ރިއަލް އެސްޓޭޓް ގާނޫނެއް ހަދަން ސަރުކާރުގެ ފަރާތުން ހުށަހަޅާފައިވާ ބިލަށް ސިޔާސީ ޕާޓީތަކާއި ޖަމިއްޔާ ޖަމާއަތްތަކުގެ ހިޔާލު ހޯދަން ރައްޔިތުންގެ މަޖިލީހުގެ ގައުމީ ތަރައްގީއާއި ތަރިކައިގެ ކޮމިޓީއަށް ހާޒިރުކުރަން އެ ކޮމިޓީން މިއަދު ނިންމައިފިއެވެ.
ރިއަލް އެސްޓޭޓް ބިލަށް ޕާޓީތަކާއި ޖަމިއްޔާ ޖަމާއަތްތަކުގެ ހިޔާލު ހޯދަން، ގައުމީ ތަރައްގީއާއި ތަރިކައިގެ ކޮމިޓީން ބޭއްވި ބައްދަލުވުމުގައި ހުށައެޅުއްވީ އެ ކޮމިޓީގެ މުގައްރިރު ބާރަށު ދާއިރާގެ މެމްބަރު އިބްރާހިމް ޝުޖާއުއެވެ. އެ ހުށަހެޅުން ފާސްކުރީ އެ ބައްދަލުވުމުގައި ބައިވެރިވެވަޑައިގެންނެވި މެންބަރުންގެ އިއްތިފާގުންނެވެ.
އެ ބިލަށް ޕާޓީތަކާއި ޖަމިއްޔާ ޖަމާއަތްތަކުގެ ހިޔާލު ހޯދަން، ފުރަތަމަ ހުށަހެޅުއްވީ ތޮއްޑޫ ދާއިރާގެ އެމްޑީޕީ މެންބަރު ހުސައިން ސަމީރެވެ. ކޮމިޓީން މިދިޔަ ބުރާސްފަތި ދުވަހު ބޭއްވި ބައްދަލުވުމުގައި ސަމީރު އެގޮތަށް ހުށަހެޅުއްވި ނަމަވެސް އެ ހުށަހެޅުމަށް އެއްވެސް މެންބަރަކު ތާއީދު ނުކުރެއްވުމުން އެ ދުވަހު ވޯޓަކަށް ނާހައެވެ.
މިއަދުގެ ބައްދަލުވުމުގައި ޝުޖާއު ވިދާޅުވީ ކޮމިޓީގެ މައްސަކަތް ކުރިއަށް ގެންދާނީ މައިނޯރިޓީއަށް އިހުތިރާމްކޮށްގެން ކަމަށާއި މިހާރުގެ މަޖިލީހަކީ އެކަމުގައި މިސާލު ދައްކަމުން ގެންދާ މަޖިލީހެއް ކަމަށެވެ.
ޝުޖާއުގެ ހުށަހެޅުމާ އެއްގޮތަށް ވޯޓު ދިން ސަމީރު މިއަދު ވަނީ އެ ބިލު އޮތް ގޮތުން އެއީ ބަލައިގަނެވޭނެ ބިލެއް ނޫން ކަމަށް ވިދާޅުވެ، ބިލު ބޭރުކޮށްލަން ކޮމިޓީގެ ބައްދަލުވުމުގައި އެދިވަޑައިގެންފައެވެ.
ސަރުކާރުގެ ފަރާތުން ހެންވޭރު އުތުރު ދާއިރާގެ މެންބަރު އަހްމަދު އައިފާން ހުށަހެޅުއްވި ރިއަލް އެސްޓޭޓް ބިލަކީ ރާއްޖޭގައި ރިއަލްއެސްޓޭޓް ދާއިރާ ތަރައްގީކޮށް، އެ ދާއިރާގައި ހިމެނޭ އެންމެހައި މުއާމަލާތްތަކާއި އިޖުރާއާތުތައް ގާނޫނީ އޮނިގަނޑެއްގެ ތެރެއަށް ފެއްތުމަށްޓަކައި އެކުލަވައިލާފައިވާ ބިލެއް ކަމަށް ސަރުކާރުން ބުނެއެވެ.
އެ ބިލުގައި ބޮޑެތި އިންވެސްޓްމަންޓްތަކަށް ހާއްސަކޮށްގެން އިންޓަގްރޭޓެޑް ރިއަލް އެސްޓޭޓް ޒޯނުތައް ކަނޑައަޅައި ކުއްޔަށް ދޫކުރުމުގެ އުސޫލުތައް ބަޔާންކޮށްފައިވެއެވެ. އަދި އެފަދަ ޒޯނެއް ހެދުމަށް ހުއްދަ ދެވޭނެ ހާއްސަ ޝަރުތުތަކެއް ވެސް ބަޔާންކޮށްފައިވެއެވެ.
ބިލުގައިވާ ގޮތުން، ރާއްޖޭގައި ތަރައްގީކުރާ އެއްވެސް ރިއަލް އެސްޓޭޓް ޒޯނެއްގައި އިސްލާމްދީނުގެ އަސްލުތަކާ އަދި ދިވެހިރާއްޖޭގެ ގާނޫނުއަސާސީއާ ހިލާފު އެއްވެސް އަމަލެއް ނުވަތަ ހަރަކާތެއް ހިންގުމުގެ އެއްވެސް ހުއްދައެއް ނޯންނާނެއެވެ. ބިލުގައި ބުނެފައިވާ ގޮތުން ޒޯނުގެ ފަތުރުވެރިކަމުގެ ތަންތަނުގައި ބަނގުރަލާއި އޫރު މަސް މަނާވާނެއެވެ. މީގެ އިތުރުން ފަތުރުވެރިކަމުގެ ހިދުމަތްދޭ ތަންތަނަށް ހުއްދަ ދޫކުރާނީ ވެސް ރާއްޖޭގައި އަމަލުކުރަމުންދާ ޓޫރިޒަމާ ބެހޭ ގާނޫނުގެ ދަށުން ކަމަށް އެ ބިލުގައި ވަނީ ހިމަނައިފައެވެ.

