މި ގައުމުގެ ހަމަޖެހުމާއި ރައްކާތެރިކަމާއި ތަރައްގީއަށް އޮތް ހަމައެކަނި މަގަކީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒުއަށް 2028 ވަނަ އަހަރުގެ ރިޔާސީ އިންތިހާބު ކާމިޔާބުކޮށްދިނުން ކަމަށް ޕީޕަލްސް ނެޝަނަލް ކޮންގްރެސް (ޕީއެންސީ) ގެ ޗެއާޕާސަން އަބްދުއްރަހީމް އަބްދުﷲ ވިދާޅުވެއްޖެއެވެ.
ޕީއެންސީން އަދާލަތު ޕާޓީއާއެކު ކޯލިޝަން ހެދުމުގެ އެއްބަސްވުމުގައި ސޮއިކުރުމަށް ބޭއްވި ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން އަބްދުއްރަހީމް ވިދާޅުވީ، ޕީއެންސީން ކުރަމުން އަންނަ މަސައްކަތް އިތުރު ބައިވެރިއަކާއެކު މިހާރު އިތުރު ގިއަރަކަށް އަޅުވާފައިވާ ކަމަށެވެ. އަދި ރާއްޖޭގައި ފެހި ގާނޫނުއަސާސީގެ ދަށުން ފުރަތަމަ ފަހަރަށް ދެވަނަ ދައުރެއް ލިބިވަޑައިގަންނަވާ ރައީސްއަކަށް ރައީސް ޑރ. މުއިއްޒު ވެގެންދާނެ ކަމަށާއި، މިހާރު ވެސް ކުރެވެމުންދަނީ އެ މަސައްކަތް ކަމަށް އެމަނިކުފާނު ފާހަގަކުރެއްވިއެވެ.
ރައީސް މުއިއްޒަށް ދެވަނަ ދައުރެއް ހޯދައިދޭންޖެހޭ ސަބަބުތައް ބަޔާންކުރައްވަމުން އަބްދުއްރަހީމް ވިދާޅުވީ، އެއީ ރާއްޖޭގެ މުސްތަގުބަލާއި އިސްތިގުލާލަށްޓަކައި ދަމާފައިވާ ރަތް ރޮނގު ހުރަސްކުރަން އެއްވެސް ބަޔަކަށް ފުރުސަތު ނުދެއްވައި ކުރައްވާ މަސައްކަތްޕުޅުތަކުގެ ސަބަބުން ކަމަށެވެ.
”އެކަން ކުރަން މިޖެހެނީ ދިވެހިރާއްޖޭގެ މުސްތަގުބަލާއި އިސްތިގުލާލަށްޓަކައި އެ ދަންމަވައިލެއްވި ފަލަ ރަތް ރޮނގު ހުރަސް ކުރައްވަން އެއްވެސް ބަޔަކަށް ފުރުސަތު ނުދެއްވައި، ޑިޕްލޮމެސީގެ ރިވެތި އުސޫލުން ހާރިޖީ ގުޅުންތައް ގާއިމް ކުރައްވައި، ދާހިލީ ހަމަޖެހުމަށް ޖާގަ ދެއްވައި، ތަރައްގީއަށް ފުރުސަތު ފަހިކޮށްދެއްވައި، ހަމަޖެހުން ގާއިމް ކޮށްދެއްވަމުން އަދުލުވެރިކަން ކުރިއަށް ނެރުއްވީތީ،“ އަބްދުއްރަހީމް ވިދާޅުވިއެވެ.
އަބްދުއްރަހީމް އިތުރަށް ވިދާޅުވީ ދިވެހި ޒުވާނުންނާއި ހަރުމީހުން އަދި މުޅި ރައްޔިތުންނަށްޓަކައި ވެސް އޮތް ހަމައެކަނި ފުރުސަތަކީ ރައީސް މުއިއްޒަށް ދެވަނަ ދައުރެއް ދިނުން ކަމަށެވެ. އަދި ޕީއެންސީން އަބަދުވެސް އިސްކުރާނީ ގައުމީ މަސްލަހަތު ކަމަށާއި، މިހާރު ޒުވާނުންގެ ވިސްނުމަށް ވެސް ބޮޑެތި ބަދަލުތަކެއް އައިސްފައިވާ ކަމަށް ވިދާޅުވިއެވެ.
މީގެއިތުރުން، އަމިއްލަ އެދުމަށް އިސްކަންދީގެން ގައުމީ މަސްލަހަތު ފަހަތަށް ޖައްސާލައި، ބޭކާރު ގޮތުގައި ވަގުތު ހޭދަކުރެވެން ނެތް ކަމަށް އަބްދުއްރަހީމް ވިދާޅުވިއެވެ. އަދި ހަވާލުވެފައިވާ ޒިންމާތައް އެންމެ ފުރިހަމައަށް އަދާކުރުމުގައްޔާއި، މަތިވެފައިވާ މަސްއޫލިއްޔަތުތަކަށް ރައްކާތެރިވެ ތެދުވެރިކަމާއެކު ދެމިތިބޭނެ ކަމުގެ ޔަގީންކަން ވެސް އެމަނިކުފާނު ދެއްވިއެވެ.

