ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ޓެކްސްގެ ދެ ބިލެއް މުޅި މަޖިލީހުގެ ކޮމިޓީން ފާސްކޮށްފި

ރައްޔިތުންގެ މަޖިލީހުގެ ޖަލްސާގެ ތެރެއިން : ފޮޓޯ މަޖިލިސް
ޝެއާރކޮށްލާ ކަހަލަދޯ؟

އާމްދަނީން ޓެކްސް ނެގުމުގެ ޤާނޫނަށް އިޞްލާޙު ގެނައުމުގެ ބިލާއި، ޖީއެސްޓީ ނުދައްކާ ފަރާތްތަކާމެދު ފިޔަވަޅު އެޅުން ހަރުދަނާކުރުމަށްޓަކައި މުދަލާއި ޚިދުމަތުގެ އަގުން ޓެކްސް ނެގުމުގެ ޤާނޫނަށް އިޞްލާޙު ގެނައުމަށް ހުށަހެޅި ބިލު ދިރާސާކުރި ސަބް ކޮމިޓީން ނިންމި ގޮތަށް ރައްޔިތުންގެ މަޖިލީހުގެ މުޅި މަޖިލީހުގެ ކޮމިޓީން މިއަދު ފާސްކޮށްފިއެވެ.

މި ދެ ބިލަކީވެސް ދައުލަތަށް ލިބޭ ޓެކްސް އާމްދަނީ އިތުރުކުރުމަށާއި، ޓެކްސް ނިޒާމުގައި ހުރި ބައެއް ބާގަނޑުތައް ބައްދައި ނިޒާމު މިހާރަށްވުރެ ހަރުދަނާކުރުމުގެ މަޤްޞަދުގައި ސަރުކާރުގެ ފަރާތުން މަޖިލީހަށް ހުށަހަޅާފައިވާ މުހިންމު ދެ ބިލެވެ.

މުޅި މަޖިލީހުގެ ކޮމިޓީން އާމްދަނީން ޓެކްސް ނެގުމުގެ ޤާނޫނަށް އިޞްލާޙު ގެނައުމުގެ ބިލު ފާސްކުރެއްވީ ވޯޓުގައި ބައިވެރިވެވަޑައިގެންނެވި 66 މެންބަރުންގެ އަޣުލަބިއްޔަތުންނެވެ. މި ބިލު ހުށަހެޅުމުގެ މައިގަނޑު ބޭނުމަކީ ޓެކްސް ބިނާކުރެވޭ އާމްދަނީ ހިސާބުކުރުމުގައި، ޓެކްސް ދައްކާ ފަރާތްތަކުން ދައްކަންޖެހޭ އިންޓްރެސްޓް އުނިކުރުމުގެ މިންގަނޑުތަކާއި އުސޫލުތައް މުރާޖަޢާކޮށް އިޞްލާޙު ކުރުމެވެ.

ބިލުގައި ބަޔާންކޮށްފައިވާ ގޮތުގައި، އިންޓްރެސްޓް ކެޕޭސިޓީގެ ގޮތުގައި ބަލާނީ ޓެކްސް ހިސާބުކުރާ މުއްދަތުގައި އެ ފަރާތެއްގެ ޓެކް-އެބިޓްޑާގެ %25 އެވެ. މީގެ އިތުރުން، މިހާރު ޢަމަލުކުރަމުންދާ އާމްދަނީން ޓެކްސް ނެގުމުގެ ޤާނޫނުގައި ހިމެނޭ ބައެއް މާއްދާތަކާއި ބައިތައް އުނިކުރުމަށްވެސް މި ބިލުގައި ވަނީ ހިމަނާފައެވެ.

މި ޤާނޫނަށް ގެނެވޭ ބަދަލުތަކަށް ޢަމަލުކުރަން ފެށުމަށް ހުށަހަޅާފައިވަނީ 1 ޖެނުއަރީ 2027 އިން ފެށިގެންނެވެ. މި އިޞްލާޙު ތަންފީޒުވާން ފެށުމުން، އާމްދަނީން ނަގާ ޓެކްސްގެ ގޮތުގައި ދައުލަތަށް އިތުރަށް 496،300،302 (ހަތަރުސަތޭކަ ނުވަދިހަ ހަ މިލިއަން ތިންލައްކަ ތިންސަތޭކަ ދޭއް) ރުފިޔާ ލިބޭނެ ކަމަށް ވަނީ އަންދާޒާކޮށްފައެވެ.

މުދަލާއި ޚިދުމަތުގެ އަގުން ޓެކްސް ނެގުމުގެ ޤާނޫނަށް އިޞްލާޙު ގެނައުމަށް ރައްޔިތުންގެ މަޖިލީހަށް ހުށަހެޅުއްވީ ކޮލަމާފުށީ ދާއިރާގެ މެންބަރު އިބްރާހިމް ދީދީއެވެ. މި ބިލުވެސް ސަބް ކޮމިޓީން ދިރާސާކޮށް ނިންމިގޮތަށް މުޅި މަޖިލީހުގެ ކޮމިޓީން ވަނީ އެއްބަސްވެ ފާސްކޮށްފައެވެ.

މި ބިލަކީ ޖީއެސްޓީ ނުދައްކާ ފަރާތްތަކާމެދު ފިޔަވަޅު އެޅުން މިހާރަށްވުރެ ހަރުދަނާކުރުމަށާއި، ޓެކުހަށް މަކަރު ހެދުމުގެ ސަބަބުން ދައުލަތަށް ލިބެންޖެހޭ ބޮޑެތި ޢަދަދުތަކުގެ ފައިސާ ނުލިބި ދިއުމަށް ދާއިމީ ޙައްލެއް ހޯދުމުގެ މަޤްޞަދުގައި އެކުލަވާލާފައިވާ ބިލެކެވެ. މީގެއިތުރުން، ޤާނޫނު މިހާރު އޮތްގޮތުން ވިޔަފާރިތަކަށް ކުރިމަތިވާ ބައެއް ދަތިތައް އުނިކޮށް، ލުއިފަސޭހަ މާޙައުލެއް ޤާއިމުކުރުމަކީވެސް މި ބިލުގެ މުހިންމު އަމާޒެކެވެ.

މަޖިލީހުގެ ބަޙުޘްގައި ވާހަކަދެއްކެވި މެންބަރުން ފާހަގަކުރެއްވި ގޮތުގައި، މި ބިލުގެ ސަބަބުން ރާއްޖޭގެ އިންބައުންޑް ޓޫރިޒަމަށް ހުރި ހުރަސްތައް ނެތިގޮސް، މުޅި ޓެކްސް ނިޒާމު ހަރުދަނާވެ، އިތުބާރު ބޮޑުވެގެންދާނެއެވެ.

މުޅި މަޖިލީހުގެ ކޮމިޓީން މި ދެ ބިލު ފާސްކުރުމާ ގުޅިގެން، ދެން އޮންނާނީ މަޖިލީހުގެ ޖަލްސާއެއްގައި މި ދެ ބިލަށް ވޯޓަށް އަހައި، ފާސްކުރުމުގެ މަރުޙަލާއެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: