ރާއްޖެއިން ލަންކާއަށް ދިޔަ އެ ގައުމުގެ ރައްޔިތުންގެ ތެރެއިން ތިން މީހަކު ކޮވިޑް-19 އަށް ޕޮޒިޓިވްވެފައިވާކަމަށް ލަންކާގެ މީޑިއާތަކުން ރިޕޯޓުކޮށްފިއެވެ.
ރާއްޖޭގައި ތިބި ބޭރުގައުމުގެ މީހުން އެ ގައުމުތަކުގެ ސަރުކާރުތަކާއި އެކު މާޝްވަރާކޮށް އަނބުރާ ފޮނުވާލުމުގެ މަސައްކަތްތައް ދަނީ ކުރަމުންނެވެ. އޭގެ ތެރޭގައި ފަތުރުވެރިންނާއި، ރާއްޖޭގައި ގަވައިދާއި ހިލާފަށް އުޅެމުން އައި ބިދޭސީން އަދި ޑޮކިއުމެންޓު ހަމަވެ ގަވައިދާއި އެއްގޮތަށް އުޅެމުން އައި ނަމަވެސް މިވަގުތުގެ ހާލަތުގެ ދަށުން އެނބުރި ގައުމަށް ދާން ބޭނުންވި މީހުން ހިމެނެއެވެ.
މިދިޔަ މަހުގެ ތެރޭގައި ވެސް، އިންޑިއާއަށް އެ ގައުމުގެ މަނަވަރުން ފޮނުވާލި ތިން މީހަކު ވެސް ބައްޔަށް ޕޮޒިޓިވް ވިއެވެ. އޭރު އެ ކޭސްއާއި ގުޅިގެން އެންއީއޯސީގެ ތަރުޖަމާނު މަބްރޫކް އަޒީޒް ވިދާޅުވެފައިވަނީ އެ މީހުން ބައްޔަށް ޕޮޒިޓިވްވެފައިވާކަން އެނގުނީ 14 ދުވަހުގެ ކަރަންޓީނަށް ގެންދިއުމުގެ ކުރިން ބައްޔަށް ޓެސްޓު ކުރުމުން ކަމަށެވެ. ވަކި އުސޫލުތަކެއްގެ ދަށުން އެ މީހުން ފުރުވާލި ނަމަވެސް ބައްޔަށް ޓެސްޓު ނުރާތީ އާއި އަދި އެކި ސަރަހައްދުތަކަށް އެ މީހުން ގެންދިއުމަށްފަހު ދެން ފުރުމުގެ އިންތިޒާމު ހަމަޖެހޭތީ އެކަމާއި ގުޅޭގޮތުން ނޫސްވެރިއަކު ސުވާލު ކުރުމުން މަބްރޫކް ވިދާޅުވީ އެ މީހުން ފުރުވާލެވެނީ ހަމައެކަނި ވައިޓަލްސް ނެގުމަށްފަހު ކަމަށެވެ. އަދި އެ މީހުން ކޮވިޑަށް ޓެސްޓު ކުރާގޮތަށް އޮތީ، އެ ގައުމުގެ ޕޯޓުންކަމަށް މަބްރޫކް ވިދާޅުވިއެވެ.
އިންޑިއާގެ ކޭސްތަށް ވެސް އެންމެ ފުރަތަމަ ރާއްޖޭގެ މީޑީއާތަކުން ރިޕޯޓު ކުރީ އެ ގައުމުގެ އިތުބާރު ހުރި މީޑިއާތަކާއި ހަވަލާދީއެވެ. އިންޑިއާގެ މީޑީއާތަކުން އެ ކޭސްތައް ރިޕޯޓު ކުރިއިރު ވެސް އެ ގައުމުގެ ސަރުކަރުން އެކަން ރާއްޖެއަށް އަންގާފައި ނުވެއެވެ. އެ މައުލޫމާތުތައް އިންޑިއާއިން ރާއްޖެއާއި ރަސްމީކޮށް ހިއްސާކުރީ އޭގެ ދެ ދުވަސް ފަހުންނެވެ.
ލަންކާއަށް ފުރުވާލި ދެ މީހަކު ވެސް ބައްޔަށް ޕޮޒިޓިވްކަމަށް ރިޕޯޓު ކުރީ އެ ގައުމުގެ މީޑިއާތަކުންނެވެ. އަދި ދިވެހި ސަރުކާރުން މިކަން ރަސްމީކޮށް ހާމައެއް ނުކުރެއެވެ.

