ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ޓެކުހުގެ ޤާނޫނުތަކަށް ގެންނަ އިސްލާހުތަކާއެކު އަންނަ އަހަރުގެ ބަޖެޓުގައި ޓެކްސް އާމްދަނީ އިތުރުވާނެކަމަށް އަންދާޒާކޮށްފި

ޝެއާރކޮށްލާ ކަހަލަދޯ؟

އަންނަ އަހަރަށް ލަފާކުރާ ދައުލަތުގެ ބަޖެޓުގައި ޓެކުހުގެ ގޮތުގައި ދައުލަތަށް ލިބޭނެ އާމްދަނީ  އިތުރުވާނެކަމަށް އަންދާޒާކޮށްފިއެވެ. މި އާމްދަނީ އިތުރުވުމުގެ މައިގަނޑު ސަބަބެއްގެ ގޮތުގައި ފާހަގަކޮށްފައިވަނީ ޓެކުހާ ބެހޭ ޤާނޫނުތަކަށް ސަރުކާރުން ގެންނަން ހުށަހަޅާފައިވާ އިސްލާހުތަކާއި، އިޤްތިޞާދީ މައިގަނޑު ދާއިރާތަކަށް އަންނާނެ ކަމަށް ލަފާކުރެވޭ ކުރިއެރުމެވެ.

އަންނަ އަހަރަށް ލަފާކުރާ ދައުލަތުގެ ބަޖެޓުގައި ޖުމްލަ އާމްދަނީއާއި ހިލޭ އެހީގެ ގޮތުގައި 43.2 ބިލިޔަން ރުފިޔާ ލިބޭނެކަމަށް ވަނީ އަންދާޒާކޮށްފައެވެ. އޭގެ ތެރެއިން އެންމެ ބޮޑު ބައެއް ހިއްސާކުރަނީ ޓެކްސް އާމްދަނީއެވެ. އެގޮތުން ޓެކުހުގެ ގޮތުގައި ދައުލަތަށް 33.6 ބިލިޔަން ރުފިޔާ ލިބޭނެކަމަށް ބަޖެޓުގައި ވަނީ ލަފާކޮށްފައެވެ. މިއީ މުޅި ބަޖެޓުގެ އާމްދަނީގެ ބޮޑު އިންސައްތައެކެވެ.

ދައުލަތުގެ ޓެކްސް އާމްދަނީ އިތުރުކުރުމަށްޓަކައި މުހިންމު ޤާނޫނީ ބަދަލުތަކެއް ގެނައުމަށް ސަރުކާރުން މިހާރު ވަނީ ރައްޔިތުންގެ މަޖިލީހަށް ބިލުތައް ހުށަހަޅާފައެވެ. އެގޮތުން 18 އޮކްޓޫބަރު 2026 ގައި އާމްދަނީން ޓެކްސް ނެގުމުގެ ޤާނޫނަށް އިސްލާހު ގެނައުމުގެ ބިލާއި، މުދަލާއި ޚިދުމަތުގެ އަގުން ޓެކްސް ނެގުމުގެ ޤާނޫނަށް އިސްލާހު ގެނައުމުގެ ބިލު ވަނީ މަޖިލީހަށް ހުށަހަޅާފައެވެ. މީގެ އިތުރުން 19 އޮކްޓޫބަރު 2026 ގައި ޓެކްސް ނެގުމާބެހޭ އިދާރީ ޤާނޫނަށް އިސްލާހު ގެނައުމުގެ ބިލުވެސް ވަނީ މަޖިލީހަށް ހުށަހަޅާފައެވެ.

އާމްދަނީން ޓެކްސް ނެގުމުގެ ޤާނޫނަށް ގެންނަ އިސްލާހުތަކަށް ޢަމަލުކުރަން ފެށުމަށް ހަމަޖެހިފައިވަނީ 1 ޖަނަވަރީ 2027 އިން ފެށިގެންނެވެ. މޯލްޑިވްސް އިންލަންޑް ރެވެނިއު އޮތޯރިޓީ (މީރާ) އިން ލަފާކުރާ ގޮތުގައި، މި އިސްލާހުތަކާއެކު އާމްދަނީން ނަގާ ޓެކުހުން އިތުރު 495.3 މިލިޔަން ރުފިޔާ ދައުލަތަށް ލިބިގެންދާނެއެވެ.

ދައުލަތަށް ބޮޑު އާމްދަނީއެއް ލިބޭ އިންކަމް ޓެކުހުގެ ގޮތުގައި 2027 ވަނަ އަހަރު 6،707 މިލިޔަން ރުފިޔާ ލިބޭނެކަމަށް ވަނީ އަންދާޒާކޮށްފައެވެ. މިއީ 2026 ވަނަ އަހަރު ލިބޭނެކަމަށް މިހާރު ލަފާކުރާ މިންވަރަށްވުރެ %4.8 ގެ އިތުރުވުމެކެވެ. އިންކަމް ޓެކުހުގެ މައިގަނޑު ބައިތަކަށް ބަލާއިރު:

  • ވިޔަފާރީގެ ފައިދާއިން ނަގާ ޓެކްސް  3،234.2 މިލިޔަން ރުފިޔާ
  • ބޭންކް ޕްރޮފިޓް ޓެކްސް: 1،562 މިލިޔަން ރުފިޔާ
  • ނަން-ރެޒިޑެންޓް ވިތުހޯލްޑިންގ ޓެކްސް: 1،360 މިލިޔަން ރުފިޔާ

މީގެ އިތުރުން ރާއްޖޭގެ ބާޒާރުގައި ތަކެތީގެ އަގުތަކަށް އަންނަ ބަދަލުތަކާއި، ވިޔަފާރިތަކުން ހާމަކުރާ އާމްދަނީ އިތުރުވުމާ ގުޅިގެން ޢާންމު މުދަލާއި ޚިދުމަތުގެ އަގުން ނަގާ ޓެކްސް (ޖީޖީއެސްޓީ) ގެ ގޮތުގައި ލިބޭ އާމްދަނީވެސް 2027 ވަނަ އަހަރު %7.3 އިން ކުރިއަރާނެކަމަށް ވަނީ އަންދާޒާކޮށްފައެވެ.

ފަތުރުވެރިކަމުގެ ދާއިރާ ހަލުވިކަމާއެކު ކުރިއަރަމުން އައުމާއެކު، 2027 ވަނަ އަހަރާއި މެދުރާސްތާގައި ޓީޖީއެސްޓީގެ ގޮތުގައި ލިބޭ އާމްދަނީ ވަރަށް ބޮޑަށް އިތުރުވާނެކަމަށް ވަނީ ލަފާކޮށްފައެވެ. އެގޮތުން އަންނަ އަހަރު ޓީޖީއެސްޓީގެ ގޮތުގައި ދައުލަތަށް 12،130.2 މިލިޔަން ރުފިޔާ ލިބޭނެކަމަށް ބަޖެޓުގައި އަންދާޒާކުރެއެވެ.

ފަތުރުވެރިކަމާ ގުޅުންހުރި އެހެން ދާއިރާތަކަށް ބަލާއިރު، އެއާޕޯޓް ޓެކުހާއި ފީގެ ގޮތުގައި އަންނަ އަހަރު 4،403.4 މިލިޔަން ރުފިޔާ ލިބޭނެކަމަށް ލަފާކޮށްފައިވެއެވެ. މިއީ 2026 ވަނަ އަހަރު ލިބޭނެކަމަށް ބެލެވޭ 4،103 މިލިޔަން ރުފިޔާއާ އަޅާބަލާއިރު %7.3 ގެ ކުރިއެރުމެކެވެ. އަދި އައު ރިސޯޓުތައް ހުޅުވި ކުލި ދައްކާ ފަރާތްތައް އިތުރުވަމުންދާތީ، ރިސޯޓް ބިމު ކުލީގެ ގޮތުގައި ލިބޭ އާމްދަނީ 2026 ގެ 2،277.3 މިލިޔަން ރުފިޔާއިން، އަންނަ އަހަރު 2،369.1 މިލިޔަން ރުފިޔާއަށް އަރާނެކަމަށް ބަޖެޓުގައި ވަނީ ފާހަގަކޮށްފައެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: