ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ކަޅު ދަބަހުގައި ހުރީ އާރަށުގައި ކުޅެން ގެންގުޅުނު ބޫޓާއި ކުޅޭ ސާމާނު: މުއްތަލިބު

ރޭ މަޖިލިސް އިދާރާއިން މިނިސްޓަރު މުއްތަލިބު، ދަބަހާއެކު ނުކުންނަވަނީ/ ފޮޓޯ: ޝަހުޒާން
ޝެއާރކޮށްލާ ކަހަލަދޯ؟

ރައްޔިތުންގެ މަޖިލީހުގެ އިދާރާއަށް ރޭ ވަޑައިގެންނެވިއިރު އޮތް ކަޅު ދަބަހަކީ، އާރަށުގައި ފުޓްބޯޅަ ކުޅުމަށްފަހު އެ ތަކެތި އަޅައިގެން ގެންދެވި ދަބަހެއްކަމަށް ހައުސިން މިނިސްޓަރު ޑރ. އަބްދުﷲ މުއްތަލިބު ވިދާޅުވެއްޖެ އެވެ.

މަޖިލީހުގެ އިދާރާއަށް މުއްތަލިބު ގެންދިޔަ ދަބަހުގައި ވަނީ ފައިސާކަމަށް ބުނެ ކުރާ ތުހުމަތުތަކުގެ ވާހަކަ މިއަދުގެ ޖަލްސާގައި ވެސް ދެކެވުނެވެ. ރޭގެ ވަގުތެއްގައި މުއްތަލިބު މަޖިލީހުން ނިކުންނަ މަންޒަރު ވީޑިއޯކޮށް މިނިސްޓަރާއި ސުވާލުކޮށްފައި ވަނީ ”އަދަދު“ ނޫހުންނެވެ.

ތުހުމަތުތަކަށް ރައްދު ދެއްވައި މިނިސްޓަރ ވިދާޅުވީ، މަޖިލީހަށް ވަޑައިގަތީ ރިއަލް އެސްޓޭޓް ބިލާ ގުޅޭގޮތުން މެންބަރުން ބޭނުންވި މައުލޫމާތުތަކެއް ހިއްސާކުރުމަށް ކަމަށެވެ. އަދި އެ ބައްދަލުވުމުގައި އެމަނިކުފާނުގެ އަރިހުގައި ބަންޑާރަނައިބު އަހުމަދު އުޝާމް ވެސް ބައިވެރިވެވަޑައިގެންނެވިކަމަށް ފާހަގަކުރެއްވިއެވެ.

މުއްތަލިބު އިތުރަށް ވިދާޅުވި ގޮތުގައި، މަޖިލީހުގެ ބައްދަލުވުމަށް ވަޑައިގަންނަވަން ޖެހިވަޑައިގަތީ އާރަށުގައި ކުޅިވަރު ފުޓުބޯޅަ ކުޅުމަށްފަހު މާލެ އައި ގަޑިއާ ދިމާވުމުންނެވެ. އެހެންކަމުން، ލޯންޗުން ފައިބައިވަޑައިގެންނެވި ގޮތަށް ސީދާ މަޖިލީހަށް ދާންޖެހުނީ ކުޅެން ބޭނުންކުރި ސާމާނު އަޅާފައި ހުރި ދަބަސް ހިފައިގެންކަމަށް ވިދާޅުވިއެވެ.

މީގެއިތުރުން، މަޖިލީހަކީ ސިފައިންގެ ބެލުމުގެ ދަށުން ވަރުގަދަ ސެކިއުރިޓީއެއް އޮންނަ ތަނެއްކަމަށާއި، ދަބަސް އެތެރެކުރީ ސްކޭނަރުން ޗެކްކުރުމަށް ފަހުކަމަށް މުއްތަލިބު ވިދާޅުވި އެވެ. އަދި ވަޒީރުންނަށް ވެސް އެ އިމާރާތަށް ވަދެވެނީ އައިޑީ ކާޑު ހުށަހަޅައި، ކުރީބައިގައި ހުއްދަ ހޯދައިގެންކަމަށް ވަނީ ވިދާޅުވެފަ އެވެ.

މިކަމާ ގުޅިގެން މަޖިލީހުގެ މިއަދުގެ ޖަލްސާގައި ޕީއެންސީގެ ވިލިމާލެ ދާއިރާގެ މެންބަރު މުހައްމަދު އިސްމާއީލް ވެސް ވަނީ މުއްތަލިބުގެ ދިފާއުގައި ވާހަކަދައްކަވާފައެވެ. އޭނާ ވިދާޅުވީ، މުއްތަލިބުގެ ދަބަހުގައި ހުރީ ހަމައެކަނި ކުޅެން ބޭނުންކުރެއްވި ބޫޓު ކަމަށާއި، މި މައްސަލައިގައި ދައްކަނީ އެއްވެސް ހަގީގަތެއް ނެތް ވާހަކަތަކެއް ކަމަށެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: