނީ އިތުރުވަމުންނެވެ. ނިކަމެތިން ހާލަތުގައި އަމިއްލަ މަސައްކަތުން އާމްދަނީހޯދަމުން އައި ހުރިހާ ދޮރެއްބަންދުކޮށް ގޭބަންދުގައި ކުދި ގޮޅިތަކުގައި ތިބި މީހުން މަދެއް ނޫނެވެ. މުޅިޓުއަރިޒަމް އިންޑަސްޓްރީހުއްޓި ވިޔަފާރި ވަނީހުއްޓިފައެވެ. މިބިލުން މިބުނަނީ މިދަނޑިވަޅުގަ މުއަށްޒަފުންގެ މުސާރަކުޑަކޮށް ނުވަތަ ވަޒީފާއިން ވަކިކުރެވިދާނެކަމަށެވެ. ސުވާލަކީ މިހެންދިމާނުވާ ހަމައެންމެ ރިސޯރޓެއްވެސް ނުވަތަ ގެސްޓްހައުސް އެއްވެސް އެބަހުރިތޯއެވެ. އެހެންވީމަ މިއީ ސަރުކާރުން ރާވައިގެން ރިސޯރޓު އޯނަރުން ބޭނުންވާގޮތަށް ކަންތައްކުރުމަށްދެވޭ ގާނޫނީ ލައިސަންސެއް ކަމަށް ބުނެވޭނެ ޖާގަވެސް ނިކަމެތި ރައްޔިތުންނަށް އެ ލިބެނީއެވެ.

ސަރުކާރުގެ މޫނުމަތި ރީތިކުރާކަށް ބިލެއް ވައްދާނެކަމެއްނެތެވެ. ގާނޫނު ހެދިޔަސް ގަވައިދު ހެދިޔަސް ހެދި އެއްޗެއް އޮންނާނީ އޮތްތާކުއެވެ. އޭގެން ވާނެ ފައިދާއެއް ނިކަމެއްޗަކަށް ކުރާނެ ރާހަތެއް ނެތެވެ. ސަރުކާރަށް ކަމެއްނުވާ ވާހަކަ އަޑު ގަދަވާއިރަށް ގާނޫނު ނެތިގެން ތިއުޅޭ އުޅުން ހުއްޓަންވެއްޖެއެވެ. މިހާރުވެސް ވަޒީފާއާއި ބެހޭ ޤާނޫނެއް އޮވެއެވެ.

ރައްޔެތުން ”ފެލާލުމުގެ ސަޤާފަތް“ ހުއްޓަންޖެހެއެވެ. ދަތިހާލުގަ ދިރިއުޅޭ މީހުންނަށް ސަރުކާރުން އެހީތެރިވާން ބިލެއް ހުށައެޅިއްޔާ މިވަގުތު މާ ރަނގަޅުވާނެއެވެ. މިހާރު ގިނަމީހުން އުޅެނީ އަގަޔާއި އަތާ ދިމާނުވާ ހާލުގައެވެ. ސަރުކާރުން އެހީތެރިކަމެއް ފޯރުކޮއް ނުދެވުނީމަ ޖެހިގެން ހުންނަ މީހާ ހަފުސްކޮއްލަން އުޅެގެންނުވާނެއެވެ.

 

 

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: