ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ޑޮލަރުގެ މައްސަލަ ހައްލުވާނީ މާކެޓް ރެގިއުލޭޓް ކޮށްގެން: ގަވަރުނަރު

މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ، އެމްއެމްއޭގެ ގަވަރުނަރު އަޙްމަދު މުނައްވަރު
ޝެއާރކޮށްލާ ކަހަލަދޯ؟

ރާއްޖެއަށް ކުރިމަތިވެފައިވާ ޑޮލަރުގެ މައްސަލަ ހައްލުކުރެވޭނީ ބޭރު ފައިސާގެ ބާޒާރު ރަނގަޅަށް ރެގިއުލޭޓް ކުރެވިގެން (ގަވާއިދަށް ފައްތައިގެން) ކަމަށާއި، އެކަމުގައި ފަހަތަށް ޖެހެވެން ނެތް ކަމަށް މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ) ގެ ގަވަރުނަރު އަޙުމަދު މުނައްވަރު ވިދާޅުވެއްޖެއެވެ.

ގަވަރުނަރު މިހެން ވިދާޅުވީ ދައުލަތުގެ އަންނަ އަހަރުގެ ބަޖެޓާ ގުޅޭގޮތުން ރައްޔިތުންގެ މަޖިލީހުގެ ބަޖެޓް ކޮމިޓީގައި ވާހަކަދައްކަވަމުންނެވެ.

ކޮމިޓީގައި ވާހަކަދައްކަވަމުން ގަވަރުނަރު ފާހަގަކުރެއްވި ގޮތުގައި، އެމްއެމްއޭގެ އަސްލު ގާނޫނުގައި ކަންކަން ބަޔާންކޮށްފައި އޮތީ މިހާރު އަމަލުކުރަމުންދާ އުސޫލުތަކަށްވުރެ މާ ހަރުކަށިކޮށެވެ. ނަމަވެސް، ފޮރިން އެކްސްޗޭންޖްގެ ކަންކަން ރެގިއުލޭޓް ނުކުރެވި ގިނަ ދުވަސްތަކެއް ވުމުގެ ސަބަބުން، ބޮޑު މާކެޓެއްގައި އެނގިތިބެ ހާމަކަން ބޮޑު ގޮތެއްގައި ގަވާއިދާ ހިލާފަށް ޑޮލަރު ވިއްކަމުންދާ ކަމަށް މުނައްވަރު ވިދާޅުވިއެވެ. އެހެންކަމުން އެކަމަށް ބަދަލުތަކެއް ގެންނައިރު ދަތިތަކަކާ ކުރިމަތިވާނެ ކަމަށާއި، އެހެން ނަމަވެސް ފަހަތަށް ގޮސްގެން އެ މައްސަލައަށް ހައްލެއް ނުލިބޭނެ ކަމަށް އޭނާ ވިދާޅުވިއެވެ.

މީގެ އިތުރުން، މަނީ ޗޭންޖަރުންގެ ރިޕޯޓުތައް މިހާރު ވަރަށް ގާތުން މޮނިޓަރކުރަމުންދާ ކަމަށާއި، އެ ފަރާތްތަކަށް އިތުރު ރެގިއުލޭޓަރީ ޝަރުތުތަކެއް ކަނޑައަޅައި، މަނީ ޗޭންޖިންގ ގަވާއިދަށް އިސްލާހުތައް ގެންނަމުންދާ ކަމަށް ގަވަރުނަރު ވިދާޅުވިއެވެ.

ގަވަރުނަރު މުނައްވަރު އިތުރަށް ވިދާޅުވީ، ގައުމުގެ މަނިޓަރީ ޕޮލިސީ އާއި ފިސްކަލް ޕޮލިސީ ދާންޖެހޭނީ އެއް އަމާޒަކަށް ކަމަށެވެ. އަދި މިވަގުތު އެމްއެމްއޭގެ މަނިޓަރީ ޕޮލިސީ އޮތީ ވަރަށް ’ޓައިޓް’ކޮށް ކަމަށާއި، މިނިމަމް ރިޒާވް ރިކުއާމަންޓް (އެމްއާރްއާރް) އިތުރުކޮށް، އޯޕަން މާކެޓް އޮޕަރޭޝަންތައް ހިންގަމުންދަނީ ބޭރު ފައިސާގެ މާކެޓަށް ލުޔެއް ހޯދައިދިނުމަށް ކަމަށް ވިދާޅުވިއެވެ.

އަލަށް ގެނެވުނު ބަދަލުތަކާއެކު، ފާއިތުވި އޮކްޓޯބަރު މަހުގެ 28 ވަނަ ދުވަހުގެ ނިޔަލަށް ކަނޑައެޅި މުއްދަތުގައި ހާއްސަކޮށް ފަތުރުވެރިކަމުގެ ދާއިރާއިން ވަރަށް ބޮޑު ތަރުހީބެއް ލިބިފައިވާކަން ވެސް ގަވަރުނަރު ފާހަގަކުރެއްވިއެވެ. އެހެންނަމަވެސް، ބައެއް ފަރާތްތަކަށް ހުރި ދަތިތަކާ ގުޅިގެން ކޮންސެޝަން ނުވަތަ ލުއިތަކަކަށް އެދި އެމްއެމްއޭއަށް ހުށަހަޅާފައިވާ ކަމަށާއި، އެ ހުށަހެޅުންތައް މިހާރު ރިވިއުކުރަމުންދާ ކަމަށް މުނައްވަރު ވިދާޅުވިއެވެ.

އެ މައްސަލައިގެ ފުރިހަމަ ތަފްސީލީ އަޕްޑޭޓް ރިޕޯޓެއް، މި ހިނގާ ނޮވެމްބަރު މަސް ނިމުމުން ހާމަކުރައްވާނެ ކަމަށް ވެސް މަޖިލީހުގެ ކޮމިޓީގައި ވާހަކަދައްކަވަމުން އެމްއެމްއޭގެ ގަވަރުނަރު މުނައްވަރު ވިދާޅުވިއެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: