ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ރައްޔިތުން އުންމީދުކޮށްގެން ތިބި އިގްތިސާދީ ކުރިއެރުން ބަޖެޓުން ފެންނަން ނެތް: އަބްދުﷲ ސާދިގު

ހިތަދޫ އުތުރު ދާއިރާގެ ރައްޔިތުންގެ މަޖިލީހުގެ މެމްބަރު އަބްދުﷲ ސާދިގު
ޝެއާރކޮށްލާ ކަހަލަދޯ؟

ދައުލަތުގެ ބަޖެޓަކީ ރައްޔިތުންގެ މަޖިލީހަށް ހުށަހެޅޭ، ރައްޔިތުންނަށް ޖަވާބުދާރީވާންޖެހޭ އެންމެ މުހިންމު އެއް ގާނޫނީ ލިޔުން ކަމަށާއި ނަމަވެސް ރައްޔިތުން އުންމީދުކޮށްގެން ތިބި އިގްތިސާދީ ކުރިއެރުން މި ބަޖެޓުން ފެންނަން ނެތް ކަމަށް ރައްޔިތުންގެ މަޖިލީހުގެ ހިތަދޫ އުތުރު ދާއިރާގެ މެމްބަރު އަބްދުﷲ ސާދިގު ވިދާޅުވެއްޖެއެވެ.

ދައުލަތުގެ ބަޖެޓުގެ ބަހުސްގައި ވާހަކަދައްކަވަމުން މެމްބަރު ވިދާޅުވީ، ރައްޔިތުން އުންމީދުކޮށްގެން ތިބި އިގްތިސާދީ ކުރިއެރުން މި ބަޖެޓުން ފެންނަން ނެތް ކަމަށެވެ އަދި ރަށްރަށުގެ ވަކިވަކި މަޝްރޫއުތަކަށް ކަނޑައެޅުނީ ކިހާވަރެއް ކަން އެނގެން ނެތުމުން، މިއީ ސިއްރު ވަންހަނާ ވެފައި އޮތް ބަޖެޓެއްގެ ގޮތުގައި އޭނާ ސިފަކުރެއްވިއެވެ.

ހާއްސަކޮށް، 100 ދުވަހުގެ ތެރޭގައި އަޅަން ވިދާޅުވި އައްޑޫ ބްރިޖުގެ ވާހަކައެއް މި ބަޖެޓުން ފެންނަން ނެތް ކަމަށާއި، ދައުލަތުގެ މާލިއްޔަތު ތަން ނުދޭތީ އައްޑޫ ބްރިޖު އެޅެން ނެތް ކަމަށް ފާއިތުވި އޮގަސްޓު މަހު މިނިސްޓަރު މުއްޠަލިބު ވިދާޅުވެފައިވާކަން ވެސް މެމްބަރު ފާހަގަކުރެއްވިއެވެ.

މީގެއިތުރުން، މިއީ ދައުލަތުގެ އާމްދަނީން ހަރަދު ހަމަނުޖެހި ދަރަނި އިތުރަށް ބޮޑުވާ ބަޖެޓެއްކަން ފާހަގަކުރައްވައި، ބަޖެޓު ފާސްކުރާއިރު ފާއިތުވި ތިން އަހަރު އަދި ހާއްސަކޮށް މިދިޔަ އަހަރުގެ ބަޖެޓަށް ވީގޮތާއި، ރަށްރަށަށް ކޮށްދެވުނީ ކޮން ކަމެއްތޯ ބަލަންޖެހޭ ކަމަށް އަބްދުﷲ ސާދިގު ވިދާޅުވިއެވެ.

އެގޮތުން ފާއިތުވި އަހަރުގެ ޕީއެސްއައިޕީގެ 3.8 ބިލިއަން ރުފިޔާގެ ބަޖެޓު އަހަރު ނިމުނުއިރު 6.5 ބިލިއަނަށް އަރައި، 1.7 ބިލިއަން ރުފިޔާއަށް ވީގޮތެއް ފެންނަން ނެތް ކަމަށް އޭނާ ވިދާޅުވިއެވެ.

އަދި މިހާ ބޮޑު ހޭދައެއް ވީއިރުވެސް ރަށްރަށުގެ ކަންކަން ހަމަނުޖެހި، ރަށުގެ އާ ސްކޫލުގެ މަލްޓިޕާޕަސް ހޯލް ފަދަ އަސާސީ ކަންކަން އަންނަ އަހަރު އަންނާނެތޯ ބައެއް ބޭފުޅުން އަދިވެސް އުންމީދުގައި ތިއްބަވައިގެން ސުވާލު އުފައްދަވަމުން ގެންދަވާ ކަމަށް ވިދާޅުވެ، މެމްބަރު ވަނީ ކަންބޮޑުވުން ފާޅުކުރައްވާފައެވެ.

އައްޑޫގެ އަސާސީ ޚިދުމަތްތަކުގެ ހާލަތަށް އިޝާރާތްކުރައްވައި މެމްބަރު ވިދާޅުވީ، އެމްޑަބްލިޔުއެސްސީއާ ފެނުގެ މަސައްކަތް އަދި ސްޓެލްކޯއާ ކަރަންޓުގެ މަސައްކަތް މި އަހަރު ހަވާލުކުރި ނަމަވެސް އެ މައްސަލަތަކަށް ހައްލެއް ނުލިބޭ ކަމަށެވެ. އަދިވެސް ރައްޔިތުން ތިބީ ފެނަށް ޖެހިފައި ކަމަށާއި، ބަޖެޓުން ކުރަން ހުރި މަސައްކަތްތައް ހުއްޓި، އައު ބަޖެޓުގައިވެސް އެކަން ހިމަނާފައިނުވާކަމަށް އޭނާ ވިދާޅުވިއެވެ.

ހަމައެއާއެކު، ބޯހިޔާވަހިކަމުގެ ބަޖެޓެއްގެ ގޮތުގައި ފާސްކުރި 1.6 ބިލިއަން ރުފިޔާއިން އަހަރު ނިމޭއިރު ހޭދަކުރެވުނީ 600 މިލިއަން ރުފިޔާކަން ފާހަގަކުރައްވައި، ހިތަދޫގައި އެޅުމަށް ކަނޑައެޅި 200 ފްލެޓުގެ 10 ބުރީގެ އިމާރާތްތަކުގެ މަސައްކަތް ކުރިއަށް ނުގޮސް، ވަށައިގެން ޖެހި ޓިނު ފެންސުން ވެސް މައްޗަށް ނާރާ ކަމަށް ވިދާޅުވިއެވެ. އަދި އަންނަ އަހަރުގެ ބަޖެޓު ފޮތުން އެ ފްލެޓްތަކުގެ ވާހަކަ ބަޖެޓުން ފެންނަން ނެތްކަން މެމްބަރު ފާހަގަކުރެއްވިއެވެ.

މީގެއިތުރުން، ކައުންސިލް އިންތިޚާބާ ދިމާކޮށް ބިންގާ އެޅި ޕޮލިސް ސްޓޭޝަނާއި ލައިބްރަރީގެ މަސައްކަތް ހުއްޓިފައިވާ ކަމަށާއި، ހިތަދޫ ޕޮލިސް އެކޮމޮޑޭޝަން އިމާރާތާއި އައުޓްޑޯ ޖިމް ނިމިފައިވީ ނަމަވެސް، އިސްލާމީ މަރުކަޒާއި، ޖަސްޓިސް ބިލްޑިންގ، އިމިގްރޭޝަން ބިލްޑިންގ އަދި ހިތަދޫ ބަނދަރުގެ މަސައްކަތް އޮތީ ހުއްޓިފައި ކަމަށް އޭނާ ވިދާޅުވިއެވެ. އަދި ހުޅުދޫ މިފްކޯ ބަނދަރު ނުނިމި އޮތުމުން ކޯލްޑް ޗެއިން މެދުކެނޑި، ތައިލެންޑަށް މަސް ބޭރުކުރަނީ އަނގަމަތި ދޯނީގައި ބޯޓަށް އަރުވައިގެން ކަމަށާއި، އޭގެ ސަބަބުން މަހުގެ އަގު އުފުލި އިތުރު ޚަރަދުތައް ހިނގަމުންދާ ކަމަށް މެމްބަރު ފާހަގަކުރެއްވިއެވެ.

އައްޑޫގެ އިޤްތިޞާދީ ހާލަތާ ގުޅޭގޮތުން ވާހަކަދައްކަވަމުން އޭނާ ވިދާޅުވީ، ރިޒޯޓު ހަދަން ހިއްކި ބިންތައް ކައުންސިލްގެ އިޚްތިޞާޞުން ވަކިކުރި ނަމަވެސް އެންމެ ހޮޓަލެއްވެސް ނޭޅޭ ކަމަށެވެ. އަދި ކުރިން ހިނގި ތިން ރިޒޯޓުގެ ތެރެއިން މިހާރު ހިންގަނީ އެންމެ ރިޒޯޓެއް ކަމަށާއި، ގަމުގެ ސިޓީ ހޮޓާ ވެސް ބަންދުވާނީ ކޮން އިރަކު ކަމެއް ނޭނގޭ ހާލަތުގައި އޮތް ކަމަށް ވިދާޅުވިއެވެ. ލިންކް ރޯޑުގެ މަސައްކަތް ރޯޑް ކޯޕަރޭޝަނާ ހަވާލުކޮށްފައި އޮތް ނަމަވެސް، މަގުގެ ވަޅުގަނޑުތަކަށް ވެލިއެޅުން ފިޔަވާ ކަމެއް ނުވެ، އުޅަނދުތަކަށާއި ދަތުރުކުރާ އާންމުންގެ މައިބަދައަށް ބޮޑެތި ގެއްލުންތައް ވަމުންދާ ކަމަށް ވިދާޅުވިއެވެ.

އައްޑޫ އިންޓަނޭޝަނަލް އެއާޕޯޓަކީ ދެކުނުގެ މައި ދޮރޯށި ކަމަށްވާއިރު، އިންޑިއާގެ އެލްއޯސީގެ ދަށުން ކުރިއަށްދާ 450 މިލިއަން ރުފިޔާގެ އެ މަޝްރޫޢުގެ ބޮޑުބައި ނިމިފައިވާ ކަމަށް މެމްބަރު ވިދާޅުވިއެވެ. ނަމަވެސް، ޓާމިނަލަށް ބޭނުންވާ މެޝިނަރީއާއި އާލާތްތައް ހޯދުމަށާއި، އައު ޓާމިނަލާއި ބާ ޓާމިނަލް ގުޅުވާލުމަށް ބޭނުންވާ ޚަރަދު އަންނަ އަހަރުގެ ބަޖެޓުގައި ހިމަނާފައި ނުވާކަމަށް ވިދާޅުވެ މެމްބަރު ވަނީ ކަންބޮޑުވުން ފާޅުކުރައްވާފައެވެ.

އައްޑޫ އެއާޕޯޓުގެ ހާލަތު ބަޔާންކުރައްވަމުން މެމްބަރު ވިދާޅުވީ، އިންޖީނުގޭގައި ކަރަންޓު ދޭނެ ޓްރާންސްފޯމަރެއް ނެތުމުގެ ސަބަބުން އެއާޕޯޓުގެ އިންޓަނޭޝަނަލް އަދި ޑޮމެސްޓިކް އެރައިވަލް އާއި ޑިޕާޗާ އެއް ހޯލެއްގައި ތޮއްޖެހި، ވަގުތީ އިންތިޒާމުތައް ދާއިމީވެފައިވާ ކަމަށެވެ. އަދި މި ޕްރޮޖެކްޓް ނުނިމި ލަސްވާ ކޮންމެ ދުވަހަކީ މަޖިލިސް މެމްބަރުންނާއި އާންމު ދަތުރުވެރިން ބޮޑެތި ތަކުލީފުތަކެއް އުފުލަންޖެހޭ ދުވަހެއްކަން އޭނާ ފާހަގަކުރެއްވިއެވެ.

ޖުމްލަގޮތެއްގައި އޭނާވަނީ 2027 ވަނަ އަހަރަށް ކަނޑައަޅާފައިވާ ބަޖެޓުން ރައްޔިތުން އުންމީދުކޮށްގެން ތިބި އިގްތިސާދީ ކުރިއެރުން ބަޖެޓުން ފެންނަން ނެތް ކަމަށް ވިދާޅުވެ ކަންބޮޑުވުން ފާޅުކޮށްފައެވެ. އަދި މިއީ ރައްޔިތުންނަށް އޮޅުވާލައިފައިވާ ބަޖެޓެއްކަމަށް އޭނާ ވިދާޅުވިއެވެ.

 

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: