މިސްކިތްތައް ހުޅުވަން ގޮވާލުމަށް ރައްޔިތުން މަގުމައްޗަށް ނުކުންނަން ޖެހިދާނެ ކަމަށް ކުރީގެ ތިމަރަފުށީ ދާއިރާގެ މެމްބަރު މެމްބަރު މުޙައްމަދު މުސްތަފާ ވިދަޅުވެއްޖެއެވެ.
މުސްތަފާ ކުރެއްވި ޓްވީޓެއްގައި ވިދާޅުވެފައިވަނީ ޤައުމުގެ މިސްކިތްތައް މިހާރުން މިހާރަށް ހުޅުވާދިނުމަށް އެދޭ ކަމަށާއި އެހެން ނޫން ކަމަށް މިސްކިތްތައް ހުޅުވުމަށް ރައްޔިތުން މަގު މައްޗަށް ނުކުންނަންޖެހިދާނެ ކަމަށެވެ.
މިސްކިތްތައް ބަންދުކޮށްގެން އުޅެނީ ކޮވިޑް-19 އާއި ގުޅިގެނެއް ނޫން ކަމަށާއި މިސްކިތްތައް ބަންދުކޮށްގެން އުޅޭ އެހެން ސަބަބެއް އެބަ އުޅޭކަމަށް މުސްތަފާ ވިދާޅުވިއެވެ.
މުސްތަފާ ވިދާޅުވީ ސައުދީއަރަބިޔާ އަކީ 35 މިލިއަން މީހުން އުޅޭ ގައުމެއް ކަމަށާއި ދިވެހިރާއްޖޭއަކީވެސް ސަތޭކަ ޕަސަންޓް މުސްލިމް ޤައުމެކޭ ކިޔައިގެން އުޅޭ ގައުމެއް ކަމަށެވެ. އެކަމަކު އަދިވެސް މިގައުމުގެ މިސްކިތްތައް ބަންދު ކަމަށް މުސްތަފާ ވިދާޅުވިއެވެ.
ކޮވިޑް-19 އާއި ގުޅިގެން އެޅި ރައްކާތެރިކަމުގެ ފިޔަވަޅެއްގެ ގޮތުން، ތިން މަހާ ގާތް ވަންދެން ސައުދީގެ މިސްކިތްތައް ބަންދު ކުރުމަށް ފަހު މަދީނާގެ މަސްޖިދުއް ނަބަވީއާ އެކު ރޭގެ ފަތިސް ނަމާދުން ފެށިގެން މިސްކިތްތައް އާއްމުންނަށް ވަނީ ހުޅުވާލާފައެވެ.
އެހެން މިސްކިތްތައް ހުޅުވާލި ނަމަވެސް މައްކާގެ ހަރަމްފުޅު އަދިވެސް ވަނީ އާއްމުންނަށް ބަންދުކޮށްފަ އެވެ. މަސްޖިދުލް ހަރާމްގައި ޖަމާއަތުގައި ނަމާދު ކުރާނީ އިމާމުންނާއި ހަރަމްފުޅުގެ މުވައްޒަފުން އެކަންޏެވެ.
ރާއްޖޭގައިވެސް މާލެއާ އެކު ހަތް ރަށެއް ފިޔަވައި އެހެން ރަށްތަކުގެ މިސްކިތްތަކުގައި ޖަމާއަތުގައި ނަމާދުކުރުމުގެ ހުއްދަވަނީ ދީފައެވެ.
ހުއްދަ ނުދީ އޮތީ ކޮވިޑް-19 ފެތުރޭތީ ހެލްތް ޕްރޮޓެކްޝަން އެޖެންސީން މޮނިޓަރިންއަށް ލާފައިވާ ރަށްރަށާއި ކުރިން މޮނިޓަރިންއަށް ލުމަށްފަހު އެކަން އުވައިލިތާ 14 ދުވަސް ހަމަނުވާ ނުވާ ރަށްތަކެވެ.
އެގޮތުން މިހާރު ހުއްދަ ނުދީ އޮތީ މާލެ އާއި ށ.ނަރުދޫ އަދި ނ.މަނަދޫގެ މިސްކިތްތަކުގެ އިތުރުން މޮނިޓަރިން އުވައިލުމަށް ފަހު 14 ދުވަސް ނުވާތީ ހއ. ތަކަންދޫ، ށ.މިލަންދޫ، ކ.ހިންމަފުށި އަދި ކ. ތުލުސްދޫގައެވެ.
މިސްކިތްތައް ހުޅުވައިލި ރަށް ރަށުގައި ވެސް މިސްކިތުގައި ޖަމާއަތުގައި ނަމާދު ކުރުމުގައި ކޮވިޑުން ރައްކާތެރި ވުމުގެ ގޮތުން އަމަލުކުރާނެ އުސޫލުތަކެއް އިސްލާމިކް މިނިސްޓްރީން ކުރިން ވަނީ އާއްމުކޮށްފަ އެވެ.
އެގޮތުން ސަމާލުވާން ޖެހޭ ކަންތައްތަކުގެ ތެރޭވައި މިސްކިތަށް ދާއިރު ގެއިން ވުޟޫކޮށްގެން ދިއުމާއި އުމުރުން ދުވަސްވީ މީހުން މިސްކިތަށް ނުދިއުމާއި ރޯގާގެ އަލާމާތްތައް ހުންނަ މީހުން މިސްކިތައް ނުދިއުން އަދި މިސްކިތަށް ދާއިރު ގެއިން މުސައްލަ ހިފައިގެން ދިއުން ހިމެނެ އެވެ.

