ކުރިއަށް އޮތް 2028ގެ ރިޔާސީ އިންތިހާބަށް ޕީއެންސީން އަދާލަތު ޕާޓީއާއިއެކުގައި މަސައްކަތް ކުރަން އެއްބަސްވުމުގައި ސޮއިކޮށްފިއެވެ.
ބާސެލޯ ނަސަންދުރާގައި ބޭއްވި މި ރަސްމިއްޔާތުގައި ޕީއެންސީގެ ރައީސް، ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ވަނީ ބައިވެރިވެވަޑައިގެންފައެވެ. މި ރަސްމިއްޔާތުގައި ކޯލިޝަންހެދުމުގެ އެއްބަސްވުމުގައި ސޮއި ކުރެއްވީ އަދާލަތު ޕާޓީގެ ފަރާތުން އެޕާޓީގެ ރައީސް މުހައްމަދު ޝިފާނެވެ. އަދި ޕީއެންސީގެ ފަރާތުން ސޮއި ކުރެއްވީ އެ ޕާޓީގެ ޗެއާޕާސަން އަބްދުއްރަހީމް އަބްދުﷲއެވެ.
ޕީއެންސީއާއިއެކު ކޯލިޝަން ހެދުމަށް ނިންމިކަން އަދާލަތުޕާޓީން އިއުލާނުކުރީ އިއްޔެގެ ވަގުތެއްގައެވެ. ބަޔާނެއް ނެރެ އެ ޕާޓީން ބުނެފައިވަނީ ރައީސް ޑރ. މުޙައްމަދު މުޢިއްޒުގެ ވެރިކަމުގައި އިސްލާމްދީނުގެ ކަންކަން ހަރުދަނާކުރުމަށާއި، ޤައުމުގެ ސިޔާދަތާއި މިނިވަންކަން ދިފާޢުކުރުމަށް އަދި އިޤްތިޞާދު ރަނގަޅުކުރުމަށް ކުރައްވަމުން ގެންދަވާ މަސައްކަތްތައް އިތުރަށް ވަރުގަދަކުރުމަށް ސިޔާސީ ފަރާތްތަކުގެ އެއްބާރުލުމާއި ބައިވެރިވުން ބޭނުންވާކަން ފާހަގަކުރައްވައި، ޕީއެންސީގެ ފަރާތުން ރައީސް މުޢިއްޒު އަދާލަތު ޕާޓީއަށް ދަޢުވަތު ދެއްވާފައިވާ ކަމަށެވެ.
ދީނާއި، ދިވެހިންގެ ޤައުމިއްޔަތާއި ރާއްޖޭގެ މިނިވަންކަމާއި ސިޔާދަތު ރައްކާތެރިކޮށް، އިސްލާމީ ޢަޤީދާއާއި އުޞޫލުތަކަށް ބިނާކޮށް ޤައުމު ކުރިއަރުވައި ތަރައްޤީކުރުމަކީ އެ ޕާޓީ އުފެދިފައިވާ އަސާސީ މަޤްޞަދުކަމަށް އަދާލަތު ޕާޓީން ފާހަގަކުރެއެވެ. އަދި ޤައުމުގެ ސިޔާސީ ހަމަޖެހުން ދެމެހެއްޓުމަށާއި، ޤައުމީ އެއްބައިވަންތަކަން ބަދަހިކޮށް ވަރުގަދަކުރުމަށްޓަކައި އެކުގައި މަސައްކަތްކުރުމަކީ މި ވަގުތު ޤައުމަށް އެންމެ މަޞްލަޙަތު ހުރި ގޮތް ކަމަށް ދެކޭ ކަމަށްވެސް އެ ޕާޓީން ބުނެފައިވެއެވެ.

