ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ރަސްމާލެ މައްސަލައިގައި ފެންނަ ނުފެންނަ ވޯޓެއް ނަގަން ހުށަހެޅި މައްސަލަ ކޮމިޓީއަށް

ރަސްމާލެއަށް 20 ބިލިއަން ޑޮލަރުގެ އިންވެސްޓުމެންޓު ގެނައުމަށް ޔޫއޭއީގެ އީގަލް ހިލްސް އާއެކު ކޮންސްޓްރަކްޝަން އެންޑް އިންފްރާސްޓްރަކްޗާ މިނިސްޓްރީ އިން ސޮއިކުރިން (ފޮޓޯ/ކޮންސްޓްރަކްޝަން މިނިސްޓްރީ)
ޝެއާރކޮށްލާ ކަހަލަދޯ؟

ޔޫއޭއީގެ އީގަލް ހިލްސްއާއިއެކު ތަރައްޤީކުރުމަށް ހަމަޖެހިފައިވާ ”މޯލްޑިވްސް ވޯޓާފްރަންޓް އެންޑް މެރީނާ“ މަޝްރޫއުއަށް ރަސްމާލޭގެ އީގަލް ހިލްސްއަށް ދޫކޮށްލަން އުޅޭ މައްސަލައިގައި ރައްޔިތުންގެ ފެންނަ ނުފެންނަ ވޯޓެއް ނަގަން އިދިކޮޅު އެމްޑީޕީން ހުށަހެޅި މައްސަލަ މަޖިލީހުގެ ރައީސްގެ މޭޒުން މާލިއްޔަތު ކޮމިޓީއަށް މިއަދު ފޮނުވައިފިއެވެ.

އެ މައްސަލައިގައި ފެންނަ ނުފެންނަ ވޯޓެއް ނަގަން ގޮވާލައި މައްސަލައެއް ހުށަހެޅުއްވީ ރައްޔިތުންގެ މަޖިލީހުގެ ހިތަދޫ ދެކުނު ދާއިރާގެ މެމްބަރު އަދި އެމްޑީޕީގެ ޕާލަމެންޓަރީ ގްރޫޕުގެ ރައީސް އިބްރާހިމް ނާޒިލްއެވެ. އެ މައްސަލަ މަޖިލީހަށް ވެއްދީ ނޮވެމްބަރު މަހުގެ ދެވަނަ ދުވަހުއެވެ.

އެ މައްސަލަ މާލިއްޔަތު ކޮމިޓީއަށް ފޮނުވިކަން އިއުލާނުކުރެއްވީ މަޖިލީހުގެ ރައީސް އަބްދުއްރަހީމް އަބްދުﷲ، މިއަދުގެ ޖަލްސާ ފެށްޓެވި ވަގުތެވެ.

ރައްޔިތުންގެ ހިޔާލު ހޯދުމުގެ އާންމު ވޯޓު ނެގުމުގެ ގާނޫނުގެ ތިންވަނަ މާއްދާގައި ބަޔާންކޮށްފައި އޮންނަނީ މަޖިލީހަށް ލިބިގެންވާ ގާނޫނު ހެދުމުގެ ބާރުގެ ތެރެއިން ކަމެއް ނިންމުމުގައި އާންމު ރައްޔިތުންގެ ހިޔާލު ހޯދުން މުހިންމުކަމަށް މަޖިލީހަށް ފެންނަ ކަންކަމުގައި ރައްޔިތުން ދެކޭ ގޮތް ބެލުމަށް ފެންނަ ނުފެންނަ ވޯޓެއް ނަގަން ރައްޔިތުންގެ މަޖިލީހަށް ނިންމިދާނެ ކަމަށެވެ.

އެ ގާނޫނާ ގުޅިގެން އަމަލުކުރަންވީ ގޮތް ރައްޔިތުންގެ މަޖިލީހުގެ ގަވާއިދުގެ 253-2 މާއްދާގައި ބަޔާންކޮށްފައި އޮވެއެވެ. އެ މާއްދާގެ ހ. ގައި ބަޔާންކޮށްފައި އޮންނަނީ ރައްޔިތުންގެ ހިޔާލު ހޯދުން މުހިންމުކަމަށް ފެންނަ ހާލަތްތަކުގައި މަޖިލިސް މެންބަރަކަށް ވެސް ނުވަތަ މަޖިލީހުގެ ރައީސްއަށް ވެސް ރައްޔިތުންގެ އާންމު ވޯޓު ނެގުމަށް މަޖިލީހަށް ގަރާރެއް ހުށަހެޅިދާނެ ކަމަށެވެ.

އެފަދަ ގަރާރެއް މަޖިލީހަށް ހުށަހަޅައިފި ނަމަ، އެކަން މަޖިލީހުގައި އިއުލާނުކުރުމަށްފަހު، ބަހުސްކުރުމަކާ ނުލައި އެ ގަރާރު ދިރާސާކުރަން މަޖިލީހުގެ ދާއިމީ ކޮމިޓީއަށް ނުވަތަ ވަގުތީ ކޮމިޓީއަކަށް ފޮނުވަންވާނެ ކަމަށް ހަމަ އެ މާއްދާގެ ނ. ގައި ބަޔާންކޮށްފައި އޮވެއެވެ.

އެފަދަ ގަރާރެއް ދިރާސާކުރުމުގެ މަސައްކަތް ކުރަންޖެހޭނެ ގޮތް ބަޔާންކޮށްފައި އޮންނަނީ މަޖިލިސް ގަވާއިދުގެ 253-4 ވަނަ މާއްދާގައެވެ. ރައްޔިތުންގެ އާންމު ވޯޓު ނެގުމަށް މަޖިލީހަށް ހުށަހަޅާ ގަރާރެއް ދިރާސާކޮށް ފުރިހަމަކުރުމަށްފަހު، 14 ދުވަހުގެ ތެރޭގައި މަޖިލީހުގެ ތަޅުމަށް ފޮނުވަންވާނެ ކަމަށް އެ މާއްދާގެ ހ. އަދި ށ. ގައި ބަޔާންކޮށްފައި އޮވެއެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: