ޖުމްހޫރީ ވެރިކަމެއް ކުރުމަށް ހަވާލުވެވަޑައިގެން ރައީސް މުއިއްޒު ރާއްޖެ ގެންދަވަނީ އަލުން ރަސްކަމުގެ މަގަށް ކަަމަށް އެމްޑީޕީގެ ކުރީގެ ޗެއާޕާސަން ފައްޔާޒް އިސްމާއިލް ވިދާޅުވެއްޖެއެވެ.
އެމްޑީޕީގެ ރިޔާސީ ޕްރައިމަރީއަށް ކެމްޕެއިން ކުރައްވަމުން ގެންދަވާ ފައްޔާޒް އެކްސްގައި ވިދާޅުވީ، ޖުމްހޫރީ ދުވަސް މިއަދު ފާހަގަކުރަމުން މިދަނީ ރައްޔިތުންނަށް ޓަކައި ރައްޔިތުން އެދޭ ގޮތަށް ހިނގާ ސަރުކާރެއް މި ގައުމުގައި ނެތް ދަނޑިވަޅެއްގައި ކަމަށެވެ.
އޭނާ ވިދާޅުވީ، ޖުމްހޫރީ ވެރިކަމެއް ކުރުމަށް ހަވާލުވެވަޑައިގެން ރައީސް މުއިއްޒު ރާއްޖެ ގެންދަވަނީ އަލުން ރަސްކަމުގެ މަގަށް ކަަމަށް ކަމަށާއި ރައްޔިތުން އިންތިހާބުކުރާ ވެރީންނަކީ ރަސްކަންކުރާ ބައެއްގެ ބަދަލުގައި ދިވެހި ޖުމްހޫރިއްޔާގެ ހިޔަލުގައި ތިބި ހުރިހާ ދިވެހީންނަށް ހާދިމަކަށް ވާން ޖެހޭ ކަމަށެވެ.
އެމްޑީޕީގެ ރިޔާސީ ޕްރައިމަރީގެ ކެމްޕެއިނަށް ފައްޔާޒް މިހާރު ހުންނެވީ ހއ. އަތޮޅުގައެވެ. އޭނާ ވަނީ އެ އަތޮޅު ދިއްދޫ، ކެލާ، ވަށަފަރު، އުތީމު، މުރައިދޫ، ތަކަންދޫ، ހޯރަފުށި އަދި އިހަވަންދޫއަށް ވެސް ވަޑައިގެންފައެވެ. އެ ދަތުރުފުޅު ނިންމަވާލައްވަނީ މި މަހުގެ 14 ވަނަ ދުވަހުއެވެ.
ދިއްދޫގައި ރައްޔިތުންނާ ބައްދަލުކުރައްވަން ބޭއްވި ޖަލްސާގައި ފައްޔާޒް ވަނީ، ވެރިކަމަށް އަންނަ ބައެއްގެ ވިސްނުން ހުންނަ ގޮތުން، ގާނޫނުއަސާސީގެ އަސްލު މަފްހޫމްތައް ފަހަތަށް ޖައްސާލައި، މަޖިލީހުގެ ސުޕަ މެޖޯރިޓީ ބޭނުންކޮށްގެން ޑިމޮކްރެސީއާ ބީރައްޓެހި ގޮތްގޮތަށް ގާނޫނުތައް ބަދަލުކުރަމުންދިއުން އާންމުވެފައިވާކަމަށް ވިދާޅުވެފައެވެ.
އޭނާ ހުށަހަޅުއްވާފައިވާ ބޮޑު ބަދަލާ ބެހޭގޮތުން ވާހަކަ ދައްކަވަމުން ފައްޔާޒް ވިދާޅުވީ، ދައުލަތުގެ ވެރިޔާ އަދި ސަރުކާރުގެ ވެރިޔަކީ ރައީސުލްޖުމްހޫރިއްޔާ ކަމުގައި ވުމުން، އޭނާއަށް މާބޮޑު ހައިބަތެއް ލިބި ”ފުފިގެންދާ“ ކަމަށެވެ. އެހެންކަމުން ދައުލަތުގެ ވެރިޔާއާއި ސަރުކާރުގެ ވެރިޔާ ވަކިކޮށްލުމުން، ނަފްސާނީ ގޮތުންވެސް ވެރިމީހާގެ ކިބައިގައި އޮންނަ ބޮޑު ބާރާއި ހައިބަތު ކުޑަވެގެންދާނެކަމަށް އޭނާ ވިދާޅުވިއެވެ.
ހއ.އަށް ކުރައްވަމުން ގެންދަވާ ދަތުރުފުޅުގެ ތެރެއިން ރައްޔިތުންނާ ބައްދަލުކުރައްވައި، ރަށްރަށުގެ މަޝްރޫއުތަކާ ބެހޭގޮތުން މަޝްވަރާކުރައްވައި، ފައްޔާޒް ގެންދަވަނީ އާންމުންގެ ހިޔާލު ހޯއްދަވަމުންނެވެ.

