ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ކުޑަކުދިންނަށް ޖިންސީ ގޯނާކުރި 20 މީހަކު ގޭބަންދުގައި ތިބި މައްސަލަ މަޖިލީހަށް: ކަމާގުޅޭ އިދާރާތައް ކޮމިޓީއަށް ހާޒިރުކުރަން އެދިއްޖެ

ގަލޮޅު އުތުރު ދާއިރާގެ އެމްޑީޕީ މެމްބަރު މުހައްމަދު އިބްރާހިމް (ކުޑޫ)/ ފޮޓޯ: މަޖިލިސް
ޝެއާރކޮށްލާ ކަހަލަދޯ؟

ޗައިލްޑް އެންޑް ފެމިލީ ޕްރޮޓެކްޝަން ސާވިސް (ސީއެފްޕީއެސް) އިން ޝާއިއުކުރާ ކުޑަކުދިންނަށް ޖިންސީ ގޯނާކުރާ މީހުންގެ ދަފްތަރުގައި ހިމެނޭ 20 މީހަކު ގޭބަންދުގައި ތިބި މައްސަލަ ބަލައި، ކަމާގުޅޭ ދައުލަތުގެ އިދާރާތައް ރައްޔިތުންގެ މަޖިލީހުގެ ކޮމިޓީއަށް ހާޒިރުކޮށްދިނުމަށް ގަލޮޅު އުތުރު ދާއިރާގެ މެންބަރު މުހައްމަދު އިބްރާހިމް (ކުޑޫ) އެދިވަޑައިގެންފިއެވެ.

މި މައްސަލައާ ގުޅިގެން ރައްޔިތުންގެ މަޖިލީހުގެ ރައީސް އަބްދުއްރަހީމް އަބްދުﷲ އަށް މެންބަރު ވަނީ ރަސްމީކޮށް ސިޓީއެއް ފޮނުއްވާފައެވެ.

މެންބަރު ކުޑޫ ފޮނުއްވި ސިޓީގައި ފާހަގަކުރައްވާފައިވާ ގޮތުގައި، ކުޑަކުދިންނަށް ޖިންސީ ގޯނާކުރާ މީހުންގެ ދަފުތަރުގައި ހިމެނޭ ބަޔަކު މުޖުތަމައު ތެރޭގައި ގޭބަންދުގައި ތިބުމަކީ ކުޑަކުދިންގެ ރައްކާތެރިކަމާ ސީދާ ގުޅިފައިވާ، އާންމު ރައްޔިތުންގެ ބޮޑު ކަންބޮޑުވުމެއް އޮތް ނާޒުކު މައްސަލައެކެވެ. އެހެންކަމުން، މިކަމުގެ ހަގީގަތާއި ތަފްސީލު މަޖިލީހުން ހޯދައި، ކުޑަކުދިންގެ ރައްކާތެރިކަން ކަށަވަރުކުރުމަށް އަޅަންޖެހޭ އަވަސް ފިޔަވަޅުތައް އަޅަން ޖެހޭ ކަމަށް އޭނާ ވިދާޅުވިއެވެ.

މެންބަރުގެ ސިޓީގައި ބަޔާންކުރައްވާފައިވަނީ ކުޑަކުދިންނަށް ޖިންސީ ގޯނާކުރާ މީހުންނާ މެދު ހާއްސަ އުސޫލުތަކަކަށް އަމަލުކުރުމުގެ ގާނޫނުގެ ދަށުން، އެފަދަ ކުށްވެރިންގެ މައްޗަށް ކަފާލާތުގެ އުސޫލެއް ނުވަތަ ޕެރޯލްގެ އުސޫލެއް ނުހިނގާނެ ކަމަށް ސާފުކޮށް ބަޔާންކޮށްފައިވާ ކަމެވެ. މި ގާނޫނުތަކުގެ އަސާސީ މަގުސަދަކީ ކުށް ސާބިތުވާ ފަރާތްތައް އެމީހުންގެ ހުކުމް ފުރިހަމަވަންދެން ޖަލުގައި ބަންދުކޮށްފައި ބޭތިއްބުމާއި، ކުށުގެ ޝިކާރައަކަށް ވެދާނެ ކުޑަކުދިން އެފަދަ ކުށްވެރިންގެ ނުރައްކަލުން ދުރުކޮށް ރައްކާތެރިކުރުން ކަމަށް ކުޑޫ ފާހަގަކުރެއްވިއެވެ.

އެހެންކަމުން، ގާނޫނުގައި އެފަދައިން ބަޔާންކޮށްފައި ވަނިކޮށް، ޖަލު ހުކުމް ތަންފީޒުކުރަމުންދާ މިފަދަ ބަޔަކު ޖަލުން ގޭބަންދަށް ބަދަލުކުރެވުނީ ކޮން އުސޫލަކުން އަދި ކޮން ގާނޫނީ ހަމައަކުންތޯ ސާފުކުރުމަކީ ކޮންމެހެން ކުރަންޖެހޭ ކަމެއް ކަމަށް އޭނާ ވިދާޅުވިއެވެ.

މި މައްސަލައިގައި ދައުލަތުގެ ކަމާބެހޭ އިދާރާތަކުން ޖަވާބުދާރީވާންޖެހޭ މުހިންމު ކަންތައްތަކެއް ހުރިކަން ފާހަގަކުރައްވައި، ކަމާގުޅޭ ޒިންމާދާރު ފަރާތްތައް މަޖިލީހުގެ ކޮމިޓީއަށް ހާޒިރުކޮށް ކަންކަން އޮޅުންފިލުވައިދިނުމަށް މެންބަރު އެދިވަޑައިގެންފައިވެއެވެ:

  • ގާނޫނީ ހަމަތައް ދެނެގަތުން: ދަފްތަރުގައި ހިމެނޭ މީހުން ޖަލުން ގޭބަންދަށް ބަދަލުކުރީ ކޮން ގާނޫނެއް ނުވަތަ ގަވާއިދެއްގެ ދަށުން، ކޮން ފަރާތެއްގެ ނިންމުމަކުންތޯ ބެލުން.
  • ބަލަހައްޓާ ނިޒާމާއި ޝަރުތުތައް: ގޭބަންދުގައި ތިބުމަށް އެމީހުންނަށް ކަނޑައަޅާފައިވާ ޝަރުތުތަކަކީ ކޮބައިކަމާއި، އެ ޝަރުތުތަކަށް އެ ފަރާތްތަކުން އަމަލުކުރޭތޯ މޮނިޓާކޮށް ބަލަހައްޓަނީ ކޮން އިދާރާއަކުންތޯ ދެނެގަތުން.
  • މުޖުތަމައުގެ ރައްކާތެރިކަން: އެފަދަ މީހުން ތިބި ގެތަކާއި ރަށްރަށުގައި ތިބި ކުޑަކުދިންގެ ރައްކާތެރިކަން ކަށަވަރުކުރުމަށް އެޅި ފިޔަވަޅުތަކަކީ ކޮބައިކަން ބެލުމާއި، އެމީހުން ބަންދުކުރެވިފައިވާ ރަށްރަށުގެ ކައުންސިލްތަކަށާއި އަދި ކަމާގުޅޭ ބެލެނިވެރިންނަށް އެ މައުލޫމާތު ދުރާލާ ހިއްސާކޮށްފައިވޭތޯ ސާފުކުރުން.
  • ޓެކްނޮލޮޖީ ބޭނުންކުރުމާއި ސިޔާސަތު: އެ މީހުންގެ ހަރަކާތްތައް ބެލެހެއްޓުމަށް އިލެކްޓްރޯނިކް ޓެގް އަޅުވައި މޮނިޓާކުރާ ނިޒާމެއް ގާއިމުކޮށްފައިވޭތޯ ބެލުމާއި، މިފަދަ ކަންކަމުގައި ކަމާބެހޭ ވުޒާރާއިން ގެންގުޅޭ ސިޔާސަތަކީ ކޮބައިކަން ސާފުކުރުން.
  • އަނބުރާ ޖަލަށް ބަދަލުކުރުން: އެ މީހުން އަނބުރާ ޖަލުގެ ބަންދަށް ގެންދިއުމަށްޓަކައި މިހާރު ކުރެވެމުންދާ މަސައްކަތްތަކަކީ ކޮބައިކަން އޮޅުންފިލުވުން.

މެންބަރު ކުޑޫގެ ސިޓީ ނިންމަވާލައްވަމުން ބާރުއަޅުއްވާފައިވަނީ، މި މައްސަލައަކީ މުޅި މުޖުތަމައުގެ އަދި ހާއްސަކޮށް ކުޑަކުދިންގެ ރައްކާތެރިކަމާ ސީދާ ގުޅިފައިވާ ނާޒުކު މައްސަލައަކަށް ވާތީ، ލަސްނުކޮށް މިކަމަށް އަވަސް އަދި ހަރުދަނާ ހައްލެއް ހޯދައިދިނުމަށެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: