މިދިޔަ އަހަރު ބޯހިޔާވަހިކަމަށް ކަނޑައެޅި ބަޖެޓުގެ 53 ޕަސެންޓުގައި އަދިވެސް އަތްނުލާ ކަމަށާއި އަންނަ އަހަރަށް ލަފާކޮށް ސަރުކާރުން ހުށަހަޅާފައިވާ ބަޖެޓާ މެދު ވެސް ރައްޔިތުންގެ އިތުބާރު ނެތް ކަމަށް ގަލޮޅު ދެކުނު ދާއިރާގެ މެމްބަރު މީކާއިލްް އަހުމަދު ނަސީމް ވިދާޅުވެއްޖެއެވެ.
މަޖިލީހުގެ މިއަދުގެ ޖަލްސާގައި އަންނަ އަހަރަށް ލަފާކުރާ ބަޖެޓަށް ބަހުސްކުރައްވަމުން މީކާއިލް ވިދާޅުވީ، އެ ބަޖެޓުގެ އެންމެ ފުރިހަމަކަމަކީ ފާއިތު އަހަރުތަކަށް ވުރެ ބަޖެޓު ކުޑަވުން ކަމަށް ސަރުކާރުން ބުނާ ނަމަވެސް، އެ ކުޑަ ބަޖެޓުގައި ހަރަދު މާ ބޮޑު ކަމަށާއި ކުރިއާ ބަލާއިރު އިތުރު 3.3 ބިލިއަން ރުފިޔާ ހަރަދު ބޮޑުވެފައިވާ ކަމަށެވެ. އަދި 1.9 ބިލިއަން ރުފިޔާ ޑެފެސިޓް ބޮޑުވެފައިވާ ކަމަށް ވިދާޅުވެ، އެ ބަޖެޓުން އާންމު ރައްޔިތު މީހާއަށް ލިބެނީ ކޮން ފައިދާއެއްތޯ އޭނާ ސުވާލު އުފެއްދެވިއެވެ.
މީކާއިލް ވިދާޅުވީ، ބަޖެޓެއްގެ ފެންވަރު އެނގެނީ ބަޖެޓުން ހަރަދުކުރާނެ ފައިސާ އާއި އެ ފައިސާ ހޯދާނެ ގޮތް ބަޖެޓުގައި ބުނެދީފައި އޮތްނަމަ ކަމަށެވެ. ނަމަވެސް ބަޖެޓުން އެކަމެއް ނުފެންނަ ކަމަށާއި 2.4 ބިލިއަން ރުފިޔާގެ ފައިނޭންސިން ގެޕެއް ބަޖެޓުގައި އެބަ އޮތް ކަމަށް އޭނާ ވިދާޅުވިއެވެ.
މީގެ ކުރިން ފާސްކުރި ބަޖެޓުތަކަށް އަލިއަޅުވާލައްވަމުން އޭނާ ވިދާޅުވީ، މި ސަރުކާރުގައި އެންމެ ފުރަތަމަ ފާސްކުރި ބަޖެޓަކީ ބޯހިޔާވަހިކަމުގެ ބަޖެޓެއް ކަމަށް ބުނި ކަމަށެވެ. ނަމަވެސް، ގާތްގަނޑަކަށް 1.8 ރުފިޔާ އޭރު ބޯހިޔާވަހިކަމަށް ބަޖެޓުކުރެވުނުއިރު، ދިވެހި ރައްޔިތަކަށް ލިބުނު ބޯހިޔާވަހިކަމެއް ނެތް ކަމަށް އޭނާ ވިދާޅުވިއެވެ.
ޖެހިގެން އައި އަހަރު އެއީ ސިއްހަތުގެ ބަޖެޓެއް ކަމަށް ބުނި ނަމަވެސް، ކެންސަރު ފަރުވާއަށް ބޭނުންވާ ބޭހާއި، ޑަޔަލެސިސް ހަދާ މީހުންގެ ބޭހާއި މާބަނޑު އަންހެނުން ބޭނުންވާ ބޭހާއި އެހެނިހެން އަސާސީ ބޭސްތައް ރާއްޖެއިން ނުލިބޭ ކަމަށް މީކާއިލް ވިދާޅުވިއެވެ.
އޭނާ ވިދާޅުވީ، މީގެ ކުރިން ފާސްކުރި ބަޖެޓުތަކާ އެއްގޮތަށް އަމަލުކޮށްފައި ނެތުމުން، މިހާރު ހުށަހަޅައިގެން އުޅޭ ބަޖެޓާ އެއްގޮތަށް އަމަލުކުރައްވާނެކަމުގެ އެއްވެސް ޔަގީންކަމެއް ރައްޔިތުންނަށް ނެތް ކަމަށެވެ. މި މަހުގެ އެއްވަނަ ދުވަހު ބެއްލެވިއިރު، މިދިޔަ އަހަރު ބޯހިޔާވަހިކަމަށް ކަނޑައެޅި ބަޖެޓުގެ 53 ޕަސެންޓުގައި އަދިވެސް އަތްނުލާ ކަމަށް މީކާއިލް ވިދާޅުވިއެވެ.
އެ ބަޖެޓު ކޮމިޓީ މަރުހަލާގައި އިސްހާކުރެވޭނެކަން ފާހަގަކުރައްވަމުން މީކާއިލް ވިދާޅުވީ، ބަޖެޓު އޮތް ގޮތަށް ފާސްކޮށްފިނަމަ އާދައިގެ ރައްޔިތު މީހާގެ ހާލަތު ދާނީ އިތުރަށް ދަށަށް ކަމަށެވެ. އަދި 2028 އަށް ލަފާކުރައްވާ ބަޖެޓު ހުށަހަޅުއްވަން މާލީ ވަޒީރު މަޖިލީހަށް ވަޑައިގަންނަވާއިރުގައި އާންމު ރައްޔިތުމީހާގެ ހާލު މިހާރަށްވުރެ ގޯސްވާނެ ކަމަށް ވިދާޅުވިއެވެ.

