ބަލި ޖެހޭ މީހުންގެ އަދަދުތަކަށް ބަދަލެއް އައީ، ލޮކްޑައުންއަށް ލުއި ދިނުމުގެ ސަބަބުން ނޫން ކަމަށާއި، ލުއިތައް އަނބުރާ ގެންނަން ޖެހޭ ހާލަތެއް އަދި ނާންނަކަމަށް ނޭޝަނަލް އިމަޖެންސީ އޮޕަރޭޝަންސް ސެންޓަރުން ބުނެފިއެވެ.
އާދީއްތަ ދުވަހު ކޮވިޑަށް ޕޮޒިޓިވް ވި މީހުންގެ އަދަދު 101 އަށް އަރައެވެ. އަދި އޭގެ ތެރޭ ހިމެނޭ 72 މީހުންނަކީ ބަންގްލަދޭޝްއަށް ނިސްބަތް ވާ މީހުންނެވެ. އަދި 08 ދިވެހިންނާއި އިންޑިއާގެ 21 ރައްޔިތެއް ހިމެނެއެވެ. މި ކޭސްތަކާއި ބެހޭ ގޮތުން އެންއީއޯސީގެ ތަރުޖަމަނު މަބްރޫކް އަޒީޒް ވިދާޅުވެފައިވަނީ މިއީ އެހެން ކޭސްތަކާއި ގުޅުން ހުރި މީހުން ކަމަށެވެ.
މިއީ ލޮކްޑައުންއަށް ގެނައި ލުއިތަކުގެ ސަބަބުން ފެންނަން ފަށާފައިވާ ކޭސްތަކެއް ނޫންކަން ފާހަގަކުރައްވާ ނޫސްވެރިންގެ ބައްދަލުވުމުގައި ޑރ. އިބްރާހިމް އަފްޒަލް ވިދާޅުވީ ބައްޔަށް ޕޮޒިޓިވް ވި މީހުންގެ ތެރެއިން 79 މީހެއް ނިސްބަވަނީ އެއް ކްލަސްޓާއަކަށް ކަމަށެވެ. މިއީ އެއް ތަނެއްގައި ދިރިއުޅެމުން އައި މީހުން ކަމަށާއި، އެ މީހުންގެ ފަރާތުން އިތުރު ބަޔަކަށް ބަލި ފެތުރުމުގެ ފުރުސަތެއް ނެތް ކަމަށެވެ. އަފްޒަލް ވިދާޅުވީ ބަލި ޖެހުނު މީހުންގެ ތެރޭގައި ކުޑަ ކްލަސްޓާއަކަށް ނިސްބަތްވާ 19 މީހެއް ހިމެނޭ ކަމަށެވެ. އަދި އިތުރު އެއް ކްލަސްޓާއަކާއި، އިންޑިޕެންޑެންޓު ދެ ކޭސް ފެނިފައިވާ ކަމަށެވެ.
“ އެއްކޮށް އުޅޭބައެއް އެއްތަނެއްގެ ކްލަސްޓައެއްވީމަ ހަޤީގަތުގަ އިތުރުވީ. އީޒް ޕްލޭންގެ ލުއިފަސޭހަގެ ސަބަބުން އިތުރުވި އިތުރުވުމެއް ނޫނޭ….އަދި މިފެންނަ މަންޒަރަކުން ލޮކްޑައުނުން ދެވިފައިވާ އީސްގެ ހާލަތުގައި އަނބުރާ ގެންދަން ޖެހޭ ފަދަ ހާލަތެއް އަދި ނުފެނޭ“ ޑރ. އަފްޒަލް
ޑރ. އަފްޒަލް ވިދާޅުވީ ލުއިތައް އަނބުރާ ގެންނަޖެހޭ ފަދަ ހާލަތެއް އަދި ނެތް ކަމަށެވެ. ލޮކްޑައުންގެ ލުއިތަކާއި އެކު ކޭސްތައް އިތުރުވާނަމަ އެކަން ފާހަގަކުރެވޭނެ ކަމަށް ޑރ. އަފްޒަލް ވިދާޅުވިއެވެ. ނަމަވެސް ރ. އަފްޒަލް ވަނީ މި ދުވަސްވަރު ގިނަ މީހުން މަގުތަކުގައި ހަރަކާތްތެރިވާނެތީ ރައްކާތެރިކަމުގެ ފިޔަވަޅުތަކާއެކުގައި މަގުމަތީގައި އުޅުމަށް އެފަރާތްތަކަށް އިލްތިމާސް ކުރައްވާފަ އެވެ.
ޑރ. އަފްޒަލް ވިދާޅުވީ ކޮވިޑަކީ ބޮޑު ބަލިމަޑުކަމެއް ކަމަށާއި، އެއް ނަޒަރުން ބަލާނަމަ މިހާރު ދުވާލެއްގެ މައްޗަށް 30 ނުވަތަ 40 ކޭސް ފެނުން އެއީ ބޮޑު އަދަދެއް ނޫން ކަމަށެވެ. ހާއްސަކޮށް އަންދާޒީ އަދަދުތަކާއި އަޅާބަލާނަމަ އެއީ ވަރަށް ބޮޑުތަނުން ދަށް އަދަދެއްގެ ގޮތުގައި އޭނާ ފާހަގަކުރިއެވެ. އަދި ބޭސްލައިން އެއް ފާހަގަކުރާނަމަ މިހާރު ހުރި ހިސާބުކަމަށް ޑރ. އަފްޒަލް ފާހަގަކުރެއްވިއެވެ. އެހެން ކަމުން މާލޭގެ އާބާދީއަށް ބަލާނަމަ މިހާރު ފެންނަމުން ދާ ކޭސްތައް އިތުރެއް ނޫން ކަމަށް ޑރ. އަފްޒަލް ވިދާޅުވިއެވެ. މާލޭގައި ބަލި ޖެހުނު މީހުންނާއި ގުޅޭގޮތުން ޑރ. އަފްޒަލް ވިދާޅުވީ ޕޮޒިޓިވް ވި މީހުންގެ ތެރެއިން 61 އިންސައްތަ މީހުންގެ އެއްވެސް އަލާމާތްތަކެއް ނެތް ކަމަށެވެ. އަދި ޕޮޒިޓިވް ވި ކުޑަކުދިންގެ ފަރާތުން ވެސް ބަލީގެ އަލާމާތްތަކެއް ނުފެންނަ ކަމަށެވެ.

