ދައުލަތުން އިތުރު ދަރަންޏެއް ނެގުމެއް ނެތި، މި ހިނގާ 2026 ވަނަ އަހަރުގެ މިހާތަނަށް 10.4 ބިލިއަން ރުފިޔާގެ ދަރަނި ސަރުކާރުން އަނބުރާ ދައްކައި ހަލާސްކޮށްފައިވާ ކަމަށް މާލީ ވަޒީރު ހަސަން ޒަރީރު ރައްޔިތުންގެ މަޖިލީހުގައި މިއަދު ވިދާޅުވެއްޖެއެވެ. މިއީ ދިވެހިރާއްޖޭގެ މާލީ ތާރީހުގައިވެސް އެއް އަހަރެއްގެ ތެރޭގައި ދަރަނި ދެއްކުމަށް އެންމެ ބޮޑު ހޭދައެއް ކުރި އަހަރެވެ.
މިނިސްޓަރރ ވިދާޅުވީ، މިއަހަރުގެ ނިޔަލަށް ދަރަނި އަނބުރާ ދެއްކުމަށް ޖުމްލަ 11.7 ބިލިއަން ރުފިޔާ ހޭދަވާނެ ކަމަށް ބެލެވޭ ކަމަށެވެ. ފާއިތުވި ސަރުކާރުތަކުން ނަގާފައިވާ ބޮޑެތި ދަރަނިތައް މި ސަރުކާރުން ދައްކައި ޚަލާޞްކުރަމުން ދަނީ ދަރަނީގެ ދެމެހެއްޓެނިވިކަން ގެއްލުވައިނުލައި ކަމަށާއި، މި ފިޔަވަޅުތަކުގެ ސަބަބުން ކުރިއަށް އޮތް 2027 ވަނަ އަހަރު ދަރަނި ދެއްކުމަށް ހޭދަކުރަންޖެހޭ އަދަދު 4.5 ބިލިއަން ރުފިޔާއަށް ދަށްކުރެވިފައިވާ ކަމަށް އެމަނިކުފާނު ފާހަގަކުރެއްވިއެވެ.
ބައިނަލްއަޤްވާމީ މާލީ އިދާރާތަކާއި ރޭޓިންގ އެޖެންސީތަކުން ރާއްޖެއަށް ދީފައިވާ ރޭޓިންގ މަތިވެގެން ގޮސްފައިވަނީ ސަރުކާރުގެ މި ހަރުދަނާ ފިޔަވަޅުތަކުގެ ނަތީޖާއެއްގެ ގޮތުންނެވެ. އަދި ދުނިޔޭގެ އިޤްތިސާދީ ގޮންޖެހުންތަކުގެ ތެރޭގައިވެސް، 2026 ވަނަ އަހަރު ސަޕްލިމެންޓަރީ ބަޖެޓަކަށް ނުގޮސް، ފާސްކުރި ބަޖެޓުގެ އިމުގެ ތެރޭގައި ހަރަދުތައް ބެލެހެއްޓުމަކީ ލިބުނު ވަރަށް ބޮޑު ކާމިޔާބީއެއް ކަމަށް މިނިސްޓަރ ވިދާޅުވިއެވެ.
މީގެ އިތުރުން، ދުނިޔޭގެ ބާޒާރުގައި ތެލުގެ އަގު އުފުލުނު ނަމަވެސް ރައްޔިތުންނަށް ދޭ ފިއުލް ސަބްސިޑީގެ ގޮތުގައި މިއަހަރު 3.8 ބިލިއަން ރުފިޔާ ހޭދަވާނެ ކަމަށާއި، ދުނިޔޭގެ އަގުތަކަށް އަންނަ ބަދަލުތަކާއެކު އަންނަ 2027 ވަނަ އަހަރު ސަބްސިޑީގެ ހަރަދު 3.2 ބިލިއަން ރުފިޔާއަށް ކުޑަވާނެ ކަމަށް ލަފާކުރެވޭ ކަމަށްވެސް އެމަނިކުފާނު ވިދާޅުވިއެވެ.
މިނިސްޓަރ ޒަރީރު ފާހަގަކުރެއްވި ގޮތުގައި، ދަރަނީގެ ބޮޑު ބުރަ ކުޑަކުރެވިގެން ދިއުމަކީ މުސްތަގްބަލުގެ ޖީލުތަކަށްޓަކައި ދިވެހި އިގްތިސާދުގެ ބިންގާ ދުޅަހެޔޮކޮށް، ދައުލަތުގެ މާލިއްޔާ ހަރުދަނާ މިސްރާބަކަށް ރުޖޫއަކުރުމަށް އެޅުނު މުހިންމު ފިޔަވަޅެކެވެ.

