ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

އަންނަ އަހަރުގެ ބަޖެޓުން މަތީ ތައުލީމަށް ކުރާ ހަރަދު 12 އިންސައްތަ އިތުރުވާނެ

އެޑިއުކޭޝަން މިނިސްޓަރު އިސްމާއީލް ޝަފީއު. ފޮޓޯ/ މަޖިލިސް
ޝެއާރކޮށްލާ ކަހަލަދޯ؟

އަންނަ އަހަރަށް ލަފާކޮށް ރައްޔިތުންގެ މަޖިލީހަށް ހުށަހަޅާފައިވާ ދައުލަތުގެ ބަޖެޓުގައި، ތައުލީމީ ދާއިރާއަށް ކަނޑައަޅާފައިވާ ފައިސާގެ ތެރެއިން މަތީ ތައުލީމަށް ކުރާ ހޭދަ މި އަހަރާ އަޅާބަލާއިރު 12.3 އިންސައްތައިން އިތުރުކުރުމަށް ސަރުކާރުން ނިންމައިފިއެވެ.

ތައުލީމީ ދާއިރާގެ އެކި މަރުހަލާތަކަށް ބަޖެޓުން ބޮޑެތި އަދަދުތަކެއް ހަމަޖައްސާފައިވާއިރު، އެންމެ ބޮޑު ކުރިއެރުމެއް އައިސްފައިވަނީ މަތީ ތައުލީމުގެ ދާއިރާއަށެވެ.

ރައްޔިތުންގެ މަޖިލީހަށް ހުށަހަޅާފައިވާ 2027 ވަނަ އަހަރަށް ލަފާކުރާ ދައުލަތުގެ ބަޖެޓުން ތައުލީމީ ދާއިރާއަށް ޖުމްލަ 6.14 ބިލިއަން ރުފިޔާ ވަނީ ހާއްސަކޮށްފައެވެ. މިއީ 2026 ވަނަ އަހަރަށް ކަނޑައެޅި ބަޖެޓާ އަޅާބަލާއިރު 11.7 އިންސައްތައިގެ ކުރިއެރުމެކެވެ.

މުޅި ތައުލީމީ ނިޒާމުގެ ހިންގުން ހަރުދަނާކޮށް، ދަރިވަރުންގެ ނަތީޖާއާއި ފެންވަރު ރަނގަޅުކުރުމަށް މި ބަޖެޓުގެ ތެރެއިން ގިނަ އިންތިޒާމުތަކެއް ވަނީ ރާވާފައެވެ.

ތައުލީމީ ދާއިރާއަށް ކަނޑައެޅުނު ޖުމްލަ ބަޖެޓު އެކި މަރުހަލާތަކަށް ބަހާލާފައިވާ ގޮތަށް ބަލާއިރު، ޕްރީ ސްކޫލު އަދި ފަށާ ތައުލީމުގެ މަރުހަލާއަށް 1.48 ބިލިއަން ރުފިޔާ ވަނީ ހަމަޖައްސާފައެވެ.

މީގެއިތުރުން، ސާނަވީއާއި މަތީ ސާނަވީ މަރުހަލާގެ ތައުލީމަށް 1.3 ބިލިއަން ރުފިޔާ ކަނޑައަޅާފައިވެއެވެ. އަދި އަންނަ އަހަރު ތައުލީމީ ދާއިރާގެ ބަޖެޓުން އެންމެ ބޮޑު ނިސްބަތެއް ހާއްސަކޮށްފައިވަނީ އެ ދާއިރާގެ އެހެނިހެން ކަންކަމަށެވެ. އެއީ ޖުމްލަ 2.1 ބިލިއަން ރުފިޔާއެވެ.

މި ހޭދަތަކަކީ ފަށާ ތައުލީމުން ފެށިގެން ދަރިވަރުންގެ ބިންގާ ވަރުގަދަކޮށް، ސްކޫލުތަކުގެ އުމްރާނީ ވަސީލަތްތަކާއި ކިޔަވައިދިނުމުގެ ފެންވަރު އުފުލުމަށް މަގުފަހިކޮށްދޭނެ މުހިންމު ހަރަދުތަކެކެވެ.

ފާއިތުވި އަހަރުތަކުގެ ތަފާސްހިސާބުތަކަށް ބަލާއިރު، ތައުލީމީ ދާއިރާގެ ބަޖެޓުގެ ތެރެއިން އެންމެ ބޮޑު ކުރިއެރުމެއް ފެންނަނީ މަތީ ތައުލީމަށް ހާއްސަކުރެވޭ ފައިސާއިންނެވެ. އެގޮތުން 2025 ވަނަ އަހަރު މަތީ ތައުލީމަށް ބަޖެޓުގައި ކަނޑައަޅާފައިވަނީ 721 މިލިއަން ރުފިޔާއެވެ. އަދި ހިނގަމުންދާ 2026 ވަނަ އަހަރު މަތީ ތައުލީމަށް ހަރަދުވާނެ ކަމަށް ލަފާކުރެވެނީ 848.3 މިލިއަން ރުފިޔާއެވެ.

އަންނަ އަހަރު މަތީ ތައުލީމަށް 953.1 މިލިއަން ރުފިޔާ ހަރަދުވާނެ ކަމަށް ބަޖެޓުގައި އަންދާޒާކޮށްފައިވެއެވެ. މިއީ މި އަހަރު ހަރަދުވާނެ ކަމަށް ބެލެވޭ އަދަދަށްވުރެ 12.3 އިންސައްތަ އިތުރު އަދަދެކެވެ.

ބަޖެޓު ރިޕޯޓުގައި ބަޔާންކޮށްފައިވާ ގޮތުގައި، މަތީ ތައުލީމަށް ހިނގާނެ ކަމަށް ލަފާކުރާ ހަރަދުގެ ބޮޑު ބައެއް ހޭދަކުރުމަށް ހަމަޖެހިފައިވަނީ މަތީ ތައުލީމުގެ ފުރަތަމަ މަރުހަލާގެ ކިޔެވުމަށެވެ.

މަތީ ތައުލީމުގެ ދާއިރާއިން ދިވެހި ޒުވާނުންނަށް ފުރުސަތުތައް ފަހިކޮށްދިނުމުގެ ގޮތުން ސަރުކާރުން ހިންގާ މައިގަނޑު މަޝްރޫއުތައް މި ބަޖެޓުގެ ތެރެއިން ކުރިއަށް ގެންދިއުމަށް ވަނީ ރޭވިފައެވެ.

އޭގެ ތެރޭގައި ސަރުކާރުގެ ހިލޭ ޑިގްރީ ޕްރޮގުރާމާއި، އެކި ދާއިރާތަކުން ހުޅުވާލެވޭ ސްކޮލާޝިޕުތަކުގެ އިތުރުން، ދައުލަތުން ދޫކުރާ މަތީ ތައުލީމުގެ ލޯނު ޕްރޮގުރާމު ހިމެނެއެވެ. މި ޕްރޮގުރާމުތަކުގެ ސަބަބުން ގިނަ އަދަދެއްގެ ދަރިވަރުންނަށް ރާއްޖެއާއި ރާއްޖެއިން ބޭރުން މަތީ ތައުލީމު ހާސިލުކުރުމުގެ ދޮރު އިތުރަށް ތަނަވަސްވެގެންދާނެއެވެ.

ސަރުކާރުން ފާހަގަކުރާ ގޮތުގައި، ފަށާ ތައުލީމުގެ މަރުހަލާއިން ފެށިގެން ތައުލީމުގެ ހުރިހާ މަރުހަލާއެއްގައި ދިވެހި ކިޔަވާ ކުދިންގެ ނަތީޖާ ރަނގަޅުކުރުމަކީ މައިގަނޑު ސިޔާސަތެކެވެ. އަދި ދަރިވަރުންނަށް ފޯރުކޮށްދޭ ތައުލީމުގެ ފެންވަރު އެއް ހަމައެއްގައި ހިފަހައްޓައި، ޒަމާނީ މާހައުލެއްގައި އުނގެނުމުގެ މަގު ފަހިކޮށްދިނުމަށް ގިނަ ފިޔަވަޅުތަކެއް އަންނަނީ އަޅަމުންނެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: