ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒުގެ ސަރުކާރުގެ ވޭތުވެދިޔަ ތިން އަހަރަކީ ރާއްޖޭގެ އިގްތިސާދީ ހަރަކާތްތައް އެންމެ ބޮޑަށް ހީނަރުވެ، ރައްޔިތުންނަށް އެންމެ ދަތި އުނދަގޫވި ތިން އަހަރުކަމަށް ކުރީގެ ރައީސް އަދި އެމްޑީޕީގެ ޗެއާޕާސަން ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.
އެމަނިކުފާނު މިހެން ވިދާޅުވީ ސަރުކާރަށް ތިން އަހަރު ފުރުމާ ގުޅިގެން ކުރިޔަށް ގެންދާ ކަވަރޭޖުގައި ”ސަންގު ޓީވީ“ އަށް ދެއްވި ހާއްސަ އެކްސްކްލޫސިވް އިންޓަވިއުއެއްގައެވެ.
މި އިންޓަވިއުގައި ރާއްޖޭގެ މިހާރުގެ ހާލަތުގެ މައްޗަށް އަލިއަޅުއްވާލައްވަމުން ރައީސް ނަޝީދު ވިދާޅުވީ، ދާދި ފަހުން އެމަނިކުފާނު ރާއްޖޭގެ 80 ނުވަތަ 90 އާ ގާތްކުރާ އަދަދެއްގެ ރަށްރަށަށް ޒިޔާރަތްކުރެއްވި ކަމަށެވެ. އަދި އެ ދަތުރުފުޅުތަކުން ފެނިވަޑައިގެންނެވި މަންޒަރުތަކަކީ ވަރަށް ހިތާމަވެރި މަންޒަރުތައްކަމަށާއި، ރަށްތަކުގެ އިގްތިދާދު ވަރަށް ބޮޑަށް ދަށަށް ގޮސްފައިވާކަމަށް ވިދާޅުވިއެވެ.
ރައީސް ނަޝީދު ވިދާޅުވީ މަޝްރޫއުތައް ހުއްޓި، ރަށްރަށުގެ އިގްތިސާދީ ހަރަކާތްތައް މަޑުޖެހުމުގެ ސަބަބުން ރައްޔިތުން ވަރަށް ބޮޑަށް މާޔޫސްވެފައިވާ ކަމަށެވެ. އަދި އޭގެ ނަތީޖާއެއްގެ ގޮތުން، ރަށްފަޅުކޮށްފައި އާމްދަނީ ހޯދުމަށާއި ދިރިއުޅުމުގެ ބޭނުމުގައި ގިނަ އަދަދެއްގެ ރައްޔިތުން މާލެ ސަރަހައްދަށް ހިޖުރަކުރަން މަޖުބޫރުވެފައިވާ މަންޒަރު ފެންނަމުންދާކަމަށް އެމަނިކުފާނު ފާހަގަކުރެއްވިއެވެ.
އިގްތިސާދީ ހާލަތާ ގުޅޭގޮތުން ވާހަކަފުޅު ދައްކަވަމުން ރައީސް ނަޝީދު ވިދާޅުވީ، ކޮވިޑް-19 ގެ ދުވަސްވަރު ފިޔަވައި، ރާއްޖޭގެ ޖީޑީޕީ ކުރިއަރާ މިންވަރު ނުވަތަ އިގްތިސާދީ ދުވެލި އެންމެ ދަށްވި ދުވަސްވަރަކީ ވޭތުވެދިޔަ ތިން އަހަރު ކަމަށެވެ. މިއީ ގައުމުގެ އިގްތިސާދަށް ލިބެމުންދާ ވަރަށް ބޮޑު ގެއްލުމެއްގެ ގޮތުގައި އެމަނިކުފާނު ސިފަކުރެއްވިއެވެ. މިކަމުގެ މައިގަނޑު ސަބަބަކީ ދައުލަތުގެ ބޮޑުވަމުން އަންނަ ދަރަނި އަދާކުރުމުގައާއި، ދަރަނި މެނޭޖްކުރުމުގައި ސަރުކާރުގެ ހަރުދަނާ ސިޔާސަތެއް ނެތުންކަމަށް ވެސް ރައީސް ނަޝީދު ތުހުމަތުކުރެއްވިއެވެ.
އައްސަވާލައްވަން ރަނގަޅު ކަންނޭނގެ ވިޔަފާރިވެރިން ކައިރީގައި، ފިހާރަތަކުގެ ވިކުރާއަށް މިދިޔަ ތިން އަހަރު ވީ ކިހިނެއްތޯ؟ ފިހާރަތަކުގެ ވިކުރާ ވަރަށް ބޮޑަށް ދަށަށް ހިނގައްޖެ. އަދި ހަމައެއާއެކު މިދިޔަ ތިން އަހަރު ބާޒާރުގައި ތަކެތީގެ އަގު އިންތިހާއަށް އުފުލިގެން ހިނގައްޖެ
ރައީސް ނަޝީދު ވިދާޅުވީ، 2008 ވަނަ އަހަރު ރާއްޖޭގައި ގިނަ ޕާޓީތައް އެކުލެވޭ ޑިމޮކްރެޓިކް ނިޒާމު ގާއިމުވި ފަހުން ދިވެހިރާއްޖެ ދުށް އެންމެ ތަދުމަޑު، އަދި އިގްތިސާދީ ގޮތުން އެންމެ ހީނަރު ހާލަތަކާ ކުރިމަތިލާން ޖެހިފައިވަނީ ވޭތުވެދިޔަ މި ތިން އަހަރު ދުވަހުގެ ތެރޭގައި ކަމަށެވެ.

