ކުޑަކުއްޖަކަށް ޖިންސީ ގޯނާކުރި ކަމުގެ ތުހުމަތުގައި ކުރީގެ ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދު ހައްޔަރުކޮށް ބަންދުކުރަން ކުރި އަމުރުގެ އިސްއުނާފު މައްސަލައިގެ އަޑުއެހުންތައް ހައިކޯޓުން ނިންމާލައިފިއެވެ.
ކްރިމިނަލް ކޯޓުން ނެރުނު އަމުރެއްގެ ދަށުން މި މަހުގެ ކުރީކޮޅު ޝާހިދު ހައްޔަރުކޮށް، އޭނާގެ ބަންދާމެދު ގޮތެއް ނިންމުމަށް ކޯޓަށް ހާޒިރުކުރުމުން ވަނީ 30 ދުވަހުގެ މުއްދަތެއް ދީފައެވެ.
އެ އަމުރު ބާތިލުކުރުމަށް އެދި ޝާހިދުގެ ފަރާތްޕުޅުން ހައި ކޯޓުގައި އިސްތިއުނާފު ކުރުމުން، މައްސަލައިގެ އަޑުއެހުންތައް މިއަދު ކުރިއަށް ގެންދިއުމަށްފަހު ފަނޑިޔާރުންގެ ބެންޗުން މިއަދު ވަނީ މައްސަލައިގެ އަޑުއެހުންތައް ނިންމަވާލައްވާފައެވެ.
އަޑުއެހުންތައް ނިންމަވާލައްވަމުން ފަނޑިޔާރުންގެ ބެންޗުން އިއުލާނު ކުރެއްވީ، އިތުރު ކަމެއް ސާފުކުރަން ނުޖެހޭނަމަ ދެން އޮންނާނީ މި މައްސަލައިގައި ހައި ކޯޓުން ހުކުމް އިއްވުމުގެ އަޑުއެހުން ކަމަށެވެ.
އދ. ގެ އާންމު މަޖިލީހުގެ ރައީސްކަން ވެސް ކުރައްވާފައިވާ 64 އަހަރުގެ ޝާހިދު ފުލުހުންގެ ބެލުމުގެ ދަށަށް ގެންދިޔައީ މި މަހުގެ ކުރީކޮޅު އެވެ.
މައްސަލައިގައި ފުލުހުން އާންމު ކުރި ވަރަށް ކުރު ބަޔާނެއްގައި ބުނީ ޝާހިދު ހައްޔަރު ކުރީ އުމުރުން 18 އަހަރުން ދަށުގެ ކުއްޖަކަށް ޖިންސީ ގޯނާ ކުރިިކަމުގެ ތުހުމަތަށް ކަމަށެވެ.
މިފަދަ ތުހުމަތުތަކެއް ކުރެވި ޝާހިދު ހައްޔަރު ކުރަން އުޅޭކަމުގެ އަޑުތައް ފެތުރި، އޭނާ ހައްޔަރު ކުރަން އުޅޭކަމަށް މީޑިއާތަކުގައި ރިޕޯޓު ކުރި އެވެ. މައްސަލައިގައި އެރޭ ޕޯސްޓެއް ކުރައްވައި ޝާހިދު ވިދާޅުވެފައިވަނީ، މިއީ އޭނާގެ އަބުރު ކަތިލުމަށްޓަކައި ސިޔާސީ މަގުސަދެއްގައި ފަތުރަމުންދާ އެއްވެސް އަސްލެއް ނެތް ދޮގު ވާހަކަތަކެއް ކަމަށެވެ.
ޝާހިދު އެ ޕޯސްޓު ކުރީ، އޭނާ ހައްޔަރު ކުރުމަށް ފުލުހުން ކޯޓު އަމުރެއް ހޯދާފައިވާކަމަށާއި، ފުލުހުން ތިބީ ވެސް ޝާހިދު ހުޅުމާލޭގައި ދިރިއުޅޭ ގޭގައިކަމަށް ސޯޝަލް މީޑީއާގައި ދެކެވެން ފެށުމުންނެވެ.
2028 ގެ ރިޔާސީ އިންތިހާބުގައި އެމްޑީޕީގެ ރިޔާސީ ޓިކެޓަށް ޝައުގުވެރިކަން ފާޅުކުރައްވައި ކެމްޕޭން ކުރައްވަމުން ގެންދަވަނިކޮށް، ޝާހިދު ހައްޔަރު ކުރުމުން އޭނާއަށް ތާއީދު ކުރާ ފަރާތްތަކުން ދިފާއުކޮށް ވާހަކަ ވެސް ދައްކާފައި ވެއެވެ.

