ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ގިރާވަރުފަޅުން 100 ހެކްޓަރު ހިއްކައި ނިމިއްޖެ: ތިލަފުށިން ޔޫޓީއެފަށް ބުރިޖު ގުޅާލުމުގެ ޑިޒައިނަށް ވަރަށް އަވަހަށް ހުޅުވާލަނީ

ގިރާވަރު ފަޅު ހިއްކުމުގެ މަސައްކަތް
ޝެއާރކޮށްލާ ކަހަލަދޯ؟

މާލޭގެ ރައްޔިތުންނަށް ދޫކޮށްފައިވާ ގޯތިތައް ހަވާލުކުރުމަށްޓަކައި ގިރާވަރުފަޅުން ހިއްކުމަށް ކަނޑައެޅި ބިމުގެ ތެރެއިން މިހާތަނަށް 100 ހެކްޓަރަށްވުރެ ބޮޑު ސަރަހައްދެއް ހިއްކައި ނިމިފައިވާ ކަމަށާއި، ތިލަފުށިން ފެށިގެން ގިރާވަރުފަޅު ހުރަސްކޮށް އުތުރުތިލަފަޅު (ޔޫޓީއެފް) އާ ހަމައަށް ބުރިޖުން ގުޅައިލުމަށް ބޭނުންވާ ޑިޒައިން މަސައްކަތް ކޮށްދޭނެ ފަރާތެއް ހޯދުމަށް ވަރަށް އަވަހަށް އިޢުލާނުކުރައްވާނެ ކަމަށް ގެދޮރުވެރިކަމާ ބެހޭ ވަޒީރު ޑރ. ޢަބްދުﷲ މުއްޠަލިބު ވިދާޅުވެއްޖެއެވެ.

ވަޒީރު މިކަން ހާމަކުރެއްވީ ސަރުކާރުގެ ވަޒީރުން އާންމުންގެ ސުވާލުތަކަށް ޖަވާބުދެއްވުމަށް ބޭއްވި ”އަހާ ފޯރަމު“ ގެ ތެރެއިން އާންމު ރައްޔިތަކު ކުރި ސުވާލަކަށް ޖަވާބުދެއްވަމުންނެވެ.

އެ ބައްދަލުވުމުގައި އާންމު ރައްޔިތަކު ވަނީ ގިރާވަރުފަޅުން ދޫކޮށްފައިވާ ގޯތިތައް ލިބޭނެ ތާރީޚަކާއި، އެ ސަރަހައްދަށް ބުރިޖުގެ ގުޅުން ގާއިމުކުރެވޭނެ ދުވަހަކާ ގުޅޭގޮތުން ސުވާލުކޮށްފައެވެ.

ސުވާލަށް ޖަވާބުދެއްވަމުން ޑރ. މުއްޠަލިބު ވިދާޅުވީ، ވޭތުވެދިޔަ ސަރުކާރުން ގޯތި ދޫކުރިއިރު ގިނަ ތަންތަނުގެ ބިން އޮތީ އެއްގޮތަކަށްވެސް ނުހިއްކައި ކަމަށެވެ. އަދި ބިން ހިއްކުމުގެ މަސައްކަތް އޭރު ހަވާލުކޮށްފައި އޮތީ ބިން ހިއްކާ ކުންފުންޏަށް އޭގެ އަގުގެ ބަދަލުގައި ހުޅުމާލެއާއި ތިލަފުށިން އަގުހުރި ބިންތަކެއް މިލްކުވާ ގޮތަށް ކަމަށް ވަޒީރު ފާހަގަކުރެއްވިއެވެ. ނަމަވެސް އެ ބިންތަކަކީ ދައުލަތަށް އިގުތިސާދީ އެކި ބޭނުންތަކަށް މުހިންމު ބިންތަކަކަށް ވާތީ، ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ސަރުކާރުން އެ ނިންމުން ބަދަލުކުރެއްވި ކަމަށް ވިދާޅުވިއެވެ.

މިގޮތުން، ދައުލަތަށް ދިމާވެފައިވާ މާލީ ބޮޑެތި ގޮންޖެހުންތަކާ އެކުވެސް، ރައްޔިތުންނަށް ދޫކޮށްފައިވާ ގޯތިތައް ކަށަވަރުކޮށްދިނުމުގެ އަޒުމުގައި ބިން ދިނުމުގެ ބަދަލުގައި އެމްއޭސީއެލް މެދުވެރިކޮށް ފައިސާ ދައްކައިގެން ބިން ހިއްކުމުގެ މަޝްރޫއުތައް ކުރިއަށް ގެންދަން ނިންމެވި ކަމަށް ވަޒީރު ވިދާޅުވިއެވެ. އެ މަސައްކަތުގެ ދަށުން ގުޅިފަޅާއި ހުޅުމާލެ ފޭސް 3 ގެ ބިން ހިއްކުމުގެ މަސައްކަތް މިހާރު ވަނީ އެއްކޮށް ނިމުމަކާ ގާތްވެ، ގޯތިތައް ހަވާލުކުރުމުގެ މަރުހަލާ ކުރިއަށްދާ ކަމަށް ހާމަކުރެއްވިއެވެ.

ވަޒީރު ވިދާޅުވީ، ގިރާވަރު ފަޅުން 100 ހެކްޓަރަށްވުރެ ބޮޑު ސަރަހައްދެއް ހިއްކުމަށްފަހު ދުވަސްކޮޅަކަށް މަސައްކަތް މެދުކެނޑުނީ މެދުއިރުމަތީގެ މަސްރަހަށް އައި ބަދަލުތަކާއެކު ދުނިޔޭގެ ބާޒާރުގައި ތެލުގެ އަގު އިންތިހާއަށް އުފުލިގެން ދިއުމާ ގުޅިގެން ކަމަށެވެ. ނަމަވެސް އެ ހުރަސްތައް ގިރާކޮށް، މިހާރު އަނެއްކާވެސް ބިން ހިއްކުމުގެ މަސައްކަތް ވަނީ ފަށައިގެން ކުރިއަށްދާ ކަމަށް ވަޒީރު ވިދާޅުވިއެވެ.

ސަރުކާރުގެ އަމާޒަކީ ލަސްތަކެއް ނުވެ ގިރާވަރުފަޅުގެ ބާކީ އޮތް ބައި ހިއްކައި ނިންމައި، ސާވޭ ކުރުމުގެ މަރުހަލާތައް ފުރިހަމަކުރުމަށްފަހު ރައްޔިތުންނާ ގޯތިތައް ހަވާލުކުރުން ކަމަށް ވަޒީރު ފާހަގަކުރެއްވިއެވެ.

މީގެއިތުރުން، މިހާރުވެސް ހިއްކާ ނިމިފައިވާ ސަރަހައްދުތަކުން ގޯތި ލިބިފައިވާ ފަރާތްތަކަށް އިންފާރު ރޭނުން ފަދަ އިމާރާތްކުރުމުގެ ކުރީގެ ހުއްދަތައް ދިނުމަށްޓަކައި އެޗްޑީސީ މެދުވެރިކޮށް ހަމަޖައްސަންޖެހޭ އިދާރީ އިންތިޒާމުތައް ހަމަޖެއްސުމުގެ މަސައްކަތް ވުޒާރާއިން ކުރަމުން އަންނަ ކަމަށްވެސް ވިދާޅުވިއެވެ.

މާލެ ސަރަހައްދުގެ ދަތުރުފަތުރާއި ގުޅުވައިލުމުގެ އެންމެ މުހިންމު މަޝްރޫއު ކަމުގައިވާ ތިލަމާލެ ބުރިޖާ ގުޅޭގޮތުން ވާހަކަދައްކަވަމުން ވަޒީރު ވިދާޅުވީ، މިހާރު ކުރިއަށްދާ ބުރިޖުގެ މަސައްކަތަކީ ތިލަފުއްޓާ ހަމައަށް އެޅޭ ބައި ކަމަށެވެ. ސަރުކާރުގެ ލަނޑުދަނޑިއަކީ 2027 ވަނަ އަހަރުގެ ނޮވެންބަރު މަހުގެ ނިޔަލަށް އެއްކޮށް މަސައްކަތް ނިންމައިލުން ކަމަށް ވަޒީރު ވިދާޅުވިއެވެ.

ހަމައެހެންމެ ތިލަފުށިން ފެށިގެން ގިރާވަރުފަޅު ހުރަސްކޮށް އުތުރުތިލަފަޅާ ހަމައަށް ބުރިޖު ދިގުދަންމާލުމަށްޓަކައި ހަދަންޖެހޭ ފީޒިބިލިޓީ ދިރާސާތައް މިހާރު ސަރުކާރުން ނިންމާފައިވާ ކަމަށް ވަޒީރު ހާމަކުރެއްވިއެވެ. ބޭރުގެ މާލީ އިދާރާތަކުން ލޯނު ހޯދުމުގައި ދަތިތަކެއް ހުރި ނަމަވެސް، މަޝްރޫއު ލަސްނުކޮށް ކުރިއަށް ގެންދިއުމަށްޓަކައި ވަރަށް އަވަހަށް ޑިޒައިން މަސައްކަތް ކޮށްދޭނެ ފަރާތެއް ހޯދުމަށް އިޢުލާނުކުރައްވާނެ ކަމަށް ވަޒީރު ވިދާޅުވިއެވެ. އަދި ސަރުކާރުގެ ވިސްނުމަކީ އިގުތިސާދީ ހާލަތު ތަންދިން އެންމެ އަވަހަކަށް އަމަލީ މަސައްކަތް ފެށޭނެ ފަދަ ގޮތަކަށް ޑިޒައިނާއި އެހެނިހެން ތައްޔާރީތައް ކުރިއާލައި ނިންމާފައި ބޭއްވުން ކަމުގައި ވަޒީރު ފާހަގަކުރެއްވިއެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: