ހިޔާލުފާކުރުމުގެ މިނިވަންކަން ބޭނުންކުރުމުގައި އަބުރަށް އަރައިގަތުމަކީ ހުއްދަ ކަމެއް ނޫން ކަމަށް ބަންޑާރަނައިބު އަހުމަދު އުޝާމް ވިދާޅުވެއްޖެއެވެ.
ސޯޝަލް މީޑިއާގައި ބަންޑާރަނައިބުގެ އޮފީހުން އާންމުކުރި ވީޑިއޯއެއްގައި އުޝާމް ވިދާޅުވެފައިވަނީ، ހައްގުތަކާއި ޒިންމާތަކަކީ އެއް ފައިސާ ފޮއްޗެއްގެ ދެ ފަރާތް ކަމަށާއި އެއް ފުއް ނެތި އަނެއް ފުއް ބޭނުމެއް ނުކުރެވޭނެ ކަމަށެވެ. ކޮންމެ މީހަކަވެސް ލިބިދޭ ހައްގުތަކާއި އެ މީހަކު އަދާކުރަންޖެހޭ ވާޖިބުތަކަކީ ވަކިނުކުރެވޭނެ ދެ އަސާސްކަން ގާނޫނުއަސާސީގައި ބަޔާންކޮށްފައިވާ ކަމަށް އޭނާ ވިދާޅުވިއެވެ.
އުޝާމް ފާހަގަކުރެއްވީ ހައްގުތައް ލިބިގަތުމުގައި ކޮންމެ މީހަކު ވެސް ކުރަންޖެހޭ އަދި އިހްތިރާމްކުރަންޖެހޭ ކަންކަން ހުންނާނެ ކަމެވެ. އެގޮތުން، ގާނޫނުއަސާސީއަށް ހުރުމަތްތެރިކޮށް ހިތުމާއި ދައުލަތުގެ މުދަލާއި ތިމާވެށި ރައްކާތެރިކުރުމާއި އަނެކުންގެ ހައްގުތަކަށް ރައްކާތެރިވެ، އިހްތިރާމްކުރުމަކީ ވެސް ގާނޫނުއަސާސީގައި ބަޔާންކޮށްފައި ހުރި ކަންކަން ކަމަށް އޭނާ ފާހަގަކުރެއްވިއެވެ.
އެކަމުގެ މިސާލެއްގެ ގޮތުގައި އުޝާމް ފާހަގަކުރެއްވީ، ކޮޮންމެ މީހަކަވެސް ގާނޫނުއަސާސީން ދަތުރުފަތުރުކުރުމުގެ ހައްގު ލިބިގެންވާނަމަވެސް، އެ ހައްގު ބޭނުންކުރުމުގައި އަނެކުންގެ ހައްގުތަަކަށް އިހްތިރާމްކޮށް ސަމާލުވާންޖެހޭނެ ކަމެވެ. އޭނާ ވިދާޅުވީ، އާންމު ތަންތަން ބޭނުންކުރުމުގައި ޒިންމާދާރުވާން ޖެހޭނެ ކަމަށާއި ދަތުރުފަތުރު ކުރުމުގައި އަނެކުންނަށް ނުރައްކަލެއް ކުރިމަތިނުވާނެކަން ކަށަވަރުކުރަންޖެހޭނެ ކަމަށެވެ.
އުޝާމް ވިދާޅުވީ، މުޒާހަރާކުރުމަކީ ވެސް ގާނޫނުއަސާސީން ލިބިދޭ ހައްގެއް ނަމަވެސް، އެ ހައްގުވެސް ބޭނުންކުރަންވާނީ ސުލްހަވެރިކަމާއެކު ގާނޫނުތަކަށް އިހްތިރާމްކުރުމާއެކު ކަމަށެވެ.
ހިޔާލުފާޅުކުރުމުގެ މިނިވަންކަން ބޭނުންކުރާއިރު، ގާނޫނާ ހިލާފު ކަންކަން ކުރުމާއި އެހެން މީހުންގެ އަބުރަށް އަރައިގަތުމަކީ ގާނޫނުއަސާސީން ހުއްދަ ކުރާ ކަމެއް ނޫންކަން ވެސް އޭނާ ފާހަގަކުރެއްވިއެވެ.
”ހަމަ އެފަދައިން ހިޔާލުފާޅުކުރުމުގެ މިނިވަންކަން ލިބިގަންނައިރު ވެސް ގާނޫނާ ހިލާފު ކަންކަން ކުރުމާއި އެހެން މީހުންގެ އަބުރަށް އަރައިގަތުމަކީ ގާނޫނުއަސާސީން ހުއްދަކުރާ ކަންކަމެއް ނޫން،“ އުޝާމް
ވަރުގަދަ ޑިމޮކްރެޓިކް ނިޒާމެއްގައި ބިނާވަނީ ހަމައެކަނި ހައްގުތަކެއްގެ މައްޗަށް ނޫން ކަމަށާއި ކޮންމެ މީހަކު ވެސް އެ މީހެއްގެ ހައްގުތަކުގެ ބޭނުން ޒިންމާދާރުކަމާއެކު ހިފައި އެކަކު އަނެކަކަށް އަދާކުރަންޖެހޭ ވާޖިބުތައް އަދާކުރުމަކީ ވެސް ޑިމޮކްރެޓިކް ނިޒާމެއްގައި ލާޒިމުވާ ކަންކަން ކަމަށް އޭނާ ވިދާޅުވިއެވެ.
އުޝާމް މިހެން ވިދާޅުވެފައިވާއިރު، އަބުރާބެހުމަކީ މަދަނީ ކުށެއްގެ ގޮތުގައި ކަނޑައަޅައި، އެފަދަ އަމަލުތަކުން ގެއްލުން ލިބޭ ފަރާތްތަކަށް ގާނޫނީ ފަރުވާ ހޯދައިދިނުމަށް ސަރުކާރުގެ ފަރާތުން ވަނީ ރައްޔިތުންގެ މަޖިލީހަށް ބިލެއް ހުށަހަޅައިފައެވެ. އަބުރަށް އަރައިގަތުމުގެ ގެއްލުމުގެ ބަދަލުގެ ގޮތުގައި ބޮޑުވެގެން ފަސް ލައްކަ ރުފިޔާ ނަގައިދެވޭ ގޮތަށް އެ ބިލުގައި ހިމަނާފައިވެއެވެ.

