ރަސްމާލޭގައި ކުރިއަށްގެންދަން ރާވާފައިވާ އީގަލް ހިލްސްގެ މަޝްރޫއަށް ގާނޫނީ ހައިސިއްޔަތު ހޯދައިދިނުމުގެ ގޮތުން ސަރުކާރުން ހުށަހެޅި ރިއަލް އެސްޓޭޓް ޑިވެލޮޕްމަންޓް ބިލުގެ އިތުރުން، އިތުރު ތިން ބިލެއްގެ ބަހުސް މަރުހަލާ ނިންމައި ރައްޔިތުންގެ މަޖިލީހުން އެ ބިލުތައް އިތުރަށް ދިރާސާކުރުމަށް ކޮމިޓީތަކަށް ފޮނުވައިފިއެވެ.
މިދިޔަ ހަފުތާގައި ސަރުކާރުން މަޖިލީހަށް ހުށަހެޅި މި ބިލުތަކުގެ ތެރޭގައި ރިއަލް އެސްޓޭޓް ބިލުގެ އިތުރުން ހިމެނެނީ އަބުރު ރައްކާތެރިކުރުމުގެ ބިލާއި، އިމިގްރޭޝަނާ ބެހޭ ބިލު އަދި މަރުގެ އަދަބު ކަނޑައެޅުމާއި އެ އަދަބު ތަންފީޒުކުރުމާ ބެހޭ ބިލެކެވެ. މި ބިލުތަކުގެ ބަހުސް ދިގުލައިގެން ދިއުމާ ގުޅިގެން ޖަލްސާގެ ވަގުތު އިތުރުކޮށް މިއަދުގެ ހަވީރާއި ހަމައަށް ޖަލްސާ ކުރިޔަށް ގެންދިޔަ އެވެ. އަދި، ހުރިހާ ބިލެއްގެ ބަހުސް ނިންމާލެވުނީ ހަވީރު 5:30 ހާއިރުއެވެ.
ބަހުސް ނިންމައި ބިލުތައް ބަލައިގަތުމަށް ނެގި ވޯޓުގައި، ރިއަލް އެސްޓޭޓް ބިލު ކޮމިޓީއަށް ފޮނުވަން ފާސްވެފައި ވަނީ 42 މެންބަރުންގެ ވޯޓުންނެވެ. އެ ބިލާ ދެކޮޅަށް އިދިކޮޅު އެމްޑީޕީގެ 13 މެންބަރަކު ވޯޓު ދެއްވި ނަމަވެސް، ވެރިކަންކުރާ ޕީއެންސީގެ 41 މެންބަރުންނާއި އެމްޑީއޭގެ މެންބަރު މުހައްމަދު އައްބާސް ވަނީ ބިލު ބަލައިގަތުމަށް ވޯޓު ދީފަ އެވެ.
އަބުރުގެ ބިލު 44 މެންބަރުންގެ ވޯޓުން ފާސްވިއިރު، އެ ބިލާ ދެކޮޅަށް އެމްޑީޕީގެ ހަތަރު މެންބަރަކު އަދި ވަކިކޮޅަކަށް ވޯޓު ނުދެއްވައި އެ ޕާޓީގެ ހަތް މެންބަރަކު ތިއްބެވިއެވެ.
މީގެ އިތުރުން އިމިގްރޭޝަން ބިލު 52 މެންބަރުންގެ ވޯޓުން ކޮމިޓީއަށް ފޮނުވިއިރު، ދެކޮޅަށް ވޯޓު ދެއްވި ހަމައެކަނި މެންބަރަކީ ކެންދޫ ދާއިރާގެ މެންބަރު މައުރޫފް ޒާކިރެވެ. އަދި މަރުގެ އަދަބާ ގުޅޭ ބިލު ބަލައިގަތުމަށް އެމްޑީޕީގެ މެންބަރުންނާއެކު ޖުމްލަ 56 މެންބަރުން ވަނީ ވޯޓު ދެއްވާފައެވެ.
މަޖިލީހުގައި ޕީއެންސީގެ ބޮޑު އަޣުލަބިއްޔަތެއް އޮތް ނަމަވެސް، މިއަދުގެ ޖަލްސާއަށް ހާޒިރުވި ބައެއް މެންބަރުން ވޯޓުލީ ވަގުތު ތަޅުމުގައި ހާޒިރުވެ ނެތެވެ. ކޮމިޓީ މަރުހަލާގައި މި ބިލުތަކަށް ގެންނަންޖެހޭ އިސްލާހުތައް ގެނައުމަށްފަހު، ކުރު މުއްދަތެއްގެ ތެރޭގައި ބިލުތައް ފާސްކުރާނެކަމަށް ބެލެވެ އެވެ.
މިއަދުގެ ޖަލްސާގައި 2027 އަށް ލަފާކުރާ ދައުލަތުގެ ބަޖެޓުގެ ބަހުސް ވެސް އެއްކޮށް ވަނީ ނިންމާލާފަ އެވެ.

